ކުރީގެ ރައީސް ޞާލިޙަށް ޣައްސާން އަދާކުރެއްވި އިޙްތިރާމުން އޮހެންފެށި ތަޢުރީފް

މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި އޮތް އިންތިޚާބީ ރައީސާއި ނައިބު ރައީސް ހުވާކުރެއްވުމުގެ ޖަލްސާއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަޑައިގެންނެވިކަން ކުއްލިއަކަށް އެނގިވަޑައިގަތުމުން، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަލުން އަދި އާ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ކުއްލިއަކަށް ކޮޅަށް ތެދުވެވަޑައިގެން އަދާކުރެއްވި އިޙްތިރާމަށްޓަކައި ގިނަ ބައެއްގެ ތައުރީފް އޮހެން ފަށައިފިއެވެ. ޣައްސާން ކިބައިން ފެނިގެން ދިޔައީ، ވެރިންނަށް އިޙްތިރާމް ކުުރުމުގެ ފުރިހަމަ ނަމޫނާއެކެވެ.

ޣައްސާނަށް ރައީސް ފެނިވަޑައިގަތީ އެ މަނިކުފާނުގެ ސެކިއުރިޓީ ޣައްސާނުގެ ފަހަތުން އައިސް އޭނާ އިންނެވި ގޮނޑިއާ އަރާ ހަމަވުމުންނެވެ. ކުއްލިއަކަށް  އޭނާ ވަގުތުން ކޮޅަށް ތެދުވީ ކުރާ އިޙްތިރާމެއްގެ ބޮޑުކަމުންކަން ފާހަގަވިއެވެ.

ފެނިގެންދިޔައީ ޙައިރާންކުރުވަނީ، އިޙްތިރާމްކުރުމުގެ ފުރިހަމަ ނަމޫނާއެއްކަމުން މި މަންޒަރު އެތައް ބައެއްގެ ސަމާލުކަމަށް އައެވެ. ވަގުތުން ސޯޝަލް މީޑިއާގައި މި މަންޒަރު ދައުރުވާން ފެށިއެވެ. އެއާ އެކު އެތައް ބައެއް ތައުރީފު ޣައްސާނަށް އޮހެންފެށިއެވެ.

މިއީ މުޅި ރަސްމިއްޔާތުގެ ތެރެއިން ވެސް ފެނުނު އެންމެ ތަފާތު މަންޒަރު ކަމަށް މީހަކު މީސްމީޑިއާގައި ބުނަން ފެށިއެވެ. އަދި، ދައުލަތުގެ ޝަރަފާއި ޤަދަރު ހިފެހެއްޓޭނީ ގައުމީވަންތަ ތަރުބިއްޔަތުގެ މަތީގައި ދަރީން ބަލައި ބޮޑުކުރުމުން ކަމަށާއި މިއީ އެކަމުގެ ލާމަސީލު ނަމޫނާއެއް ކަމަށް ޒުވާނަކު ބުންޏެވެ.

"ދަރީން ރަނގަޅަށް ތަރުބިއްޔަތު ކުރެވުނީމައި މި ކަހަލަ މަންޒަރު ފެނުމަކީ އާ ކަމަކަށް ނުވާނެ،" އޭނާ ބުނެފައިވެއެވެ.

ކޮމެންޓް ކޮށްފައިވާ އެހެން މީހަކު ބުނީ، ޣައްސާނުގެ ކިބައިން ފާހަގަވެގެން ދިޔައީ ވަރަށް ރީތި އަދަބު އަޚްލާގު ކަމަށެވެ. އަދި ޣައްސާނުގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫނާއި މަންމާފުޅު ނަސްރީނާ އިބްރާހީމަށް ތައުރީފު ކުރައްވާ އެހެން މީހަކު ބުނެފައި ވަނީ، ހަމަ ޔަގީނުން ވެސް މިއީ ވަރުގަދަ މަންމައަކާއި ބައްޕައެއް ތަރުބިއްޔަތު ކޮށްފައިވާ ދަރިއެއްކަން އެނގޭ ކަމަށެވެ.

ގިނަ ބަޔަކު ބުނަމުން ގޮސްފައިވަނީ، އެމަންޒަރުން އަންގައިދެނީ ޤައުމިއްޔަތަށް ޣައްސާންގެ ހިތުގައިވާ ލޯތްބާއި އިޙްތިރާމެވެ.

ޣައްސާނަކީ ޕީޕީއެމްގެ ނައިބު ރައީސެވެ. މިހާރު އޭނާއަކީ ޑިފެންސް މިނިސްޓަރުވެސް މެއެެވެ. އެ މަޤާމާ ހަމައަށް އޭނާ ހުންނެވީ ތ. ގުރައިދޫ ދާއިރާގެ މެންބަަރެއްގެ ގޮތުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ