އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އަމުރުގެ ސައްހަކަމާ މެދު ސުވާލު އުފައްދައި އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލައަށް އެއްބާރުލުން ދޭން އިންތިޤާލީ އިންސާފުގެ އޮފީހުން ދެކޮޅު ހަދައިފިއެވެ.
އޭސީސީން ތަހުގީގު ކުރަމުން އަންނަނީ އެ ކޮމިޝަނުން ނިންމާފައިވާ ބައެއް ތަހުގީގުތަކުގެ ނިންމުންތައް ބަދަލުކުރި ކަމަށް ބުނާ މައްސަލައެއްގައެވެ. މި މައްސަލަތަކާއި އެތަނުގެ އެހެން ބައެއް މައްސަލަތައް މީގެ ކުރިން ވެސް އޭސީސީއަށް ބައެއް ފަރާތްތަކުން ހުށަހަޅާފައިވާކަން ވަނީ އެނގިފައެވެ.
އެނގިފައިވާ ގޮތުގެ އެ މައްސަލައިގެ ތަހުގީގަށް އޭސީސީގެ ތަހުގީގު ޓީމު އިންތިޤާލީ އިންސާފުގެ އޮފީހަށް ދިއުމުން، އެކަމަށް އެއްބާރުލުމެއް ނުދީ، އެއްވެސް މައުލޫމާތެއް އަދި ލިޔެކިޔުމެއް ނުދީ މީޓިން ރޫމުގައި އެތައް އިރަކު ވަނީ ބައިތިއްބާފައެވެ.
އެކަމަށް އެއްބާރުލުން ނުދިނީ، ޗީފް އޮމްބަޑްސްޕާސަން އަބްދުލްސަލާމް އާރިފް އަންގަވައިގެން ކަމަށް އެ އޮފީހުގެ މުވައްޒަފުން އޭސީސީގެ ޓީމަށް އަންގައިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މައްސަލައާ ގުޅޭ އެއްވެސް ތަނަކަށް އޭސީސީއަށް ވަދެވޭ ގޮތް ވަނީ ނުވެފައެވެ.
އޭސީސީގެ އަމުރުގައި ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަނުވާ ކަމަށާއި އެއީ ގާނޫނީ ގޮތުން ސައްހަ އަމުރެއް ކަމަށް ބެލޭނެ ގޮތެއް ނެތް ކަމަށް އެ އޮފީހުން ވިދާޅުވެފައިވާ ކަމަށް މީޑިޔާގައި ރިޕޯޓްކޮށްފައިވެއެވެ.
އޭނާ ވިދާޅުވީ، ގިނަ ލިޔެކިޔުންތަކަކީ އިތުރު ފަރާތަކާ ގުޅޭ ޒާތީ މައުލޫމާތުތަކެއް ހިމެނޭތީ، އެ ލިޔުންތައް ހިއްސާކުރުމުގެ ކުރިން މައްސަލަ ހުށަހެޅި ފަރާތުގެ ހުއްދަ ވެސް ބޭނުންވާނެ ކަމަށެވެ.
އިންތިޤާލީ އިންސާފުގެ އޮފީހުގެ ދައުރު 17 ވަނަ ދުވަހަށް ހަމަވާއިރު އެތަނުން އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
- އިންތިގާލީ އިންސާފުގެ ޤާނޫނު ފާސްކުރީ ރާއްޖޭގައި އެންމެ ފަހުން އޮތް ފަސް ވެރިކަމެއްގައި ދިވެހިންނަށް ލިބުނު އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ މަޤްސަދު
- ފުރަތަމަ މި ޤާނޫނު ހުށައެޅި އިރު އޮތީ 2012 އިން، 2018 ގެ ނިޔަލަށް، ޤާނޫނާ ހިލާފަށް މީހުންނާ ދެކޮޅަށް ހިންގާފައިވާ އަނިޔާތައް ބަލައި، އިންސާފު ހޯދައިނުމަށް
- އެކަމަކު މަޖިލިހުން ނޮވެމްބަރު 29، 2020 ގައި ގާނޫނު ފާސްކުރީ އެއަށް ވުރެ މާ ފުޅާކޮށް، 65 އަހަރުގެ މުއްދަތެއް ހިމަނައިގެން