Friday, 04 October 2024

ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު އަސްލަމް ޢައްޔަނުކުރައްވައިފި

ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު އަސްލަމް ޢައްޔަނުކުރައްވައިފިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް މުޙައްމަދު އަސްލަމް ޢައްޔަނުކުރެއްވުމާ ގުޅިގެން، އެމަނިކުފާނު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ. އަސްލަމަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާންއެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަނުކުރެއްވި ކަމުގެ ލިޔުން، މުޙައްމަދު އަސްލަމަށް ވަނީ ޙަވާލުކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް އިންތިޚާބުކޮށްފައިވަނީ މީގެ ދެދުވަސްކުރިންނެވެ.

މަޖިލިހުގެ ރައީސް ކަމަށް އަސްލަމް އިންތިހާބުކޮށްފައި ވަނީ، މަޖިލިސްގެ ނައިބު ރައީސް އީވާ ގެ ރިޔާސަތުގެ ދަށުން މިރޭ ބޭއްވި މަޖިލިހުގެ ޖަލްސާގައި ނެގި ސިއްރު ވޯޓަކުންނެވެ.

އެ މަޤާމަށް ކުރިމަތިލެއްވީ އަސްލަމްގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

ރައީސް ކަމަށް ނެގުނު ވޯޓުގައި އަސްލަމަށް 53 ވޯޓު ލިބިވަޑައިގެންނެވިއިރު، އާޒިމަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.

މަޖިލިހުގެ ރައީސަކު އިންތިހާބު ކުރީ އެ މަޤާމުގައި ހުންނެވި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އަސްލަމަކީ 2005 ވަނަ އަހަރުން ފެށިގެން ހަތަރު މަޖިލިހެއް ތަމްސީލް ކުރެއްވި މަޖިލިހުގައި ހިމެނިވަޑައިގަންނަވާ އެންމެ ދުވަސްވީ މެމްބަރުންގެ ތެރެއިން އެއް މެމްބަރެވެ. މެދުކެނޑުމެއް 16 ވަނަ މަޖިލިހާއި 17 ވަނަ މަޖިލިހާއި 18 ވަނަ މަޖިލިހާއި މިހާރު ހިނގަމުންދާ 19 ވަނަ މަޖިލިހުގައި ތަމްސީލުކުރައްވަމުން ގެންދަވާފައިވެއެވެ. އޭގެ އިތުރުން މަޖިލިހުގެ އެކިއެކި ކޮމިޓީތަކުގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެއްވުމުގެ އިތުރުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުގެ ޙައިސިއްޔަތުން މަސައްކަތް ކުރައްވާފައިވެއެވެ.

އަސްލަމް ވަނީ މަޖިލިހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީ އާއި ގަވައިދު ކޮމިޓީ އާއި އިގްތިސާދު ކޮމިޓީ އާއި ސުލޫކީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި އަސްލަމް މަސައްކަތް ކުރައްވާފައެވެ. ހަމައެހެންމެ، މިހާރު ހިނގަމުންދާ މަޖިލިހުގައި އަސްލަމަކީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުޤައްރިރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު