Thursday, 18 April 2024

ރައީސްގެ އަޒުމް: އަޒުމަކީ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުން

މާލޭ ސަރަހައްދުގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް ކުރާނެ މަސައްކަތްތައް ފާހަގަކުރައްވަމުން، އެންމެ ބޮޑު މަސައްކަތަކަށް މި ސަރުކާރުން ކުރާނީ ގެދޮރުވެރިކަމުގެ މައްސަލައަށް ޙައްލު ހޯދުމުގެ މަސައްކަތްކަމަށާއި، އެގޮތުން އަޒުމަކީ ކުރިއަށް އޮތް 30 ދުވަސް ހަމަވުމުގެ ކުރިން ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މާފަންނު ގަޑި ބުރު އަލުން ތަރައްޤީކޮށް އިފްޠިތާޙް ކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި މަޝްރޫޢު ނިމުމުން ހުޅުމާލޭގެ 2 ފިޔަވަހި އެއްކޮށްލީމަވާ ޖާގައިގެ 3 ގުނަ ބޮޑު ޖާގައެއް ލިބިގެންދާނެކަމަށާއި، އެއީ ގާތްގަނޑަކަށް 1200 ހެކްޓަރު ކަމުގައެވެ. މީގެ އިތުރުން، މި މަޝްރޫޢު 8 މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް އުންމީދު ކުރައްވާކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ 7 ސަރަހައްދެއްގައި އިންޓަގްރޭޓެޑް އަރބަން ސެންޓަރުތައް ޤާއިމުކުރުމާއެކު، ސަރަހައްދީ، ދެމެހެއްޓިނިވި ތަރައްޤީ ގެނައުމުގެ ވިސްނުމުގައި މި ސަރުކާރުން މަސައްކަތްތައް ކުރިއަށްގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތިމާވެށްޓަށްވެސް އަޅުގަނޑުމެން ވިސްނަންޖެހޭ. ކްލައިމެޓް އެޑަޕްޓޭޝަނަށް ވިސްނަންޖެހޭ. މި ހުރިހާ ވިސްނުމެއްގައި އަޅުގަނޑުމެން ރާއްޖެ ކުރިއަށް ގެންދަން ބޭނުންވާއިރުގައި، މިއީ އަޅުގަނޑުމެން މިކަން ކުރަންޖެހޭނެގޮތް ކަމަށްވާތީ، އެކަން އެގޮތަށް ކުރަން ރާވާފައި އެއޮތީ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން މާލެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ޕާކިން ބިލްޑިންގ ހައްދަވާނެކަމަށާއި، މަގުތައްވެސް ތަރައްޤީކުރައްވާނެ ކަމުގައި ފާހަގަކުރައްވާފައެވެ.

ރޭ ހުޅުވައިދެއްވި ގަޑިބުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގަޑިބުރު އަލުން ތަރައްޤީ ކުރުމުގެ މަސައްކަތަކީ އެމަނިކުފާނު މާލެ ސިޓީގެ މޭޔަރކަމުގައި ހުންނެވިއިރު ފާސްކުރެއްވި އިސްތިރާޖީ އެކްޝަން ޕްލޭންގެ ދަށުން ކުރެއްވި މަސައްކަތްޕުޅެއްކަމުގައެވެ. އަދި މިހާރުގެ ގަޑިބުރު ތަރައްޤީ ކުރައްވާފައިވަނީ ހުރިހާ އުމުރެއްގެ މީހުނަށްވެސް މަޤުބޫލު ވިސްނުންތަކެއް ގެނެވޭނެ ގޮތަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އާ ގަޑިބުރުގައި ހިމެނޭ ކަންކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގަޑިބުރު ތަރައްޤީކޮށްފައިވަނީ 5 ވަގުތު ބަންގިވެސް އަޑުއިވޭ ގޮތަށް ކަމުގައެވެ. އަދި މުހިންމު މެސެޖުތައްވެސް ގަޑީގައިވާ ޑިޖިޓަލް ސްކްރީނުން ދެއްކޭނެ ކަމަށާއި، އެކި ކަހަލަ އިސްތިހާރުތައްވެސް ގަޑިބުރުގައިވާ ސްކްރީނުން ދެއްކޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މާފަންނު ގަޑިބުރަކީ، ދިވެހިރާއްޖޭގެ މިނިވަންކަން އެންމެ ފުރަތަމަ ޤަބޫލުކުރި ޤައުމުކަމުގައިވާ އަވަށްޓެރި ސްރީލަންކާއިން، ދިވެހިރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި 1990 ވަނަ އަހަރު، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުމުގެ ރަމްޒެއްގެ ގޮތުން ކުރި ހަދިޔާއެކެވެ. އަދި ދުވަސްތަކަކަށް ގަޑިބުރު އެސަރަހައްދުން ނެގުމަށްފަހު މިރޭ ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވީ ޒަމާންވީ ގަޑިބުރު ރަމްޒުކޮށްދޭ ޒަމާނީ ގަޑިބުރެކެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *