Thursday, 18 April 2024

މިއީ ސަޕްލިމެންޓްރީ ބަޖެޓެއް ނޫން؛ މިއީ ވައްކަމުގެ ރަސީދެއް: ރައީސް ނަޝީދު

ސަރުކާރުން ހުށަހަޅާފައިވަނީ، ސަޕްލިމެންޓްރީ ބަޖެޓެއް ނޫން ކަމަށާއި، ހުށަހަޅާފައިވަނީ ވައްކަމުގެ ރަސީދެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓާއި ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ، މި ސަރުކާރުގެ ކިބައި އަވަހަށް ސަލާމަތްވީތީ ޝުކުރުވެރިވާ ކަަމަށާއި، ރައީސް ޞާލިޙްގެ ސަރުކާރަށް މާލިއްޔަތު ބަލަހައްޓަން ނޭނގުނު ކަމަށާއި، ހުށަހަޅާފައިވަނީ، ސަޕްލިމެންޓްރީ ބަޖެޓެއް ނޫން ކަމަށާއި މިއީ ވައްކަމުގެ ރަސީދެއް ކަމަށެވެ.

ސަރުކާރުން މިހާރު ކުރަމުން ދާ މަސައްކަތަކީ ދައުލަތް ބަނގުރޫޓުކޮށްލުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނިމެން މިދާ ރައީސް ޞާލިހްގެ ސަރުކާރުގައި އެންމެ ބޮޑަށް ފާހަގަވާ ކަމަކީ ކޭޝް ފްލޯ ބަލަހައްޓަން އެނގިވަޑައިނުގަތުންކަމަށާއި، މިއީ ސަޕްލިމެންޓްރީ ބަޖެޓެއް ހިއްޕަވައިގެން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެއް ނޫން ކަމަށާއި، މިފަހަރު މިވާ ގޮތަކީ ކެޔޮކޭވަރު މާބޮޑަށް އެނގުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ދައުލަތުގެ ފައިސާ ހަރަދު ކުރުން އޮންނަނީ މަޖިލީހުން ފާސްކުރީމާ ފާސްކުރި މިންވަރަކަށް ފާސްކުރާކަމަކަށް ފާސްކުރި ދުވަހަކަށް ކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރުން އެދިވަޑައިގަންނަވާ ކަންކަމަކަށް ދަ ދައުލަތުގެ ފައިސާ ހަރަދު ކުރުމެއް ނޯންނަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ދައުލަތުގެ ބަޖެޓަކީ ގައުމުގެ ތަރައްޤީއަށް މަޖިލީހުން ފާސްކުރާ ކަންތައްތަކަށް ޚަރަދުކުރުމަށް އޮންނަ ބަޖެޓެއް ކަމަށާއި، އެބަޖެޓުން ވަޒީރުންގެ ކަންތައްތަކަށް ޚަރަދުކުރާކަށް ނުޖެހޭނެ ކަމަށެވެ.

"ދައުލަތުގެ ފައިސާ ހަރަދު ކުރުމެއް ނޯވޭ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ކަންކަމަށް ނުވަތަ ވަޒީރު ބޭފުޅުން އެދިވަޑައިގަންނަވާ ކަންކަމަކަށް. ދިމާވެގެން މިއުޅެނީ ސަރުކާރަށް ދައުލަތުގެ މާލިއްޔާ ނުބެލެހެއްޓުނު މައްސަލަ." ނަޝީދު ވިދާޅުވިއެވެ.

44 ވަނަ ހަފްތާގެ ތަފާސް ހިސާބުތައް ނޮވެމްބަރ 02 ވަނަ ދުވަހު ނެރުއްވާފައި އެބައޮތް ކަމަށް ވިދާޅުވެ، ކޮންމެ ހަފްތާއަކު ފިނޭންސް މިނިސްޓްރީން ނެރެން ޖެހޭ ސަރުކާރުގެ ޚަރަދުތަކުގެ ތަފްސީލްތަކަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެ މައުލޫމާތައް ބަލާއިރު ހައުސިން މިނިސްޓްރީގެ ބަޖެޓް އެކީ ހުސްވެފައި އޮތްކަން އެބަ އެނގޭކަމަށެވެ.

"އެހެނެއް ނުހެއްދެވޭނެ. މިއީ އަޅުގަނޑުމެން އެދޭހާ ބަޔަކަށް ބަހާލަން ހުރި ފައިސާއެއް ނޫން. ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ކޮންޓްރޯލް ނެންގުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނަށް ހޮޅި ގަންނާށާއި ބްރިކްސް ގަންނާށާއި ދެން ވެސް އޮތް އެހެން އެއްޗެއް ގަންނަން ދޭ ފައިސާއެއް ނޫން." ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ނަޝީދު ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ބަޖެޓު ހުސްވިއިރު، އާސަންދަ އަށް ޚަރަދު ކުރަން ޖެހޭ ކަމަށާއި މުސާރަ ވެސް ދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދަރަނި އަނބުރާ ދައްކަން ވެސް ފައިސާ ދޭން ޖެހޭ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *