Friday, 11 October 2024

އުމުރުން 78 ވީއިރު، ޣައްޒާގައި ހިންގަމުންދާފަދަ ލާއިންސާނީ އަނިޔާވެރިކަމެއް ދުވަހަކުވެސް ނުދެކެން: ބްރެޒިލްގެ ރައީސް

ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ޣައްޒާގައި ހިންގަމުންގެންދާ ފަދަ ލާއިންސާނީ ޖަރީމާތަކެއް، އުމުރުން 78 އަހަރުފުޅުވީއިރު ދެކެވަޑައިގެންފައި ނުވާކަމަށް ބްރެޒިލްގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑަސިލްވާ ވިދާޅުވެއްޖެއެވެ.

ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން ބުރެޒިލުގެ އެތައް ސަތޭކަ ރައްޔިތުންނެއް ވަނީ އަނބުރާ ޤައުމަށް ގޮސްފައެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންދާ ރަޙުމު ކުޑަ ހަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 11,240 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 4,630 އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމް ކުޑަކުދިން ވެސް ހިމެނެއެވެ. އޭގެ ތެރޭގައި 3،130 އަންހެނުން ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 27،490 އަށްވުރެ މައްޗަށް އުފުލިފައެވެ. ޒަޚަމުވެފައިވާ މީހުންގެ ތެރޭގައި 8،663 ކުޑަކުދިން ހިމެނެއެވެ.

ބްރެޒިލްގެ ރައީސް މިހެން ވިދާޅުވީ، ޣައްޒާއިން ސަލާމަތުން ނެރުނު ބްރެޒިލްގެ ރައްޔިތުންނާއި، ފަލަސްތީނު ނަސްލުގެ ބްރެޒިލް ރައްޔިތުން ދަތުރުކުރި މަތިންދާ ބޯޓު ބްރެޒިލްއަށް ޖެއްސި ވަގުތު އެމީހުންނަށް މަރުޙަބާ ކިޔުުއްވުމަށް ފަހުގައެވެ.

އެ ރަސްމިއްޔާތަށްފަހު،  ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ބްރެޒިލްގެ ރައީސް ލޫލާ ވިދާޅުވީ، އިސްރާއީލުން ޣައްޒާގައި ހިންގަމުންގެންދަނީ ވަރަށް އަނިޔާވެރި، ލާއިންސާނީ ޖަރީމާތަކެއް ކަމަށާއި، އުމުރުން 78 ވީއިރު، ހަމަނުޖެހުމާއި އަނިޔާވެރިކަން ވަރަށް ދެކެވަޑައިގެންފައިވާ ކަމަށާއި، ނަމަވެސް، ޣައްޒާގައި ކުށެއްނެތް އާންމުންނާ ދެކޮޅަށް އިސްރާޢީލުން ހިންގަމުން ގެންދާފަދަ ލާއިންސާނީ އަނިޔާވެރިކަމެއް ދުވަހަކުވެސް ނުދެވަޑައި ނުގަންނަވާ ކަމަށެވެ.

ބްރެޒިލްގެ ރައީސް އިތުރަށް ވިދާޅުވެފައިވަނީ، ހަމާސްއިން ހިންގީ ޓެރަރިޒަމްގެ އަމަލެއް ކަމުގައިވިޔަސް، ރައްދުގައި އިސްރާއީލުން ކުށެއްނެތް ކުޑަކުދިންނާއި، އަންހެނުންނާ ދެކޮޅަށް ހިންގަމުންގެންދަނީ ވަރަށް އަނިޔާވެރި، ލާއިންސާނީ ޖަރީމާތަކެއް ކަމަށެވެ.

ބްރެޒިލްގެ ރައީސް ވިދާޅުވީ، ސްކޫލްތަކާއި، ހޮސްޕިޓަލްތަކަކީ ވަރަށް ބުރަ މަސައްކަތުން އިމާރާތްކުރާ ތަންތަން ކަމަށާއި، އެތަންތަން ސުންނާފަތި ކުރެވިގެން ނުވާނޭ ކަމަށާއި، ސުލްހައަށް ބްރެޒީލުން ކުރަމުންދާ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށެވެ.

ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށްޓަކައި ބްރެޒީލުން ކުރަމުންދާ މަސައްކަތުގައި، އިންސާނީ ސުލޫކު އިސްކޮށް އެއްބާރުލުން ދިނުމަށް ދުނިޔޭގެ އެހެން ޤައުމުތަކުގެ ރައީސުންނަށް ގޮވާލައްވާފައިވެއެވެ.

ޣައްޒާގެ އެތަން މިތަނަށް އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ބޮންއަޅައި ސުންނާފަތި ކުރަމުންދާ މައްސަލައަށް ދުނިޔޭގެ ގިނަ ޤައުމުތަކުގެ ފާޑުކިޔުންތައް ވަނީ އިސްރާއީލަށް އަމާޒުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު