Friday, 11 October 2024

އާސަންދަ ރިފޯމްކުރަންޖެހޭކަން، ވެރިކަމުން ފައިބަން 2 ދުވަހަށްވުމުން އަމީރަށް އެނގިވަޑައިގެންފި

ދެމެހެއްޓެނިވި ގޮތެއްގައި އާސަންދައިގެ ނިޒާމު ހިންގުމަށްޓަކައި އެ ނިޒާމު ރީފޯމް ކުރަން ޖެހޭ ކަން، 5 އަހަރު ފަހުން ވެރިކަމުން ފައިބާވަޑައިގަންނަވަން 2 ދުވަހަށް ވުމުން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް އެނގިވަޑައިގެންފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓްހުށަހަޅުއްވާއިރު، މި އަހަރުގެ ބާކީ ހަރަދުތައް ހަމަޖެއްސުމަށް ސަރުކާރުން ވަނީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައިފައެވެ. ސަޕްލިމެންޓްރީ ބަޖެޓުގައި 1.2 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވަނީ އާސަންދައަށް ކަން ފާހަގަކުރެވެއެވެ.

އާސަންދައަށް ބަޖެޓުގައި ހިމެނި ހަރަދު އިތުރުވެފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު ބޭސްފަރުވާގެ ހިދުމަތް ހޯދުން މަޑުޖެހިފައިވުމަށްފަހު، މި އަހަރު ރައްޔިތުން ބޭސްފަރުވާގެ އެކިއެކި ހިދުމަތް ހޯދާ މިންވަރު އިތުރުވެފައިވާތީ ކަމަށް ފާހަގަކުރައްވަމުން، ދެމެހެއްޓެނިވި ގޮތެއްގައި އެ ނިޒާމު ކުރިއަށް ގެންދިއުމަށް ބޮޑެތި ރީފޯމްތަކެއް ގެންނަން ޖެހޭ ކަމަށް އަމީރު ވިދާޅުވިއެވެ.

މި އަހަރަށް ހުށަހަޅާ ސަޕްލިމެންޓަރީ ބަޖެޓުން އާސަންދައަށް 1.2 ބިލިއަން ރުފިޔާ، ސަބްސިޑީ އަށް 1.8 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕީއެސްއައިޕީ މަޝްރޫތަކަށް 1.8 ބިލިއަން ރުފިޔާ އާއި ލޯނުން ހިންގާ މަޝްރޫތަަކށް 1.1 ބިލިއަން ރުފިޔާ ސަޕްލިމެންޓަރޫ ބަޖެޓުން ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

"ބޭސްފަރުވާގެ ޔަގީންކަން ރައްޔިތުންނަށް ހޯދައިދިނުމަށް މިއީ މުހިއްމު ދައުރެއް އަދާކުރާ ނިޒާމެއް. މި ނިޒާމުގައި ހިމެނޭ ލީކޭޖްތައް ރަނގަޅުކުރުމަށްޓަކައި މި އަހަރުގެ ތެރޭގައި ބަލްކް ޕްރޮކިއުމަންޓްގެ ދަށުން ބޭސް ހޯދުމުގެ ސިޔާސަތު ފެށުމަށް ރޭވި، ޔޫއެންޑީޕީ އާއެކު ވަނީ ގަނޑުކޮށް ބޭސް ގަތުމުގެ އިންތިޒާމް ހިމެނޭ އެއްބަސްވުމެއް ހަދާފައި،" އަމީރު ވިދާޅުވިއެވެ.

މިހާ ހިސާބަށް އައުން ލަސްވުމާއި އޯޑަރު ޖެހުން ލަސްވެފައިވާތީ އާސަންދައިގެ ހަރަދުން ލިބޭނެ ކަމަށް އަންދާޒާ ކުރި ސޭވިން ކުރިން އަންދާޒާ ކުރި ވަރަށް ރިއަލައިޒްވެފައި ނުވާކަމަށާއި، އާސަންދަ ސްކީމަށް ބޭނުންވާ ޚަރަދުތަކަށް މި އަހަރު ފާސް ކުރި ބަޖެޓަށް ވުރެ އިތުރަށް ޚަރަދުދާ ކަމަށް އަމީރު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު