Saturday, 15 June 2024

ސައިކަލު ފަހަތަށް މީހުން އެރުވުމުގައި ސަމާލުވޭ!

މަގުމަތިން ދުއްވާފައި ދަނިކޮށް ކުއްލިއަކަށް ގޮވާލަފާނެއެވެ. "ތާކަށް ވައްޓާލަދީބަލަ ބްރޯ!".

އެކަމަށް އެދުނީކީ ދުވަހަކުވެސް ދަންނަ މީހެން ނޫނެވެ. މީހަކު ކަމަކަށް އެދުނީމާ ކޮށްލަދޭ ހިތުން ސައިކަލު ފަހަތަށް އަރުވައިގެން އެމީހަކު ބުނާ ތަނަކަށް ގެންގޮސް ދެނީއެވެ.

މިކަމުގެ ތެރޭގައި ދަންނަ މީހުންނާއި ނުދަންނަ މީހުންވެސް ހިމެނެއެވެ. މަގުމަތިން ދުއްވާފައި ދަނިކޮށް، އަތް ހިއްލާލައިފިނަމަ، އެއީ ކާކުތޯ އަމިއްލައަށް ވިސްނާލުން ހުއްޓެވެ.

އާންމު ގޮތެއްގައި ހުޅުމާލޭގައި މިކަން ފާހަގަކުރެވެއެވެ. ފޭސް 1 އިން ފޭސް 2 އަށް "ވައްޓާލަދޭން" ބުނެފާނެއެވެ. ފޭސް 2 އިން ފޭސް 1 އަކަށް "ވައްޓާލަދޭން" ބުނެފާނެއެވެ. ތެދެކެވެ. ހިނގާފައި އުޅޭ މީހަކަށް އެ ދާންބޭނުންވާ ތަނަކަށް ދާން ގިނަ ވަގުތުތަކެއް ހޭދަވާނެއެވެ.

ކޮންމެއަކަށް ސައިކަލު ފަހަތަށް އަރުވަނީ، އެ މީހަކު އެދުނު ތަނަކަށް ގެންގޮސްލަ ދިނުމުގެ ހެޔޮ ނިޔަތުގައެވެ. އޭނާ އެކަމަށް އެދުނީ ކޮން މަޤްޞަދެއްގައި ކަމެއް ފަހަރުގައި ނޭނގިދާނެއެވެ.

މިކަން މިހެން އޮތްއިރު، "ފިޔަ އޮންލައިން" އާ ވާހަކަ ދެއްކި ޙުސައިން ބުނީ، "އަހަރެން ދުވަހަކުވެސް އެއްވެސް މީހަކު ސައިކަލު ފަހަތަކަށް ނާރުވާނަން. އެރުވިޔަސް އަރުވާނީ، ދަންނަ ރައްޓެހި ރަޙްމަތްތެރިއެއް ނުވަތަ އާއިލާ މީހެއް." އެއީ ކީއްވެތޯ ސުވާލުކުރުމުން އޭނާ ބުނީ، ނުދަންނަ މީހުން ސައިކަލު ފަހަތަށް އެރުވުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމަށެވެ. ފަހަތަށް އަރުވާ މީހާ ހަމަ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ކަމަށެވެ. ބުއްދިވެރިޔަކު ސައިކަލު ފަހަތަށް މީހަކު ނާރުވާނެ ކަމަށެވެ.

އޭނާ އެ އިޝާރަތްކުރީ އޭނާ ދަންނަ މީހުންނަށް ދިމާވެފައިވާ ނުރައްކާތެރި ޙާދިސާތަކުގެ ވާހަކަ އަށެވެ. ބައެއް ފަހަރު ވަރަށް ނުރައްކާތެރި ކަންކަން ދިމާވެފައި ހުރި ވާހަކައެވެ. އެއްކަމަކަށް ސައިކަލު ފަހަތަށް އެރުވޭ މީހާއަކީ ކުށުގެ ރިކޯޑެެއް އޮތް މީހަކަށް ވެދާނެއެވެ. މަސްތުވާތަކެތީގެ ވިޔަފާރ ކުރާ މީހަކަށް ވެދާނެއެވެ. އޭނާ ސައިކަލުގެ އެ އުފުލައި ދެވުނީ އޭނާ އެކަން ކުރުމަށް ދާ މަންޒިލަށް ކަމަށްވެސް ވެދާނެއެވެ.

ފުލުހުންގެ ޒިންމާ އަބަދުމެ އަދާކުރާނެއެވެ. އޭނާ އެދަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަނަކަށް ނަމަ، ފުލުހުން އެ މައްސަލައެއް ބަލަންދާއިރު އެފަދަ މީހަކާއެކު ވާނަމަ، ސައިކަލު ދުއްވަން އިން މީހާއާވެސް ސުވާލު ކުރާ ހިސާބަށް ގޮސްދާނެއެވެ. ނޫނީ ތަހްޤީޤަށް ޙާޟިރުވާން ޖެހިދާނެއެވެ. ނުވަތަ ކޯޓުގައި އެ މައްސަލައެއް ހިނގާއިރު، ކޯޓަށް ދާންވެސް ޖެހިދާނެއެވެ.

ޙަޤީޤަތުގައި މީހަކަށް އެހީތެރިކަމެއް ދިނުމުގެ ގޮތުން ކުރެވުނު ކަމަކުން ހުށަހެޅިގެން މިދަނީ ބޮޑު އަނދަވަޅަކަށެވެ. ހޭދަވެގެންދަނީ މުހިއްމު ވަގުތުތަކެކެވެ.

ސައިކަލު ފަހަތަށް އަރާ ބައެއް މީހުންގެ ޢަމަލުތައް ހުންނަނީ ރަނގަޅަށް ނޫން ކަމަށް "ފިޔަ އޮންލައިން" އާ ވާހަކަ ދެއްކި އެހެން މީހަކު ބުނީ، ތަނަކަށް ގެންގޮސްދޭށޭ ކިޔާފައި، ސައިކަލް ފަހަތަށް އެރި މީހާ "އޭނާގެ ޖީބުގައި އޮތް ވޮލެޓް" ފޭރިގަތް ކަމަށެވެ. ޖިންސުގެ ފަހަތު ޖީމުގައި ވޮލެޓް އޮއްވާ ޖަހައިގަތީއެވެ. އަދި އަދަަށް ދާންދެންވެސް އެ ވޮލެޓް ނުފެނެއެވެ. އޭނާގެ ވޮލެޓުގައިި، ހުރިހާ ކޭޝް ކާޑަކާއި އައިޑީކާޑާއި، ފައިސާވެސް ވާނޭ ކަމަށް އޭނާ ބުނެއެވެ. މީހަކަށް އެހީތެރިކަމެއް ދިނުމުގައި ހެޔޮ ނިޔަތުގައި ކުރި ކަމެކެވެ. އެހެންނަމަވެސް އާޚިރު ނަތީޖާއަކަށް ވެގެން މިދިޔައީ ފޫބެއްދެން ނެތްވަރުގެ ގެއްލުމެއް ލިބިގެން ދިއުމެވެ.

އެހެންކަމުން ވިސްނާލުން ހުއްޓެވެ. ސައިކަލު ފަހަތަށް އަރުވަންވާނީ ތިމާއަށް އިތުބާރު ކުރެވޭ މީހެކެވެ. ތިމާއަށް "ލަނޑެއް" ނުދޭނެ މީހެކެވެ. ރަނގަޅު ނިޔަތެއްގައި ކުރި ކަމުގައި ވިޔަސް އެކަމުގެ ސަބަބުން ތިމާއަށާއި މުޅި މުޖްތަމަޢު ބަރުދާސްތު ކުރަންޖެހިދާނެ ދެރަކަމަކުން ސަލާމަތްވުމަށްޓަކައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު