މިއަދުން ފެށިގެން ސަރުކާރުގެ މުއައްސަސާތަކުގައި ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބަހައްޓާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން އާންމުކުރައްވާފައިވާ ދެންނެވުމެއްގައިވަނީ، އިއްޔެއިން ފެށިގެން ސަރުކާރުގެ މުއައްސަސާތަކުގައި ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބަހައްޓާ ގޮތަށް ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.
މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، އެ އޮފީހުގެ ނަންބަރު 6/2022 (20 ޖޫން 2022) ދެންނެވުމުން ހަމަޖެއްސެވި، ދިވެހި ޤައުމީ ދިދަ ނެގުމުގައްޔާއި، ދިދަ ބޭނުންކުރުމުގައި ސަރުކާރުގެ މުއައްސަސާތަކުން ޢަމަލުކުރަންވީ ގޮތަށް ބައެއް ބަދަލުގެންނަވައި، އުސޫލު ވަނީ ކަނޑައަޅުއްވާފައެވެ.
https://presidency.gov.mv/Press/Article/29061
ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބެހެއްޓުމާ ބެހޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައިވެސް އަލިއަޅުއްވާލެއްވިއެވެ.
މިގޮތުން، ފަޚުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރި ވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާންގެ ގޮތުގައި އެމަނިކުފާނު ދިވެހި ޤައުމީ ދިދަ ސިފަކުރައްވާފައިވެއެވެ.