Saturday, 13 April 2024

ރައީސްގެ ޚާއްސަ މުޝީރަކަށް ޢަބްދުއްރަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ މުޝީރުގެ މަޤާމަށް، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް (އަދުރޭ) ޢައްޔަން ކުރައްވައިފިއެވެ.

އެމަނިކުފާނު އެ މަޤާމަށް އައްޔަންކުރައްވާފައިވަނީ، ވަނީ ސީނިއާ މިނިސްޓަރެއްގެ ފެންވަރުގައެވެ.

މިރޭ ރައީސް އޮފީހުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ރައީސްގެ ކުރިފުޅުމަތީގައި އޭނާއަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުދާނެވެ.

އޭނާއާ ފަތްކޮޅު ޙަވާލުކޮށްދެއްވީ ރައީސް ޑރ. މުއިއްޒެވެ.

ރަައީސްގެ ޚާއްޞަ މުޝީރެއްގެ ގޮތުގައި އައްޔަން ކުރެއްވި ޢބްދުއްރަހީމަކީ ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކުރަން ޖެހޭ ކަންކަން ކުރިއަށް ގެންދެވުމަށް އެކުލަވާލި އިންތިޤާލީ ކޮމެޓީއަށް އައްޔަންކުރެއްވި ޑިރެކްޓަރ ޖެނަރަލް އޮފް ޓްރާންސިޝަންއެވެ.

ޕީއެންސީގެ ޗެއަރޕާސަންގެ މަޤާމުގައި ހުންނެވި އަބްދުއްރަހީމް ފާހަގަ ވެގެން ދިޔައީ ޕީޕީއެމް ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް، ޔާމީން އަބްދުލްޤައްޔޫމް ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގަތުމުން، އެ ކޯލިޝަންގެ ހަރަކާތްތައް ވަރުގަދަކުރައްވައި، ވެރިކަމާ ހިސާބަށް ވާސިލުވުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ރައީސް ޔާމީން ޖަލަށް ލުމާއި އެކީ އަބްދުއްރަހީމް މަސައްކަތް ކުރައްވާފައިވަނީ ވެސް އެ ކޯލިޝަންގެ އެކްޓިން ލީޑަރުގެ ގޮތުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *