ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް އިންތިޚާބުކޮށްފިއެވެ.
އެ މަޤާމަށް ކުރިމަތިލެއްވީ އަސްލަމްގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.
ރައީސް ކަމަށް ނެގުނު ވޯޓުގައި އަސްލަމަށް 53 ވޯޓު ލިބިވަޑައިގެންނެވިއިރު، އާޒިމަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.
މަޖިލިހުގެ ރައީސަކު އިންތިހާބު ކުރީ އެ މަޤާމުގައި ހުންނެވި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އީވާ ފާހަގަކުރެއްވި ގޮތުގައި، އަސްލަމަކީ 2005 ވަނަ އަހަރުން ފެށިގެން ހަތަރު މަޖިލިހެއް ތަމްސީލް ކުރެއްވި މަޖިލިހުގައި ހިމެނިވަޑައިގަންނަވާ އެންމެ ދުވަސްވީ މެމްބަރުންގެ ތެރެއިން އެއް މެމްބަރުކަމަށާއި، މެދުކެނޑުމެއް 16 ވަނަ މަޖިލިހާއި 17 ވަނަ މަޖިލިހާއި 18 ވަނަ މަޖިލިހާއި މިހާރު ހިނގަމުންދާ 19 ވަނަ މަޖިލިހުގައި ތަމްސީލުކުރައްވަމުން ގެންދަވާފައިވާ ކަމަށާއި، އޭގެ އިތުރުން މަޖިލިހުގެ އެކިއެކި ކޮމިޓީތަކުގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެއްވުމުގެ އިތުރުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުގެ ޙައިސިއްޔަތުން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
އަސްލަމް ވަނީ މަޖިލިހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީ އާއި ގަވައިދު ކޮމިޓީ އާއި އިގްތިސާދު ކޮމިޓީ އާއި ސުލޫކީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި އަސްލަމް މަސައްކަތް ކުރައްވާފައެވެ. ހަމައެހެންމެ، މިހާރު ހިނގަމުންދާ މަޖިލިހުގައި އަސްލަމަކީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުޤައްރިރެވެ.
މަޖިލިހުގެ ރައީސް ކަމަށް އަސްލަމް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން މަޖިލިހުގެ ރިޔާސަތު ބެލެހެއްޓެވި، މަޖިލިހުގެ ނައިބު ރައީސް އީވާ ވަނީ، އެކަމަނާގެ ނަމުގައާއި އެންމެހާ މެންބަރުންގެ ނަމުގައި އަސްލަމަށް މަރުޙަބާ ދަންނަވައިފައެވެ.
އެއަށްފަހު، މަޖިލިހުގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވުމަށްފަހު، އަސްލަމް މަޖިލިހުގައި ދުވަސްތަކަކަށް މަސައްކަތް ކުރެއްވުމަށް ފަހުގައި، މަޖިލިހުގެ ރައީސް ކަމަށް ގެންނަން ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން މެމްބަރުން އިންތިޚާބުކޮށް ދެއްވި ކަމަށްޓަކައި އެންމެހާ މެމްބަރުންނަށް ޝުކުރު ދަންނަވާ ކަމަށް ވިދާޅުވިއެވެ.