Thursday, 18 April 2024

ޣައްޒާ ރައްޔިތުން ވާނުވާ ނޭނގި ނިޒާމުން ގެއްލުވާލުމަށް ހިންގާ ޖަރީމާތައް ހުއްޓުވަން ޖެހޭ: ދުންޔާ

އިސްރާއީލުން ޣައްޒާ ރައްޔިތުން ވާނުވާ ނޭނގި ނިޒާމުން ގެއްލުވާލުމަށް ހިންގާ ޖަރީމާތައް ހުއްޓުވަން ޖެހޭކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހޮސްޕިޓަލުގައި ހިމާޔަތް ހޯދައިގެން ތިބި ޣައްޒާގެ ރައްޔިތުންތަކެއް ނިރުބަވެރިން ވަރަށް ލާއިންސާނީ ގޮތަކަށް ރަހީނުކޮށްގެން ގެންގޮސްފި ކަމަށާއި ފަލަސްތީނުގެ ރައްޔިތުން ވާނުވާ ނޭނގި މިގޮތަށް ނިޒާމުން ގެއްލުވާލުމަށް ހިންގާ ޖަރީމާތައް ހުއްޓުވަން ޖެހޭ ކަމަށެވެ.

ފަލަސްޠީނުގެ ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލު ކަމުގައިވާ ”އަލް-ޝިފާ“އަށް އިސްރާއީލު ނިރުބަވެރިން ވަދެގަނެ، އެތަނުގައި ހިމާޔަތް ހޯދައިގެން ތިބި ފަލަސްޠީނުގެ ރައްޔިތުން ރަހީނު ކުރާ މައްސަލައިގައި ދުންޔާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެެ.

ޔަހޫދީ ފައުޖުން ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލުގެ ތެރެއަށް ވަދެ، އެ ތަނުގެ ތެރޭގައި ލާއިންސާނީ ޖަރީމާތަކެއް ހިންގައިފިއެވެ. މި ކަމާ މެދު މުޅި ދުނިޔެއިން ކަންބޮޑުވުން ފާޅު ކުރަމުންދާ މި ދަނޑިވަޅުގައި، ޔަހޫދީ ސިފައިން ވަނީ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލުގެ ވޯޑުތަކާއި، އޮޕަރޭޝަން ތިއޭޓަރުތަކަށް ވަދެފައެވެ. އެ މީހުން އެ ތަނަށް ވަދެ އުދުވާން ހިންގާފައި ވަނީ ޙަމާސް ޖަމާޢަތުގެ މުޖާހިދުން ހޯދުމުގެ ނަމުގައެވެ.

އަނިޔާވެރި ޔަހޫދީ ފައުޖުން އޮކްޓޫބަރު 7 ވަނަ ދުވަހުން ޣައްޒާއަށް ބޮން އަޅަން ފެށުމަށް ފަހު، ބަރު ހަތިޔާރާ އެކު އެއްގަމު މަގުން ވެސް ވަނީ ޣައްޒާއަށް ވަދެފައެވެ. އެ މީހުން އެންމެ ފުރަތަމަ ވެސް އަމާޒު ހިފާފައި ވަނީ އަލް-ޝިފާ ހޮސްޕިޓަލާ ދިމާލަށެވެ. އަދި، އެ ތަކެއް ފަހަރެއް މަތިން އެ ހޮސްޕިޓަލަށް ވައިގެ މަގުން ހަމަލަތައް ދީފައިވާއިރު، އަސްކަރީ ޓޭންކުފަހަރާ އެކު ވަނީ އެ ހޮސްޕިޓަލް ވަށައިލާފައެވެ. ބައެއް ޓޭންކުތައް ހޮސްޕިޓަލްގެ ގޭޓުން އެތެރެއަށް ވެސް ވަދެފައިވާ ކަމުގައި މަންޒަރު ފެނުނު މީހުން ބުންޏެވެ.

އެމެރިކާގެ ވާގިވެރިވެގެން ޣައްޒާގައި ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ޔަހޫދީ ފައުޖުން ބުނީ އަލް-ޝިފާ ހޮސްޕިޓަލަކީ ޙަމާސް ޖަމާޢަތުން ހަތިޔާރު ގުދަނެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ތަނެއް ކަމުގައެވެ. އަދި، އެ ތަނުން ގިނަ ޢަދަދެއްގެ ހަތިޔާރު ފެނިފައިވާ ކަމުގައި ވެސް ޔަހޫދީ ފައުޖުން ތުހުމަތު ކުރިއެވެ. ނަމަވެސް، ޙަމާސް ޖަމާޢަތުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ކަމަނާ މިނިސްޓަރުކަން ލިބޭތޯ އެންމެފަހު ވަގުތުވެސް ތިޔަ ކުރައްވާ މަސައްކަތަށް ސަާބަސް!

  2. ކަމަނާ ނޫސްތަކުގެ ހެޑްލައިން އެޅުން ހުއްޓާލެއްވުންއެދެން. މުޅިދުނިޔެއަށްވެސް އެންމެނަށްވެސް އެބައިނގޭ ތިކަންކުރަންޖެހޭކަން. ކިތަންމެވަރަކަށް ނޫސްތަކާއި މީޑިއާއަށް އެރިއަސް ކަމަނާއަށްދޭނެ މަގާމެއް މިސަރުކާރަކުނެތް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *