Saturday, 13 April 2024

ޝަރުތުތަކަކާއެކު ޔަހޫދީ އަސީރުން މިނިވަން ކުރަން ތައްޔާރު: ޙަމާސް

ޙަމާސް ޖަމާޢަތުން އޮކްޓޫބަރު 7 ވަނަ ދުވަހު ރަހީނު ކުރި ޔަހޫދީންގެ ތެރެއިން 70 އަސީރުން މިނިވަން ކުރަން ތައްޔާރަށް އޮތް ކަން އެ ޖަމާޢަތުން ހާމަކޮށްފިއެވެ.

ޣައްޒާގައި ވެރިކަން ކުރާ ޙަމާސްއިން އެ މީހުން ރަހީނު ކޮށްފައި ވަނީ އޮކްޓޫބަރު 7 ވަނަ ދުވަހު ޒަޔަނިސްޓު އިސްރާޢީލުގެ ރަށްތަކަށް އަރައި ހިންގި އަސްކަރީ ކެމްޕޭނުގައެވެ.

ޙަމާސް ޖަމާޢަތުގެ ބްރިގޭޑްސްއިން ބުނީ އަސީރުންގެ ތެރޭގައި ހިމެނޭ 70 އެއްހާ އަންހެނުންނާއި ކުޑަކުދިން މިނިވަން ކުރަން އެ ޖަމާޢަތުން ތައްޔާރު ކަމަށާއި، މި ކަމުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަމުންދާ ޤަޠަރުގެ އޮފިޝަލުންނާ އެ ކަން ހިއްސާ ކޮށްފައިވާނެ ކަމުގައެވެ.

ހަމައެހެންމެ، އަސީރުން މިނިވަން ކުރާނީ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ފަސް ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލަން ޔަހޫދީން އެއްބަސްވުމުން ކަމުގައި ވެސް އެ ޖަމާޢަތުން ބުންޏެވެ.

"އަސީރުން މިނިވަން ކުރުމާ ގުޅޭގޮތުން ޤަޠަރާ އެކު މި ދަނީ މަޝްވަރާ ކުރަމުން. ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރާނީ ހައްޔަރު ކޮށްފައިވާ ފަލަސްޠީނުގެ 200 ކުޑަކުދިން މިނިވަން ކުރުމުން،" ހަމާސް ވިދާޅުވިއެވެ.

ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރާނީ ޣައްޒާއަށް ދެމުންދާ ހަމަލަތައް މެދުކަނޑައިލާ، ޣައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޔަހޫދީން އެއްބަސްވުމުން ކަމުގައިވިޔަސް، ޔަހޫދީން ދަނީ އެ ކަމަށް އެއްބަސްވާން ދެކޮޅު ހަދަމުން ކަން މީޑިޔާ ރިޕޯޓްޓައް ބުނެއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންދާ ރަޙުމު ކުޑަ ހަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 11,200 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 4,500 އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމް ކުޑަކުދިން ވެސް ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 24,000 އަށްވުރެ މައްޗަށް އުފުލިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *