Thursday, 18 April 2024

ރައީސް މުޢިއްޒު ޤައުމުގެ ހުންގާނާ ޙަވާލުވެވަޑައިގެން، ބެންނެވީ ޤައުމުގެ ފަސްގަނޑާއި ސިކުނޑިތައް ބިނާކުރެއްވުމުގެ ކަމަރު

ދައުލަތެއްގެ ސަލާމަތާއި ދުނިޔޭގައި ލިބިފައިވާ ޤަދަރާއި އާރާއި ބާރު ނެގެހެއްޓުމަށްޓަކައި މައިގަނޑު ދެ ބިނާކުރުމެއް ބިނާކުރާކަމަށާއި، އެހެންކަމުން ޤައުމުގެ ފަސްގަނޑާއި ސިކުނޑިތައް ބިނާކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސްކަމުގެ ހުވާކުރައްވާ ތަޤުރީރުދެއްވައި ޑރ މުއިއްޒު ވިދާޅުވީ، މިއަދަކީ ޒަމާންތަކަކަށްފަހު، ދިވެހިންގެ ރާއްޖެއަށް ދިއުމަށް ދަތުރުފަށައި ރިޔާ ކޮށާލި ދުވަސްކަމަށާއި، މިވަގުތަކީ ދިވެހިންގެ އުންމީދުތައް ހާސިލުކޮށްދީ ކަންބޮޑުވުންތައް ހައްލުކުރުމުގެ ވިންދު ޖަހަމުންދާ ދުވަހެއްކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ޖުމްހޫރީ މައިދާނަކީ ދިވެހިރާއްޖެއާއި އިސްލާމްދީނުގެ ނަމުގައި ޝަހީދުވެގެންދިޔަ އެތައް ބަތަލުންނާއި ގުޅިފައިވާ ޝަރަފުވެރި މައިދާނެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ދައުލަތެއްގެ ސަލާމަތާއި ދުނިޔޭގައި ލިބިފައިވާ ގަދަރާއި އާރާއި ބާރު ނެގެހެއްޓުމަށްޓަކައި މައިގަނޑު ދެ ބިނާކުރުމެއް ބިނާކުރާކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެއީ އުމްރާނީ އަދި އިންސާނީ ބިނާކުރުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެއީ ގެދޮރާއި ބަނދަރު ފަދަ ތަންތަން ބިނާކުރުމާއި ހެޔޮ ވިސްނުން ހުރި ސިކުނޑިތަކެއް ލިބިފައިވާ އަހުލާގީ ރައްޔިތުން ބިނާކުރުންކަމަށެވެ. އެހެންކަމުން އެއީ ޤައުމުގެ ފަސްގަނޑާއި ސިކުނޑިތައް ބިނާކުރުންކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ފެށޭ ރިޔާސީ ދައުރުގެ ސިޔާސަތަކަށްވާނީ އެ ދެ ބާވަތުގެ ސިޔާސަތުތައް ވަޒަން ހަމަކޮށް ކުރިއަށް ގެންދިއުންކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިލްމާއި ހުނަރާއި އަހުލާގާއި ދީނަށް ލޯބި ޖެއްސުމުގެ އިތުރުން އުޅުންތެރިކަން ދިވެހި ދަރިންގެ ކިބައިގައި އަށަގެންނެވުމަކީ އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ، އެއާއިއެކު ރާއްޖޭގައި ވަސީލަތްތައް ބިނާކުރުމުގައި އިންގިލާބީ ކުރިއެރުމެއް ހޯދުމަކީވެސް ސަރުކާރުގެ އަމާޒެއްކަމަށެވެ.

ސަރުކާރުގެ މަސައްކަތްތައް ބައްޓަންވާނީ އެ ދެ އަސާސްގެ މައްޗަށްކަމަށް ފާހަގަކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ، އެ ދެ ކަމުގެ އިތުރުން ކަށަވަރުކުރަން ބޭނުންވަނީ ރާއްޖޭގެ މިނިވަންކަން ކަމަށެވެ. އަދުލު އިންސާފުގެ ނިޒާމަށް ސަރުކާރު ނުފޫޒެއް ވަންނާނެ ފަދަ ކުޑަ ޖާގައެއްވެސް ނުދިނުމަކީވެސް ސަރުކާރުން ކުރާނެ މަސައްކަތެއްކަމަށާއި އެހެންނަމަވެސް އޭގެ މާނައަކީ ދިވެހިންނަށާއި ދައުލަތަށް ހިޔާނާތްތެރިވާ މީހުންނަށް ސަރުކާރުން ލޯ މަރާލުން ނޫންކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެކަމުގެ މާނައަކީ މި ހިނދުން ފެށިގެން ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުމަކަށް އައުންކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިސާދު މިއަދު ވަނީ ވަރަށް ކުއްލި އަވަސް ފަރުވާއަށް ބޭނުންވެފައި ކަމަށާއި، ރާއްޖެއަށް އާމްދަނީ ލިބޭނެ އަވަސް މަގުތައް ހޯދުން ކޮންމެހެން ލާޒިމު ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު ނިންމައި ޒަމާނީ އާ ޓާރމިނަލް ވަރަށް އަވަހަށް ހުޅުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު ތިޔާގި ކަމެއް އަންނާނެ ކަންވެސް އެމަނިކުފާނުގެ ވާހަަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ރައީސް ކަމާއި ހަވާލުވި އިރު، ރާއްޖޭގެ ދަރަނި ހުރީ 119 ބިލިއަން ރުފިޔާއަށް އަރާފައި ކަމަށާއި، މިއީ ދިވެހި ތާރީޚް ދުށް އެންމެ ބޮޑު ދަރަނި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

" ދިވެހި ދައުލަތާ ހަވާލުވާޢިރު، ދިވެހި ދައުލަތުގެ ދަރަނި ވަނީ ޖުމްލަ 119 ބިލިއަން ރުފިޔާއަށް އަރާފައި. މިއީ ރާއްޖޭގެ މުޅި މާލީ ހަޔާތުގައިވެސް ދިވެހި ތާރީޚް ދުށް އެންމެ ބޮޑު ދަރަނި. އެހެންނަމަވެސް އެކަންކަމުން އަރައިގަތުމަށްޓަކައި އިރާދުކުރެއްވިއްތާ އަޅުގަނޑުމެން ހަރުދަނާ ވަރަށް ހަލުވި ފިޔަވަޅުތަކެއް އަޅާނަން." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންގެ އުންމީދުތަކާއި އެމަނިކުފާނު ސަރުކާރުގެ ވާޖިބުތައް އަދާކުރުމާއި ދެމެދުގައި ވަޅުގަނޑެއް ވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެއީ ރާއްޖޭގެ އިގްތިސާދު ވެއްޓިފައިވާ ފުން އަނދަވަޅުކަމަށެވެ. އަދި ދައުލަތާއި ހަވާލުވާއިރު، ދައުލަތުގެ ދަރަނި 119 ބިލިއަނަށް އަރާފައިކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެއީ ދިވެހިރާއްޖޭގެ މާލީ ހަޔާތް ދުށް އެންމެ ބޮޑު ދަރަނިކަމަށެވެ. އެހެންނަމަވެސް އެކަން ކަމުން އަރައިގަތުމަށް އަވަސް ފިޔަވަޅުތަކެއް އަޅާނެކަމަށް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *