Thursday, 20 June 2024

49.5 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހަށް ހުށަހަޅައިފި

2024 ވަނަ އަހަރަށް ލަފާކުރާ 49.5 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއަށް ބަޖެޓް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ.

ފިނޭންސް މިނިސްޓަރ ހުށަހެޅުއްވި 2024 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 49,549,713,738 (ސާޅީސް ނުވަ ބިލިއަން، ފަސްސަތޭކަ ސާޅީސް ނުވަ މިލިއަން، ހަތް ލައްކަ ތޭރަހާސް، ހަތްސަތޭކަ ތިރީސް އަށް) ރުފިޔާއެވެ. މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނީ 47.3 ބިލިއަން ރުފިޔާއެވެ. އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 34.8 ބިލިއަން ރުފިޔާ، އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 12.5 ބިލިއަން ރުފިޔާއެވެ. މީގެއިތުރުން ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ 2.2 ބިލިއަން ރުފިޔާއެވެ.

2024 ވަނަ އަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް 14.0 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ތަކެއްޗާއި ޚިދުމަތް ހޯދުމާއި، ދަތުރުފަތުރާއި މަރާމާތު ފަދަ ރިކަރަންޓް ޚަރަދުތަކަށް 6.1 ބިލިއަން ރުފިޔާ، އަދި ސަބްސިޑީ އާއި އެހީ ދިނުމަށް 9.4 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ހަމައެހެންމެ، ލޯނުގެ ޚިދުމަތުގެ ޚަރަދަށް 5.2 ބިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ބަޖެޓުކޮށްފައިވެއެވެ. ކެޕިޓަލް ޚަރަދުތަކަށް ބަލާއިރު، އެންމެ ބޮޑަށް ޚަރަދުކުރެވޭނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމަށެވެ. އެއީ ތަރައްޤީގެ މަޝްރޫޢުތަކަށް ހިނގާނެ 8.7 ބިލިއަން ރުފިޔާއެވެ.

މަޖިލިހުގެ ޖަލްސާއަށް ބަޖެޓް ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ދައުލަތުގެ އެކި ދާއިރާތަކަށް ޚަރަދުކުރާއިރު، ދައުލަތުގެ ބަޖެޓުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ހިއްސާކުރަނީ އިޤްތިސާދީ އަދި ސިނާއީ ކުރިއެރުމަށް ކުރާ ޚަރަދު ކަމަށެވެ.

މި ޚަރަދުތަކުގެ އިތުރުން، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މިހާރު ކުރިއަށްދާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއާއި، އިތުރު ޑޮމެސްޓިކް އެއަރޕޯޓު ތަރައްގީކުރުމާއި، ތިލަމާލެ ބްރިޖުއާއި ރައްޔިތުންގެ ފައިދާއަށް ދެވޭ ސަބްސިޑީ ހިމެނޭ ކަމަށް ފާހަގަކުރައްވަމުން، މިއީ ރާއްޖޭގެ އިޤްތިސާދީ ހަރަކާތްތައް ފުޅާކޮށް، ބޮޑު ބަދަލެއް ގެނައުމަށް މުހިއްމު މަޝްރޫއުތަކާއި ޕްރޮގްރާމްތަކެއް ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ، ބަޖެޓުން ދެން އެންމެ ބޮޑު ހޭދައެއް ކުރެވެނީ ސިއްހީ ދާއިރާއަށް ކަމަށާއި، ސިއްހީ ދާއިރާގެ ޚަރަދުގެ ތެރޭގައި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ، އާސަންދަ، މެޑިކަލް ކޮންސިއުމަބަލްސް އަދި އެކި ރަށްރަށުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ހިމެނޭ ކަމަށެވެ.

ޞިއްޙީ ދާއިރާގެ ޕޭހާމަނައިޒްކުރުމުން އެ ދާއިރާގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށް މަގުފަހިވާ ކަމަށާއި، އެކަމުގެ ސަބަބުން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް އާންމު ރައްޔިތުންނަށް ލިބިދެވޭކަން ޔަޤީންކުރުމަށް ދައުލަތުން ކޮންމެހެންކުރަންޖެހޭ ޚަރަދުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް، ސްކޫލުތަކުގެ ހިންގުމުގެ ޚަރަދު އަދި ސްކޫލް އިމާރަތްކުރުމަކީ މި ދާއިރާގެ ޚަރަދުގެ ތެރޭގައި ހިމެނޭ މުހިއްމު ބައިތައް. މީގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމަށާއި، އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި ގެދޮރު އިމާރާތްކުރުމާއި އިޖުތިމާޢީ ފައިދާއަށް ދައުލަތުގެ ބަޖެޓުން އިސްކަމެއް ދީގެން ޚަރަދުކުރޭ. އަންނަ އަހަރަށްވެސް ބަޖެޓުގައި ރާވާފައިވާނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވިސްނައިގެން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ، ބިލު ޖީލެއް އުފައްދައި، މުސްތަގުބަލުގެ އިގުތިސާދީ އަދި އިޖުތިމާއީ ދެމެހެއްޓެނެވިކަން ކަށަވަރުކުރުމަށް ސަރުކާރުން ތައުލީމީ ދާއިރާއަށް ޚަރަދުކުރަން ޖެހޭ ކަމަށާއި، ތައުލީމީ ދާއިރާގެ ޚަރަދަކީ 2024 ވަނަ އަހަރުގެ ބަޖެޓުގެ ދިހަބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދެއް ކަމަށެވެ.

އަމީރު ވިދާޅުވީ، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެދިވަޑައިގެންނެވި ކަންކަންވެސް އެދިވަޑައިގެންނެވި މިންވަރަށް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށާއި، ބަޖެޓް އެކުލަވާލުމުގެ މަރުޙަލާގައި އިންތިޚާބީ ރައީސްގެ އޮފީހުން އެކުަލަވާލައްވާފައިވާ އެކިއެކި ކޮމިޓީތަކާ މަޝްވަރާކުރެއްވި ކަމަށެވެ.

ބަޖެޓް ހުށަހަޅުއްވާ ނިންމަވާލައްވަމުން މިނިސްޓަރ އެދިވަޑައިގަތީ ވީހާވެސް އަވަސް ފުރުޞަތެއްގެ ތެރޭގައި ބަޖެޓް ފާސްކޮށްދެއްވުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު