މިނިވަންކަމާ އެކު ނޫސްވެރިކަން ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށާއި، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވަޢުދުވެވަޑައިގެންނެވި ގޮތަށް، މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލިސް ތެރެއިން މަސައްކަތްތަކެއް ކުރައްވަން ނިންމަވާފައިވާ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނޫސްވެރިންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްޞަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ. މުއިއްޒު ވިދާޅުވީ މީޑިއާ ކުރިއެރުވުމަށާއި ނޫސްވެރިކަން ކުރިއެރުމަށް ނޫސްވެރިންގެ ޚިޔާލާއި މަޝްވަރާ ބޭނުންވާނެ ކަން ކެމްޕެއިންގެ ތެރޭގައި ވިދާޅުވެފައިވާނެ ކަމަށާއި، ނޫސްވެރިން ދޭ ޚިޔާލުތަކާއި މަޝްވަރާތަކާ އެކުގައި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރަމުން ގެންދާނެ ކަމަށެވެ.
އިންތިޤާލީ މަރުހަލާގެ ތެރޭގައި ވަރަށް ގިނަ ސީނިއާ ނޫސްވެރިންނާ ބައްދަލު ކުރެއްވި ކަން ފާހަގަކުރައްވަމުން، މުއިއްޒު ވިދާޅުވީ މީޑިއާ ކުރިއެރުވުމަށާއި ނޫސްވެރިކަން ކުރިއެރުމަށް ދިމާވެފައިވާ ދަތިކަން ޙައްލު ކުރަން ބޭނުންފުޅުވާ ކަމަށާއި، ދައުލަތުގެ ބަޖެޓުން ކޮންމެވެސް ކަހަލަ އިންސައްތައެއް ހަމަޖެއްސުމަށް ކެމްޕެއިން ތެރޭގައި ވައުދުވެވަޑައިގެންނެވި ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް 49.5 ބިލިއަން ރުފިޔާގެ ބަޖެޖު މަޖިލިހަށް ފޮނުވުމުގެ ކުރިން އިންތިޚާބީ ރައީސްގެ އޮފީހަށް ލިބުނު ފުރުސަތުގައި ސީނިއާ ބައެއް ނޫސްވެރިންނާ މަޝްވަރާ ކުރެވިފައި ނުވާތީ ސީދާ ވަކި އިންސައްތައެއް މީޑިއާތަކަށް ދޭން ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށް ފާހަގަކުރައްވަމުން، މަޖިލިހުގެ ކޮމިޓީ މަރުޙަލާގައި އެކަމުގައި ގޮތެއް ކަނޑައަޅަން މަސައްކަތް ކުރައްވާނެ ކަން ވެސް މުއިއްޒު ވަނީ ހާމަކުރައްވައިފައެވެ.
މުއިއްޒު ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ މެމްބަރުން މަޖިލިހުގައި ވަރަށް ބޮޑަށް މަދުއިރު، ދަ ޑިމޮކްރެޓްސްގެ މެމްބަރުންނާއި ޚާއްޞަކޮށް އެމްޑީޕީގެ މެންބަރުން މިކަމުގައި އެއްބާރުލުން ދެއްވުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
"އެބޭފުޅުން އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވައިފިއްޔާ މިފަހަރު ފާސްވާ ބަޖެޓުގެ ތެރޭގައި ވެސް އެކަމަށް ޖާގަ އުފެދިގެން ދާނެ،" މުއިއްޒު ވިދާޅުވިއެވެ.
ބަޖެޓުން ވަކި އިންސައްތައެއް މީޑިއާތަކަށް ކަނޑައެޅުމުން ހަމަޖެހޭ، ދެފުށް ފެންނަ، ޒިންމާދާރު އޫސުލަކާއި ޤަވައިދެއް ހެދެން ޖެހޭނެ ކަމަށާއި، އޭގެ ތަފްސީލަށް ވަޑައިނުގަތަސް، އެ މަރުހަލާ ކަޑައްތު ކުރަން ޖެހޭ ކަމަށާއި އެކަމުގެ އުސޫލު ގެޒެޓްވެސް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"ކަޑައްތުކޮށް ޕަބްލިޝް ކުރެވޭ އުސޫލެއްގެ ތެރެއިން ފައިސާ ދެވޭނެ،" މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމަށް ވައުދުވެވަޑައިގެންފައި ވަނީ މިދިޔަ ސެޕްޓެމްބަރު 14 ވަނަ ދުވަހު އދ. މަހިބަދޫގައި ބޭއްވި ޖަލްސާގައެވެ.
އޭރު އެމަނިކުފާނު ވިދާޅުވެފައިވަނީ، ނޫސްވެރިން ނުވަތަ މީޑިއާއަކީ ޑިމޮކްރަސީއެއް ވަރުގަދަ ކުރުމުގައި އެންމެ މުހިންމު އެއް ފަރާތް ކަމަށާއި، ސަރުކާރެއް ޖަވާބުދާރީ ކުރުވުމުގައި ވެސް އެންމެ އިސްދައުރެއް އަދާކުރާ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރަކީ ނޫސްވެރިން ކަމަށްވީ ނަމަވެސް މި ސަރުކާރުގައި ފެނުނީ ނޫސްވެރިކަން އަޅުވެތިކޮށްފައިވާ މަންޒަރު ކަމަށެވެ.
"ސަރުކާރުގެ ކޮންމެވެސް ކުންފުންޏަކުން ބައެއް ފަހަރު މިހާރު ވެއްޖެއްޔާ ރައީސް އޮފީހުން ފައިސާ ދޭ ވާހަކަ އިވެނީ. އެގޮތަށް އެކަން ވީމާ ސަރުކާރުގެ ބާރާއި ނުފޫޒު ނޫސްވެރިކަމަށް ފޯރާ." މުއިއްޒުއެވެ.
މީޑިއާ ހިންގުމަށް ޚާއްސަ މީޑިއާ ވިލެޖެއް މާލެ ސަރަޙާއްދުގައި ތަރައްޤީކޮަށްދެއްވާނެކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނޫސްވެރިންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްޞަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ މީޑިއާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ބޭއްވި މިހަފްލާގައި ނޫސްވެރިން ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާއި، މި ދާއިރާ ތަރައްޤީކުރަން ބޭނުންވާ ގިނަ ޚިޔާލުތަކެއް އިންތިޚާބީ ރައީސާއި ހިއްސާކުރައްވާފައެވެ. އެގޮތުން ނޫސްވެރިން ހިއްސާކުރި ކަންބޮޑުވުންތަކުގެ ތެރޭގައި އަމިއްލަ މީޑިއާތައް ހިންގުމަށް ތަންތަން ކުއްޔައް ހިފުމުގެ ސަބަބުން ކުރަންޖެހޭ ބޮޑު ހޭދަ ފާހަގަކުރިއެވެ. އަދި ނޫސްވެރިންނަށް ތަމްރީނާ ހުނަރު ދަސްކޮށްދިނުމުގައި ހުރި ދަތިތަކާއި، މީޑިއާ ހިންގުމަށް ދިމާވާ މާލީ ދަތިތައްވެސް ނޫސްވެރިން ފާހަގަކުރިއެވެ. އަދި މިހާރަށްވުރެ ދެފުށް ފެންނަ އަދި ހަމަހަމަ ފުރުސަތުތަކެއް މީޑިއާތަކުގެ މެދުގައި ޤާއިމުކޮށްދެއްވުމަށްވަނީ އެދިފައެވެ.
ނޫސްވެރިންނަށް ތަޢުލީމާއި ހުނަރުގެ ފުރުޞަތުތައް ފަހިކޮށްދެއްވުމާއި ގުޅޭގޮތުން އިންތިޚާބީ ރައީސް ވިދާޅުވީ، ނޫސްވެރިކަމުގެ ދާއިރާގެ ކޯސްތަކުގައި ކޮންމެ އަހަރަކުވެސް ވަކި އަދަދަކަށް ހިލޭ ސްކޮލަޝިޕް ދީގެން ކިޔެވޭނެ އިންތިޒާމް ފަހިކޮށްދެއްވާނެކަމަށެވެ. މިއީ މިދާއިރާގައި ތަޢުލީމީ ނޫސްވެރިން އުފެދިގެންދާނެ ކަމެއްގެ ގޮތުގައި އިންތިޚާބީ ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަކީ އިންތިޚާބީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.