Saturday, 15 June 2024

ތުރުކީވިލާތުގެ ޓޫރިޒމް މިނިސްޓަރ، ރައިސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ތުރުކީވިލާތުގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް، މެހްމަތް ނުރީ އާސޯއި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވިކަމަށްޓަކައި މިނިސްޓަރ މެހްމަތް ނުރީ އާސޯއިއަށް ޝުކުރުއަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވާ މިނިސްޓަރ މެހްމަތް ނުރީ އާސޯއި ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
އަދި ތުރުކީވިލާތާއި ދިވެހިރާއްޖެއާ ދެމެދު ދަތުރުކުރާ ފްލައިޓްތަކުގެ އަދަދު އިތުރުކުރުމާއިއެކު، ދެ ޤައުމުގެ މެދުގައި ޓޫރިޒަމާއި ތަޢުލީމާއި ދަތުރުފަތުރުކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން މިނިސްޓަރ މެހްމަތް ނުރީ އާސޯއި ފާޅުކުރައްވާފައިވާ ކަމަށާއި، އެ މަނިކުފާނުގެ ވާހަކަފުޅުގައި، ތުރުކީވިލާތުގެ އިންވެސްޓްމަންޓްތައް ދިވެހިރާއްޖެއަށް ގެނައުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ތުރުކީވިލާތަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އެ މަނިކުފާނު ދަޢުވަތު އެރުވި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސް އޮފީހުން ވިދާޅުވާ ގޮތުގައި، މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ދެ ޤައުމުގެ ސަގާފަތާއި އާދަކާދައިގައި ހުރި އެއްގޮތްކަން ފާހަގަކުރައްވާ، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރުމުގެ ޝައުގުވެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު