Sunday, 06 October 2024

ފުލުހުން ވިދާޅުވަނީ އެފްއޭއެމްގެ ވެރިން ނަހަމަ ގޮތުގައި ފައިސާ ބޭނުންކޮށްފައިވާ ކަމުގެ ކިތާބީ އެކި އެބަހުރިކަމަށް

ފުޓުބޯޅައިގެ މައި އިދާރާ، ފީފާ އާއި އޭއެފްސީންނާއ،ި އެކި ގޮތްގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ލިބޭ ފައިސާ، އެ ޖަމްޢިއްޔާގެ ވެރިން ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމުގެ ކިތާބީ ހެކި ފެންނަން އެބަހުރިކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ޕީޖީގެ އަމުރެއްގެ ދަށުން، ފުލުހުން ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ޕްރޮސިކިއުޓާ ޖެނެރަލުގެ އަމުރަށް އެފްއޭއެމް ހައުސްއަށް ވަދެފައެވެ. އަދި އެ އިދާރާއަށް ވަދެ ފުލުހުން ވަނީ ގިނަ އަދަދެއްގެ ސާމާނު ގެންދަވާފައެވެ. ފުލުހުން ގެންދެވި ތަކެތީގެ ތެރޭގައި، ހާޑް ޑިސްކާއި ލިޔެކިޔުން އަދި ސާވާ ބެކަޕް ހިމެނޭ ކަމަށް ފުލުުހުން ހާމަކުރައްވާފައިވެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ވަނީ ދާދިފަހުން ތަފްސީލީ މައުލޫމާތު ހާމަކޮށްފައެވެ. ފުލުހުން ބުނީ އެފްއޭއެމުގެ ރައީސް ހިމެނޭހެން އެ އިދާރާގެ ބައެއް އެހެން ފަރާތްތަކުގެ މައްޗަށް ފަރުދީގޮތުން ތުހުމަތުކުރެވޭ ޖިނާއީ ކުށްތަކެއްގެ ތަހުގީގުކުރުމަށް އެފްއޭއެމަށް ވަދެފައިވަނީ އެތަނުގައި ހުރި ލިޔެކިއުންތަކާއި ޑިޖިޓަލް ވަސީލަތްތަކުގައި މި މައްސަލަތަކާ ގުޅޭ ހެއްކާއި ގަރީނާ ލިބެންހުރި ކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުމުން ކަމަށެވެ.

ހަމައެހެންމެ، ފުލުހުން ހިންގެވި ތަހުގީގުތަކުން އެފްއޭއެމަށް ލިބޭ ބޭރު ފައިސާ އަމިއްލަ ފަރާތްތަކުގެ އެކައުންޓުތައް މެދުވެރިކޮށް މުއާމަލާތްތައް ހިންގާފައިވާކަމުގެ ހެކި އެބަހުރި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

އެފްއޭއެމުގެ މާލީ މުއާމަލާތްތަކަށް ތަފްސީލު ގޮތެއްގައި ބަލަންޖެހޭނެތީ ޕީޖީގެ ލަފަޔާއެކު އެ އިދާރާގެ ޚާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓާ ޖެނެރަލުގެ އޮފީހާއެކު މަޝްވަރާކުރަމުން އަންނަ ކަމަށްވެސް ވަނީ ފުލުހުން ވިދާޅުވެއެވެ.

މި ތަހްގީގާ ގުޅިގެން އެފްއޭއެމުން ވަނީ ފުލުހުންގެ މި ތަހުގީގަކީ ޒާތީ ކަމެއްގެ ގޮތުގައި އަދި ހާލަތުގެ ފައިދާ ނެގުމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. މިކަމަށް ރައްދުދެއްވައި ފުލުހުން ވިދާޅުވީ، މި ތަހުގީގަކީ މާލީ މުއާމަލާތްތަކުގެ ކިތާބީ ހެކިތަކުގެ މައްޗަށް ހިންގާ ތަހުގީގެއް ކަމަށާއި، މިއީ ޒާތީ ކަމެއްގެ ގޮތުގައި ސިފަކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، ތަހުގީގު ކުރިއަށްދާގޮތުގެ ތަފުސީލުތައް ޕީޖީ އޮފީހާއި ހިއްސާކުރަމުންދާ ކަމަށެވެ.

ފީފާ އާއި އޭއެފްސީން އެ އިދާރާއަށް ދޭ ފައިސާގެ ކަންކަން ގަވާއިދުން އޮޑިޓުކުރަމުން އަންނަ ކަމަށް އެފްއޭއެމް އިން ވިދާޅުވެއެވެ. އެ އޮޑިޓުގެ ރިޕޯޓުތައް ފީފާ އާއި އޭއެފްސީއަށް ހިއްސާކުރާ ކަމަށާއި، ކަމެއް ގޯސްކޮށް އުޅޭނަމަ އެކަން ފެންނާނެ ކަމަށްވެސް އެފްއޭއެމްއިން ފާހަގަކުރައްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު