Saturday, 13 April 2024

ބުސާން މެޓްރޮޕޮލިޓަން ސިޓީގެ މޭޔަރއާއެކު ތަރައްޤީގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް، ރިޕަބްލިކް އޮފް ކޮރެއާގެ ބުސާން މެޓްރޮޕޮލިޓަން ސިޓީގެ މޭޔަރ ޕާކް ހިޔޮންގ-ޖޫން އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. އަދި ބައްދަލުކުރެއްވުމުގައި ތަރައްޤީގެ މަޝްރޫޢުތަކާމެދު މަޝްވަރާ ކުރައްވާފައިވެއެވެ.

ރައީސް އޮފީހުން ވިދާޅުވާ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވަނީ، އިއްޔެ ކުރިއަށްދިޔަ ރައީސުލްޖުމްހޫރިއްޔާ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ރިޕަބްލިކް އޮފް ކޮރެއާގެ ރައީސްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގެންނެވިކަމަށްޓަކައި، މޭޔަރ ޕާކް ހިޔޮންގ-ޖޫނަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މޭޔަރ ވަނީ ރިޕަބްލިކް އޮފް ކޮރެއާގެ ރައީސް ޔޫން ސުކް ޔޮލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒަށް ހެޔޮއެދުމާއި ތަހުނިޔާ ދަންނަވާފައެވެ.

ރައީސް އޮފީހުން ވިދާޅުވާ ގޮތުގައި، މިބައްދަލުކުރެއްވުމުގައި ދެބޭފުޅުންގެ މެދުގައި ކުރިޔަށްގެންދިޔަ، ދެ ގައުމަށް އޭގެ މަންފާވާނެ ބައެއް މަޝްވަރާތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އުމްރާނީ ތަރައްޤީގެ ދާއިރާ އަދި އިންސާނީ ތަރައްޤީގެ ދާއިރާ ހިމެނެއެވެ. މީގެ އިތުރުންވެސް މަތީ ތަޢުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، ޓޫރިޒަމް ކުރިއެރުވުމާއި، ޓެކްނޮލޮޖީގެ ދާއިރާ ކުރިއެރުވުމާއި، ގަވަރނަންސްގެ އިތުރުން ސަލާމަތާގުޅޭ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށް އިތުރު ފުރުސަތު ހޯދުމާގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސް އޮފީހުން ވިދާޅުވާ ގޮތުގައި، މިބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒާއި މޭޔަރ ޕާކް ހިޔޮންގ-ޖޫން ވަނީ، މަޝްވަރާކުރެވުނު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެއްބާރުލެއްވުން ދެއްވާނެކަން ހާމަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *