Saturday, 22 June 2024

ތަރައްޤީގެ ދުވެލި ހަލުވިވާނެ ވެރިކަމަކަށް އަލިވިލެނީ

ދިވެހީންނާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ޓަކައި ކުރަން ހުރި ކަންކަމުގެ ލިސްޓު ދިގެވެ. ރާއްޖޭގެ ޙަޔާތުގައިވެސް، ޑިމޮކްރެޓިކް އުސޫލުން ކޮންމެ ފަސް އަހަރަކުން އެއް ފަހަރު އެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ސަރުކާރަކާ މަތިކުރެވެއެވެ. ދިވެހި ދައުލަތުގެ މިނިވަންކަން ދިފާޢު ކުރުމަށެވެ. ދިވެހީން އެތަންތަނުން ރޯދި ހޯދައި ބަނޑުފުރާނަ މުއްތިކުރާ ކަނޑުފަޅާއި ފަޅާއި ފަރާއި، ދޮންވެލި ތުނޑިތައް ދިވެހީންނަށް ރައްކާތެރިކޮށްދިނުމަށެވެ. ހަމަ އެހެންމެ ދުނިޔެ ދެކެމުން މިދާ 21 ވަނަ ޤަރުނުގެ ހަލުވި ތަރައްޤީ އެ ދުވެލީގައި ދިވެހީންނާ ހަމައަށް ގެނެސްދީ، ތިޔާގިކަމާއި ހަމަޖެހުމާއި ހިތްފަސޭކަން ކަށަވަރުކޮށްދިނުމަށެވެ.  އެ ކަމަށް ޓަކައި ދިވެހީން އެ މީހުންގެ ދައުލަތް ސަރުކާރަކާ ހަވާލުކުރަނީ އުންމީދީ ވަޢުދުތަކަކަށް އިތުބާރުކޮށްފައެވެ.

ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބުކޮށްފިއެވެ. ރައްޔިތުން ކުރީ އިތުބާރެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަންނަވާނެއެވެ. ރައްޔިތުން ތިބީ ފޮނި އުއްމީދެއްގައެވެ.

އުމުރާނީ ތަރައްޤީގެ ދުވެލި ހަލުވިކުރަން ރައްޔިތުން ބޭނުންވެއެވެ. ތަރައްޤީގެ މަގުގައި އުސްކުރިބޯށިތަކާއި، ގެދޮރާއި ގެދޮރުވެރިކަމުގެ ހިތްފަސޭހަކަން ރައްޔިތުން ބޭނުންވެގެން ތިބި ޙާލު، މިއަދު މަޤާމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުޙައްމަދު މުޢިއްޒު ވެގެންދާނީ ޢުމުރާނީ ތަރައްޤީގެ މިސްރާބު ބަދަލުކޮށްލައި، އިންޤިލާބެއް ގެނުވާނެ ރައީސެއްގެ ގޮތުގައި ކަމަށް ބެލެވެއެވެ.

ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ގޮތުގެ ވަރަށް ވެސް ފުރިހަމަ ސިޔާސަތުތަކެއް ވަނީ ކަނޑައަޅާފައެވެ.
ދިވެހީންގެ ރާއްޖެ މެނިފެސްޓޯގައި ތަރައްގީގެ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ސިޔާސަތުތަކަށް ބަލާއިރު އައްޑޫ ސިޓީގެ ހުރިހާ އަވަށްތަކާއި ރަށްތައް ކޯޒްވޭއާއި ބްރިޖުން ގުޅާލެވޭނެއެވެ.

މެނިފެސްޓޯގައި ހިމެނޭ އިތުރު ބައެއް ވަޢުުދުތައް

  • ގެދޮރުވެރިކަމަކީ ޤާނޫނު އަސާސީން ލިބިދޭ ޙައްޤެއްކަން ފުރިހަމައަށް ބަލައިގަނެ، އެކަން ކަށަވަރުކުރަން ޤާނޫނުތައް އެކުލަވާލުމާއި ސިޔާސަތުތައް ރާވާ، ތަންފީޒުކުރުން.
  • މާލޭ އާރބަން ރީޖަންގެ އިތުރުން، މަތީ ފަންތީގެ ޚިދްމަތްލިބޭ ސަރަޙައްދެއް ގޮތުގައި، ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅު ހިމެނޭ އުތުރުގެ ތަރައްޤީގެ ޒޯނުގައި، އިދާރީ މައި ހަބުގެ ގޮތުގައި ހދ. ކުޅުދުއްފުށި ހިމަނައިގެން؛ ބައިނަލް އަޤްވާމީ ދޮރާށްޓެއްގެ ގޮތުގައި ހދ. ހަނިމާދޫ ޤާއިމުކޮށް، ހއ، އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމުކުރުން.
  • މާލޭ އާރބަން ރީޖަންގެ އިތުރުން، މަތީ ފަންތީގެ ޚިދްމަތްލިބޭ ސަރަޙައްދެއް ގޮތުގައި، ގއ. އަތޮޅާއި، ގދ. އަތޮޅާ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭ ދެކުނުގެ ތަރައްޤީގެ ޒޯނުގައި، އިދާރީ މައި ހަބުގެ ގޮތުގައާއިި ބައިނަލްއަޤްވާމީ ދޮރާށްޓެއްގެ ގޮތުގައި އައްޑޫ ސިޓީ ހިމަނައިގެން، ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމަންޓް ބަނދަރަކާއި، ޞިނާޢީ މަސައްކަތްތަކާ، މަސްވެރިކަމާ، ދަނޑުވެރިކަމާ، މެރިކަލްޗަރުގެ އިތުރުން ފަތުރުވެރިކަމުގެ ވަސީލަތްތައް ފުޅާކޮށް، ތަރައްޤީކުރުން.
  • މެދުމިނުގެ އިތުރު 7 އާރބަން ސެންޓަރު (މާލޭން އުތުރުގައި 3، ދެކުނުގައި 4 ހިމެނޭގޮތަށް) ތަރައްޤީކުރުން.
  • ފަސޭހަ، ރަނގަޅަށް ހިނގާ ހައުސިންގ މާކެޓެއް ޤާއިމުކުރުމަށްޓަކައި، ގެދޮރު ގަނެ، ވިއްކާ، ކުއްޔަށްދީ، ކުއްޔަށް ހިފުމަށް ހުރި ޤާނޫނީ އަދި އިދާރީ ހުރަސްތައް ނައްތާލައި، ތަރުތީބުކުރުން.
  • އަލަށް ގެދޮރު ބޭނުންވާނެ ފަރާތްތައް ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކޮށް، ފޯމު ހުށަހެޅުމަކާ ނުލައި، ބޯހިޔާވަހިކަން ލިބޭނެގޮތް ހެދުން.
  • ދާއިރާގެ ޓެކްނިކަލް އެހީ ދިނުމާއި، އެކަމަށް ފައިސާ ލިބޭނެ މަގު ފަހިކޮށްދީގެން، މިހާރު ހުރި ގެދޮރުތަކުގެ ފެންވަރާއި ސަލާމަތީ ވަސީލަތްތައް ރަނގަޅުކުރުން.
  • ކުއްޔަށްދޭ ހުރިހާ ގެދޮރެއްގައިވެސް ކަނޑައެޅިފައިވާ ސަލާމަތީ ވަސީލަތްތަކާއި، ދުވާލުގެ އަލިކަން ލިބޭ މިންވަރާ، ވައި ދައުރުކުރާނެ ގޮތްތައް ހުރިތޯއާ، ގެދޮރުގައި ދިރިއުޅޭ މީހުންގެ އަދަދަށް އެކަށީގެންވާ ޖާގައާއި ވަސީލަތްތައް ހުރިތޯ ޔަޤީންކުރުން.

ބޮޑެތި ޖަލްސާތަކާއި، އެގްޒިބިޝަންތަކާ، ކޮންސެޓުތައް ބޭއްވޭނެ ތަނަވަސްކަމާއި ފެންވަރުހުރި ބައިނަލްއަޤްވާމީ ކޮންވެންޝަން ސެންޓަރެއް ރާއްޖޭގައި ޤާއިމުކުރުމުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ނަރުދަމާއާއި ފެނުގެ ނިޒާމު ޤާއިމުކޮށް ނިންމުމަކީ ރައީސް ޑރ މުއިއްޒުގެ އެންމެ ބޮޑު އެއް އަމާޒެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަޙައްދަކުންވިޔަސް އެންމެ ގިނައިރު ވެގެންވެސް 30 މިނެޓުން ފޯރާނެ ދުރުމިނެއްގައި ޑޮމެސްޓިކް އެއާރޕޯޓެއް ޤާއިމުކޮށް، ޤައުމީ ޑޮމެސްޓިކް އެއާރޕޯޓް ވިއުގަ ޑރ މުއިއްޒުގެ ސަރުކާރުގައި ފުޅާ ކުރެވިގެންދާނެއެވެ.

ހައި ސްޓްރީޓް ފިހާރަތަކާއި މުނިފޫހިފިލުވާ ޚިދްމަތްތައް ހިމެނޭގޮތަށް ފަރުމާކުރެވޭ މޯލްތަކާއި ވިޔަފާރީގެ ސަރަޙައްދުތައް ޤާއިމުކުރުމާއި  އިންޑޯ ޕިޗުތަކާއި، ކޯޓުތަކާ، ޖިމްތަކާ، ސްޕޯޓްސް ފިޒިއޮތެރަޕީ އަދި ރިހެބިލިޓޭޝަން ކްލިނިކްތަކާ، ރެސްޓޯރަންޓް އަދި ކެފޭތައް ހިމެނޭގޮތަށް، ރާއްޖޭގައި ކުޅޭ މަޤްބޫލު ހުރިހާ ކުޅިވަރުތަކަށް ޚާއްޞަކުރެވޭ ޒަމާނީ ފެންވަރުގެ ކޮމްޕްލެކްސެއް އެޅުމަކީ ރައީސް މުއިއްޒުގެ ސިޔާސަތެކެވެ.

ބައިނަލަޤްވާމީ ޞިއްޙީ ޚިދްމަތްދޭ ފަރާތްތަކުގެ ޚާއްޞަ ފަރުވާދޭ ކްލިނިކްތައް ހިމެނޭ 850 އެނދުގެ މަލްޓިޑިސިޕްލިނަރީ ޞިއްޙީ ޚިދުމަތްދޭ ސަރަޙައްދީ ފެންވަރުގެ މަރުކަޒެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ދެވަނަ ފިޔަވަހި ތަރައްޤީކޮށް، އެ ހޮސްޕިޓަލް މެދުވެރިކޮށް އުތުރާއި ދެކުނުގައި ޚިދްމަތް ފުޅާކުރުމުގެ ގޮތުން އައްޑޫ ސިޓީ ހިތަދޫގައާއި ކުޅުދުއްފުށި ސިޓީގައި ދެ މަރުކަޒު ޤާއިމުކުރުމަކީ ރައީސް ޑރ މުއިއްޒުގެ ވަރަށް މުހިންމު ސިޔާސަތެކެވެ.

ދިވެހީންގެ ރާއްޖެ މެނިފެސްޓޯގައި ބުނެފައިވާ ގޮތުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެޅޭ އިތުރު ބާރެއްގެ ގޮތުގައި، ބައިނަލަޤްވާމީ ކްރޫޒްލައިން ޓާރމިނަލްއެއް ޤާއިމުކުރެވޭނެއެވެ.

ދިވެހިންނާއި ފަތުރުވެރިންނަށްވެސް ޚިދުމަތް ދެވޭނެގޮތަށް ފަރުމާކުރެވޭ ބައިނަލްއަޤްވާމީ ފެންވަރުގެ ތީމް ޕާކެއް ރާއްޖޭގައި ޤާއިމުކުރުމަށް ރައީސް ޑރ މުއިއްޒު ނިންމަވާފައިވާއިރު ހުރިހާ ސިޓީއެއްގެ ހުރިހާ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢެއްގެ ތެރެއިން، ބޮޑެތި މަގުތަކުގައި ތާރުއެޅުމާއި، އެހެނިހެން މަގުތަކުގައި ގާއެތުރުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެއިތުރުން ދިވެހިންނާއި ފަތުރުވެރިންނަށްވެސް ލިބޭނެ ލުއިފަސޭހަކަމެއްގެ ގޮތުގައި، ރާއްޖޭގެ އުތުރާއި ދެކުނުގައި ސީޕްލޭން ދެ މަރުކަޒު ޤާއިމުކުރުމާއި، 2025 ގެ ނިޔަލަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުން ޕީ.ޕީ.އެމް އިން ފެށި ބިޔަ މަޝްރޫއު އެކީ ނިންމާ، އެ އެއަރޕޯޓަކީ ސަރަޙައްދީގޮތުންވެސް ދަތުރުވެރިން އިޚްތިޔާރުކުރާ ނާރެހަކަށް ހެދުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް އަމާޒެވެ.

ފުރަތަމަ 100 ދުވަހުގެ ޕްލޭންގައި ހިމެނިފައިވާ ކަންކަން

  • ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފުލެޓާއި ރޯހަ ުއސްތަކަށް މަހުން މަހަށް ދައްކަން ޖެހޭ އަދަދު ކުޑަކޮށްދިނުން
  • ބޯހިޔާވަހިކަމަށް ޚާއްޞަ "ގެދޮރުވެރިކަމުގެ ޓްރަސްޓް ފަންޑް"އެއް ޤާއިމުކުރުމަށް ބޭނުންވާ އޮނިގަނޑު އެކުލަވާލުން
  • ބޯހިޔާވަހަކަން ފޯރުކޮށްދިނުމަށް %5 އިންޓަރެސްޓުގައި ތަޢާރަފުކުރާ ލުއި ލޯނާބެހޭ ސިޔާސަތު އެކުލަވާލައި އާންމުކުރުން
  • މުވައްޒަފުންނަށް ޚާއްޞަ 'ސޯޝަލް ފަތުރުވެރިކަމުގެ ޞިނާޢަތުގައި ވަޒީފާއަދާކުރާ ދިވެހި މުވައްޒަފުންނަށް ހައުސިން ކެޓަގަރީ’އެއް ކަނޑައެޅުން
  • ބޯހިޔާވަހިކަމަށް އެޕްލިކޭޝަން ހުށަހެޅުމާއެކު، އެޕްލިކޭޝަންގެ ދަރަޖަ ވަގުތުން އެނގޭ ގޮތަށް ފަރުމާކޮށްފައިވާ 'ހައުސިން އެޕްލިކޭޝަން ޕޯޓަލް' ޤާއިމުކު ުރން
  • ސިނަމާލެއާއި މާލެހިޔާ ފުލެޓުތަކުގެ ވެރިފަރާތްތައް ކޮންޑޮމިނިއަމް ރަޖިސްޓަރީއެއްގައި ހިމެނުން
  • ސިނަމާލެއާއި މާލެހިޔާ ފުލެޓުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ޚާއްޞަ ބޯހިޔާވަހިކަމުގެ އައު މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފެށުން
  • ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ރެގިއުލޭޓް ކުރުމަށް، ގެދޮރުވެރިކަމުގެ މިންގަނޑުތައް އެކުލެވޭ ބިލެއް ޑްރާފްޓްކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން
  • ޤާނޫނު ނަންބަރު 2021/33 (އެއްމެދު ޢިމާރާތުގެ ޤާނޫނު)ގެ ދަށުން ކަނޑައަޅަންޖެހޭ ގަވާއިދުތައް ޑްރާފްޓްކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން
  • ޤާނޫނު ނަންބަރު 2021/33 (އެއްމެދު ޢިމާރާތުގެ ޤާނޫނު) އާއި އެ ޤާނޫނާ ގުޅިގެން އެކުލަވާލާ ގަވާއިދުތައް ފުރިހަމަޔަށް ތަންފީޒު ކުރުމަށް، ރަށު ކައުންސިލުތައް ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފެށުން
  • އެއްމެދު ޢިމާރާތްތަކުގެ ރަޖިސްޓްރޭޝަން މަރުޙަލާ ފުރިހަމަކުރުމަށާއި އެއްމެދު ޢިމާރާތްތައް މެނޭޖުކުރުމަށް ޚާއްޞަ 'ސްޓްރާޓާ ޕޯޓަލް' ޤާއިމުކުރުން
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް މެދުވެރިކޮށް 'ޕްރޮޕަޓީ މެނޭޖްމަންޓް' އަދި 'ސްޓްރާޓާ ކޮމިއުނިޓީ މެނޭޖްމަންޓް’ގެ ދާއިރާތަކުން ސަނަދު ހާސިލުކުރުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް އެކުލަވާލުން
  • ބިމުގެ މިލްކުވެރިކަން ނުވަތަ 'ކޮންވޭޔަންސިން’އާބެހޭ ބައިތައް ފުރިހަމަޔަށް ހިމެނޭހެން، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އިޞްލާޙުކުރުމަށް ބިލެއް ޑްރާފްޓްކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން
  • ލޭންޑް ރީއެޖެސްޓްމަންޓް’އާބެހޭ ބިލެއް ޑްރާފްޓްކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން
  • ފްރީހޯލްޑް' އަދި 'ލީސްހޯލްޑް' އުސޫލުން ބިން ހޯދާ ލިބިގަތުމާބެހޭ ބިލެއް ޑްރާފްޓްކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން
  • ޤާނޫނު ނަންބަރު 2021/21 (ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ޤާނޫނު) ތަންފީޒުކުރުމަށް، ރަށު ކައުންސިލުތައް ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފެށުން
  • ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު އަވަސްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
  • ބޯހިޔާވަހިކަމަށް ޚާއްޞަކޮށްގެން ހިއްކަން ކަނޑައަޅާފައިވާ ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެށުން
  • ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ބޮޑެތި އަރބަން ސެންޓަރުތަކެއް ޤާއިމުކުރުމަށް ބޭނުންވާ ސިޔަސާތުތައް ކަނޑައެޅުން
  • މާލޭގައި ހުރި ގުދަންތަކާއި ވޯކްޝޮޕްތައް މާލޭގެ ޞިނާޢީ ސަރަހައްދަށް ބަދަލުކުރުމަށް ޓަކައި ސާވޭއެއްކުރުމާއި، މާލޭގެ ޞިނާޢީ ސަރަހައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެކުލަވާލުން
  • ލޭންޑްޔޫސް ޕްލޭން’ތައް ނުހެދި ހުރި ރަށްރަށަށް، ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީގެން، އެރަށްރަށުގެ ލޭންޑްޔޫސް ޕްލޭންތައް ފަރުމާކުރުމުގެ މަސައްކަތް ފެށުން
  • ލޭންޑްޔޫސް ޕްލޭން’ތައް ފާސްކުރުމަށް އެޕްލިކޭޝަން ހުށަހަޅާނެ ޕޯޓަލެއް ޤާއިމުކުރުން
  • ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށް، ދިވެހިރާއްޖޭގެ ތަރައްޤީގެ 'މާސްޓަރ ޕްލޭން' އެކުލަވާލުމުގެ މަސައްކަތް ފެށުން
  • ފެނާއި ނަރުދަމާގެ ޚިދުމަތް ނުލި ިބ ހުރި ރަށްރަށަށް އެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި އިޢުލާނުކޮށް އަމަލީ މަސައްކަތް ފެށުން
  • ކަނޑައަޅާ ރަށްރަށުގައި އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި އިޢުލާނުކޮށް އަމަލީ މަސައްކަތް ެފށު ްނ
  • ތިލަމާލެ ބުރިޖު މަޝްރޫޢުގެ ޙާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  • ގްރޭޓަރ މާލެ އޭރިޔާ’ގެ ޓްރާންޝިޕްމަންޓް ބަނދަރު ބިނާކުރުމުގެ ކަންކަން ރާވައި އިންތިޒާމުކޮށް، މަޝްރޫޢަށް ބޭނުންވާ މަސައްކަތްތައް ފެށުން
  • އައްޑޫ ބުރިޖު މަޝްރޫޢަށް ބޭނުންވާ މަސައްކަތްތައް ފެށުން
  • ބަންކަރިން' ޚިދުމަތްދެވޭ ގޮތަށް ގާދޫގައި ތަރައްޤީކުރާ ވިޔަފާރި ބަނދަރުގެ މަޝްރޫޢަށް ބޭނުންވާ ' މަސައްކަތްތައް ފެށުން
  • މީހުން އާބާދުވެފައިވާ ހުރިހާ ރަށްރަށެއްގެ ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި އިޢުލާނުކޮށް އަމަލީ މަސައްކަތް ފެށުން
  • މާލެ އަދި އެހެން ސިޓީތަކުގެ ހުރިހާ މަގުތައް ހެދުމުގެ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި އިޢުލާނުކޮށް އަމަލީ މަސައްކަތް ފެށުން
  • ކުޅުދުއްފުށީ އެއަރޕޯޓުގެ ޕެސެންޖަރ ޓާމިނަލްގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ފެށުން
  • މާލެ ސަރަހައްދަށް ދިމާވެފައިވާ އެއްގަމު އުޅަނދުފަހަރު ޕާކުކުރުމުގެ މައްސަލައަށް ޙައްލު ހޯދުމުގެ ގޮތުން ޕްލޭނެއް އެކުލަވާލައި، ހަދަންޖެހޭ ޕާކިން ޢިމާރާތްތަކެއް ބިނާކުރުމުގެ މަޝްރޫޢެއް ފެށުން
  • މާލޭގެ މަސް މާރުކޭޓު ޒަމާނީ ފެންވަރަށް ބިނާކުރުމަށް ކުރަންޖޭ މަސައްކަތްތައް ފެށުން
  • ބައު ޖަމާލުއްދީނުގެ ބިމުން ބައެއްގައި 'އަންޑަރގްރައުންޑް ޕާކިން ފެސިލިޓީ’އާއެކު، ހިތްފަސޭހަ މައިޒާނެއް ހެދުމުގެ ޕްލޭނެއް އާންމުކުރު ްނ
  • މާލޭގައި ހިންގަމުން އައި ނީލަން ވިޔަފާރިތައް އަލުން ފެށޭނެ އިންތިޒާމުތަކެއް ހަމަޖެއްސައިދިނުމުގެ ގޮތުން އެކަމަށް ޚާއްޞަ ބިމެއް ކަނޑައެޅުން
  • އަރބަން ޑިވެލޮޕްމަންޓް’އާބެހޭ ބިލެއް ޑްރާފްޓްކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން
  • އަރބަން ޕްލޭނިން’އާބެހޭ ބިލެއް ޑްރާފްޓްކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު