"ޣައްޒާގެ ރައްޔިތުންނަށް ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެއް ނެތް"

ޣައްޒާއިން ކާބޯތަކެތި ހުސްވެ، 2.3 މިލިޔަނެއްހާ މުސްލިމުން ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށް، އ.ދގެ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު، ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔު.އެޗް.ޕީ)ން ބުނެފިއެވެ.

ޣައްޒާގެ ރައްޔިތުންނަށް ބަނޑުފުރާނަ މުއްތި ކުރާނެ ގޮތެއް ނެތް ކަމުގައި ބުނެފައިވާއިރު، ޣައްޒާގެ ފުރަބަންދާ ގުޅިގެން އެ ސަހަރުން ކާބޯތަކެއްޗާއި ސާފު ބޯފެން މިހާރު ވަނީ ހުސްވެފައެވެ.

ޑަބްލިޔު.އެފް.ޕީގެ އެގްޒެކެޓިވް ޑިރެކްޓަރ ސިންޑީ މެކެއިން ވިދާޅުވީ، ކުރިއަށް އޮތީ ފިނި މޫސުން ކަމަށް ކަމަށާއި، އެތަކެއް ސަތޭކަ ބަޔަކާ އެކު ހިޔާތައް ތޮއްޖެހި، ސާފު ބޯފެނެއް ނެތް ކަމަށާއި، ހައިހޫނު ކަމާ ކުރިމަތިލުން ނޫން އިތުރު ގޮތެއް ޣައްޒާގެ މުސްލިމުންނަކަށް ނެތް ކަމަށެވެ.

ޣައްޒާގެ ރައްޔިތުން ކެއުމުގައި އެންމެ ޢާންމު ގޮތެއްގައި ބޭނުން ކުރާ ޕާން މިހާރު މުޅިން ހުސްވެފައިވާއިރު، ޕާން ފިހަން ބޭނުންވާ ތަކެތި ހުސްވެ، ޕާން ފިހާނެ ގޮތެއް ވެސް ނެތެވެ.

ޣައްޒާއާއި މިޞްރު ގުޅޭ ރަފަޙް ހުރަސްގެ އިތުރުން އެހެން ސަރަޙައްދުތަކުން ވެސް ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދޭން ޖެހިފައިވާ ކަމަށާއި، ތެޔޮ ހުސްވުމާ ގުޅިގެން ވެސް، ހާލުގައި ޖެހިފައިވާ އެތަކެއް ސަތޭކަ ހާސް މީހުންނަށް ކާބޯތަކެތި ފޯރުކޮށްދޭން ހުރަސް އެޅިފައިވާ ކަމުގައި ސިންޑީ ވިދާޅުވީއެވެ.

އަނިޔާވެރި ޒަޔަނިސްޓް ޔަހޫދީން ޣައްޒާގެ ފުރަބަންދުގެ ފިޔަވަޅު ހަރުކަށި ކޮށްފައި ވަނީ އެމެރިކާގެ އެހީތެރިކަމާ އެކު އޮކްޓޫބަރު 7 ވަނަ ދުވަހު މުސްލިމުންނާ ދެކޮޅަށް ފެށި ގަތުލުއާންމާ އެކުގައެވެ. އެއަށް ފަހު، ޔަހޫދީން ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި، ފެނާއި، ތެލުގެ އިތުރުން ބޭސްފަރުވާއަށް ބޭނުންވާ ސާމާނު އެތެރެ ކުރަން ވެސް ހުރަސް އަޅާފައެވެ. ތެޔޮ ހުސްވެ، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ގޮތެއް ނެތިގެން ޣައްޒާގެ 18 ހޮސްޕިޓަލް މިހާރު ވަނީ ބަންދު ކޮށްފައެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ހިންގަމުންދާ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 12،000 އިން މައްޗަށް އުފުލިފައެވެ. އޭގެ ތެރޭގައި 4,500 އަށްވުރެ ގިނަ ޢަދަދަކަށް ކުޑަކުދިން ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 29,000 އަށް އުފުލިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު