Thursday, 18 April 2024

ސަރުކާރާ ގުޅިވަޑައިގަންނަވަން ސިޓީ ކައުންސިލްގެ ރަމީޒާއި ނަސީރު އިސްތިއުފާ ދެއްވައިފި

މާލެ ސިޓީ ކައުންސިލްގެ ދެ މެންބަރުން ކަމަށްވާ އާދަމް ރަމީޒާއި އަބްދުﷲ ނަސީރު (ހެރިންސް އައްޅޯ) މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އެނގިފައިވާ ގޮތުގައި، ރަމީޒާއި އަބްދުﷲ ނަސީރު އިސްތިއުފާ ދެއްވިއިރު، އާ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ދެ ބޭފުޅުންނަށް ދިނުމަށް ވަނީ ނިންމައިފައެވެ.

އެއީ ރައީސް މުއިއްްޒުއާ ގާތް ގުޅުމެއް އޮންނަ ދެބޭފުޅުންނެވެ. ޢަދި ރިޔާސީ ކެމްޕެއިންގައި މުއިއްޒާ އެންމެ ގާތުން މަސައްކަތް ކުރެއްވި ދެ ބޭފުޅުންވެސްމެއެެވެ.

ޕީޕީއެމްގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގައި ރަމީޒު ވަނީ އެ ޕާޓީން އަމިއްލައަށް ވަކިވެވަޑައިގެންފައެވެ.

ސިޓީ ކައުންސިލްގެ ދެ ބޭފުޅުންގެ އިސްތިއުފާއާއެކު މެދު ހެންވޭރާއި މާފަންނު ދެކުނު ދާއިރާގެ ގޮނޑި ވަނީ ހުސްވެފައެވެ. މާދަމާ، މުއިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވުމާ އެކު މާލޭގެ މޭޔަރު ކަމުގެ މަގާމު ވެސް ހުސްވާނެ އެވެ.

މިހާރު އާންމުވެފައިވާ ލިސްޓަށް ބަލާއިރު، މުއިއްޒުގެ ކެބިނެޓް އެކުލަވާލާފައިވާ ގޮތުން މިނިސްޓަރުންގެ ގޮތުގައި 22 ބޭފުޅުން ތިއްބައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެހެންކަމުން، މަޖިލީހުގެ ބައެއް ގޮނޑިތަކެއް ވެސް މާދަމާ އިން ފެށިގެން ހުސްވާނެއެވެ.

ހަަމައެހެންމެ، އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ތަމްސީލް ކުރައްވާ ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް ގޮނޑި ވެސް މާދަމާ ހުވާ ކުރެއްވުމާ އެކު ހުސްވާނެއެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *