ތަހުޒީބު މުޖުތަމަޢުތަކުގެ ގޮތަކީ ނިމިގެންދާ ވެރިކަމަށް ޝުކުރުއަދާކޮށް، އަލަށް އަންނަ ވެރިކަމަށް މަރުޙަބާ ކިޔުން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއް ވެރިކަމެއް ނިމި އަނެއް ވެރިކަމެއް ފެށޭ ވަގުތަކީ، ކޮންމެ ޤައުމެއްގައިވެސް އިންތިހާއަށް މުހިންމު ދަނޑިވަޅެއް ކަމަށެވެ.
"ތަހުޒީބު މުޖުތަމަޢުތަކުގެ ގޮތަކީ ނިމިގެންދާ ވެރިކަމަށް ހިތްހެޔޮކަމާއެކު ޝުކުރުއަދާކޮށް، އަލަށް އަންނަ ވެރިކަމަށް ހިތުގެ އަޑިން މަރުޙަބާ ކިޔުން." ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު، ޑރ.މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ކުލަގަދަ ރަސްމިއްޔާތަށް، ރައްޔިތުންގެ މަޖިލީހުންވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. މިރަސްމިއްޔާތު ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ރައީސަކު ހުވާކުރެއްވުމަށް ބާއްވާ އެންމެ ބޮޑު ރަސްމިއްޔާތަށެވެ.
ރައީސް މައުމޫން މަލްޓިޕާޓީ ޑިމޮކްރެސީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި ރާއްޖެއަށް ތައާރަފް ކުރެއްވިއެވެ. އެންމެ ފަހުން އެ މަނިކުފާނު ރައީސް ކަމަށް ހޮވިފައިވަނީ 2003ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ދިވެހިރާއްޖޭގެ %90.02 އަޤްލަބިއްޔަތަކުންނެވެ. އެހެންނަމަވެސް 2008 ވަނަ އަހަރު އެމަނިކުފާނުގެ ވެރިކަންނިމި ދެން ވެރިކަމަށް ވަޑައިގަތީ ރައީސް މުހައްމަދު ނަޝީދެވެ. އެހެންކަމުން ޑިމޮކްރެސީގެ ރިވެތި އުސޫލުތަށް ދޫކޮށްނުލައްވާ ރައީސް މައުމޫން ރައީސް ނަޝީދުއަށް ވަނީ މަރުހަބާވެސް ދަންނަވާފައެވެ. 30 އަހަރު ވެރިކަން ކުރެއްވި، ރައީސް މައުމޫނަކީ ދިވެހިރާއްޖޭގެ ތާރީހުގައިވެސް ގައުމަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވި ރައީސެވެ.