15 ޖަނަވަރީ 2025

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާން ޕޮލިޓެކްނިކްގައިވެސް ހެދޭނެ

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާން ޕޮލިޓެކްނިކްގައި ވެސް ކުރިއަށްދާ ގޮތަށް ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، އެ މިނިސްޓްރީން ރައްޔިތުންނަށް ފޯރޮކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު، މާދަމާ އިން ފެށިގެން މޯލްޑިވްސް ޕޮލިޓެކްނިކްއިން ވެސް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގައި އެއްގަމު އުޅަނދުގެ ލައިސަންސްގެ ތިއަރީ ޓެސްޓް ހެދުމަށް މިނިސްޓްރީން ނިންމާފައިވާއިރު، މީގެ ކުރިން ލައިސަންސްގެ ތިއަރީ ޓެސްޓް ހަދަނީ ޓްރާންސްޕޯޓް މިނިސްޓްރީގައެވެ.

ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާ ވިދާޅުވެފައިވަނީ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއެކު މިވެވުނު އެއްބަސްވުމުގެ ސަބަބުން އެއްގަމު އުޅަނދު ދުއްވުމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ބާރަކަށް ވެގެންދާނެކަމަށެވެ.

ބުދަ ދުވަހުން ފެށިގެން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު، ޕޮލިޓެކްނިކްއިން ކުރިއަށް ގެންދިއުމަށް ނިންމެވުމުން ގްރޭޓަރ މާލެއިން ޚިދުމަތަށް އެދި ސަވާރީ އިންފްމޭޝަން މެނޭޖްމަންޓް ސިސްޓަމް (ސިމްސް) އިން ހުށައަޅާއިރު ތިއަރީ ހަދާ ސެންޓަރެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިޓެކްނިކް ނެއްގެވުމަށް އަންގަވާފައެވެ. މި ބަދަލާއެކު ޓްރާންސްޕޯޓް މިނިސްޓްރީއާއި ޕޮލިޓެކްނިކްއިންވެސް މިހާރު އިމްތިހާން ހެދޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ ހިންގުން ހުޅުމާލޭގައި ސަރުކާރުން ތަރައްޤީކުރި ޢުމަރު ޒާޙިރު އޮފީސް އިމާރާތަށް ބަދަލުކުރުމާއެކު، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނާއި ޕްރެކްޓިކަލް އިމްތިހާނު ހަދަންވެސް ދާން ޖެހެނީ ހުޅުމާލެއަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު