އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދުވަހުގެ ޕްލޭން މިރޭ އިއުލާން ކުރުމަށް ނިންމައިފިއެވެ.
ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު އިސްކަންދޭނެ ކަންކަމާއި ތަންފީޒުކުރާނެ ސިޔާސަތުތައް ހިމަނާފައިވާ މި ޕްލޭން ނެރުމަށް ހަމަޖެހިފައިވަނީ މިރޭ ދަރުބާރުގޭގައި ބާއްވާ ރަސްމިއްޔާތެއްގައެވެ.
ޑރ. މުއިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނެ ކަމަށް ވިދާޅުވެފައިވަނީ ބޯހިޔާވަހި ކަން ކަމަށްވާއިރު، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވެސް އެފަދަ މަޝްރޫއުތައް އިއުލާން ކުރަން ޕްލޭން ކޮށްފައިވެއެވެ.
އެމަނިކުފާނު ރާއްވަވާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢަަކީ ފުށިދިއްގަރު ފަޅު ހިކައިގެން ބޯހިޔާވަހިކަން ފޯރުކޮށްދިނެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އެކަމަށް ފައިސާ ވަނީ ހިމަނައިފަ އެވެ.
ފުރަތަމަ 100 ދުވަހުގެ ޕްލޭންގެ އިތުރުން މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނު ކެމްޕެއިންގައި ހުރިހާ ރަށެއްގައި އަދި ހުރިހާ ހަފުލާއެއްގައި ދެއްކެވި ވާހަކަތާއި މުހިންމު ވައުދުތައް ހިމަނައި ފޮތެއް ނެރޭނެ ކަމަށް ވަނީ ޑރ. މުޢިއްޒު ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރުގައި ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށާއި، ހުރިހާ ކަމެއް ރައްޔިތުންނަށް ހާމަކޮށްދެއްވާނެ ކަމަށާއި ވެރިކަން ހިންގަވާނެ ދެފުށް ފެންނަ ގޮތެއްގެ މަތިން އިންސާފުވެރިކަމާއެކު ހުރިހާ ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ގޮތުންކަމަށް އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތަކުގައި ތަކުރާރު ކުރައްވާފައިވެއެވެ.