ރައީސް ޞާލިޙްގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން، ފާއިތުވެދިޔަ 65 އަހަރު ރާއްޖޭގައި ހިންގާފައިވާ ލާއިންސާނީ މައްސަލަތަކުގެ އިންސާފު ހޯއްދަވައި ދެއްވުމަށް އުފައްދަވާފައިވާ އިންތިޤާލީ އޮފީހުގެ މުއްދަތު ހަމަވެ، އެ އޮފީހުގެ ހަރުމުދަލާއި ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީއާ ޙަވާލު ކުރަން އަންގައިފިއެވެ.
އިންތިޤާލީ އޮފީހުން ވިދާޅުވީ، އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ އެ އޮފީހުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވެފައިވާތީ، އެ އޮފީހުގެ ހަރުމުދަލާއި ހުރިހާ ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީއާ ހަވާލުކުރުމަށް އެ މިނިސްޓްރީން އަންގަވާފައިވާ ކަމަށެވެ.
ޤާނޫގައި ކަނޑައަޅާފައި އޮތް ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހަށް އެ އޮފީހަށް ހުށައަޅާފައި ހުރި މައްސަލަތައް ނިންމަންޖެހެއެވެ. އެހެންނަމަވެސް ހުށައެޅުނު މައްސަލަތައް ގިނަވުމާއި މައްސަލަތައް ބަލާ ނުނިމޭތީ އެ މުއްދަތު މިއަހަރުގެ ނޮވެމްބަރު މަހުގެ 17 ގެ ނިޔަލަށް އިތުރު ކުރެއްވިއެވެ. އެ މުއްދަތު މިއަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް އިތުރުކުރެއްވީ ރައީސުލްޖުމްޙޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިހާތަނަށް އައިއިރު އެ އޮފީހަށް 488 މައްސަލައެއް ހުށައަޅާފައިވާއިރު، މި މައްސަލަތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި މައްސަލަ ނިމިފައިވާ ކަމަށާއި އަނެއް މައްސަލަތައް އަދި ނުނިމޭ ކަމަށް އެ އޮފީހުން ވިދާޅުވެއެވެ. އެހެންނަމަވެސް ކޮމިޝަން އުވާލުމުން މިހާރު ނުނިމި ހުރި މައްސަލަތަކަށް ހަދާނެގޮތެއް އެ އޮފީހުން ހާމައެއް ނުކުރެއެވެ.
އިންތިޤާލީ އިންސާފުގެ އޮފީހެއް ޤާއިމުކޮށް ޤާނޫނީ އޮނިގަނޑެއް ހަދާ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ ރާއްޖޭގައި ހިންގާފައިވާ ލާއިންސާނީ އަމަލުތަކަށް އިންސާފު ހޯދައިދިނުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅުގެ ދަށުންނެވެ.
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ، 1953 ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާއި ގުޅުންހުރި މައްސަލަތައް ބެލުމަށް، ޤާނޫނުން ބާރުލިބިގެން އުފެއްދެވި އޮފީހެކެވެ.