މި ސަރުކާރަކީ އުޖާލާ މުސްތަޤްބަލެއް އޮތް ސަރުކާރެއް: ސީޝެލްސްގެ ނައިބު ރައީސް

ސީޝެލްސްގެ ނައިބު ރައީސް އަޙްމަދު ޢަފީފް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައި، މި ސަރުކާރަކީ އުޖާލާ މުސްތަޤްބަލެއް އޮތް ސަރުކާރެއް ކަމަށް ވިދާޅުވެއްޖެއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިއްޔެ ކުރިއަށްދިޔަ ރައީސުލްޖުމްހޫރިއްޔާ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ސީޝެލްސްގެ ނައިބު ރައީސް ރާއްޖެއަށް ވަޑައިގެންނެވުމުން އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ސީޝެލްސްގެ ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރަކީ، ހަރުދަނާ، އުއްމީދީ، އަދި ފުރިހަމަ ތަޤުރީރެއްގެ ގޮތުގައި ސިފަކުރައްވައި، މި ސަރުކާރަކީ އުޖާލާ މުސްތަޤްބަލެއް އޮތް ސަރުކާރެއްކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ސީޝެލްސްގެ ނައިބު ރައީސް ވިދާޅުވިއެވެ.

ރައީސް އޮފީހުން ވިދާޅުވާ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒާއި ސީޝެލްސްގެ ނައިބު ރައީސް ވަނީ ދެޤައުމުގެ ދެމެދުގައި ވާ އެއްގޮތްކަން ފާހަގަކުރައްވައި، އެކި ކަންކަމުގައި ދެޤައުމަށްވެސް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދިވެހިރާއްޖެއާއި ސީޝެލްސް އާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު