Friday, 11 October 2024

ރައީސް ނަޝީދު ވިދާޅުވީ، އިސްތިއުފާ ދެއްވީ މުއައްސަސާތަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރަން ކަމަށް

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވީ މުއައްސަސާތަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރަން ކަމަށް، ކުރީގެ މަޖިލިސް ރައީސް އަދި މަޖިލިހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ ރައީސް ކަމުން އިސްތިޢުފާދެއްވުމަށް، މަޖިލިހުގެ އަމީން އާންމު ފާތުމަތު ނިއުޝާއަށް ފޮނުއްވި ސިޓީއެއްގައި ނަޝީދު ވިދާޅުވީ މަޖިލިހުގައި މިހާރު ހިނގަމުންދާ މައްސަލަ އާއި އެ މައްސަލައާ ހެދި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަށް ކުރާނެ އަސަރުތަކާ މެދު ވިސްނެވި އިރު، މަޖިލިހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީން ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ނުރައްކާވާ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ. އެމްޑީޕީން އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށްފަހު، އެ ޕާޓީން ގެންދަނީ މަޖިލިހުގެ ބާރުތައް އަބަދުގެ އަބަދަށް ހަނިވެގެންދާ އެންމެހާ އަމަލުތައް ހިންގަމުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މީގެކުރިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވިއިރު ވެސް ދައުރު ނުނިމެނީސް އިސްތިއުފާ ދެއްވާފައިވާނީ މުއައްސަސާތަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރަން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވީ ވެސް އެ ބޭނުމުގައި ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ބައްލަވަނީ މުއައްސަސާއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށް ކަމަށެވެ.

މިިދިޔަ ފަސް އަހަރު ސަރުކާރު ވެސް ޖަވާބުދާރީ ކުރެވުނު ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ރައްޔިތުންގެ ނަޒަރަށް ކަންކަން ވެސް ގެނެވުނު ކަމަށް ފާހަގަކުރައްވަމުން، އަމާންކަމާއެކު ވެރިކަން ވެސް ބަދަލުވެގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ލިބިވަޑައިގެންނެވީތީ ވަރަށް އުފާކުރާ ކަމަށާއި، ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތް އޮތީ އުޖާލާކޮށް ކަމަށެވެ.

ރައީސް ނަޝީދު ވަނީ 2012 ވަނަ އަހަރު ދައިއުރު ހަމަނުވަނީސް ރާއްޖޭގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައެވެ. ހަމައެހެންމެ، ދައުރު ހަމަނުވަނީސް މިއަހަރު ކުރީކޮޅު އެމްޑީޕީގެ ރައީސްކަމުން އެމަނިކުފާނު ވަނީ އިސްތިއުފާ ދެއްވައި، ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވިއެވެ. އެންމެފަހުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުންވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު