އައު ވުޒާތަކަށް ވަގުތީ ޕާމަނަންޓް ސެކްރެޓަރީ ޢައްޔަންކޮށް، ދާއިމީ ޕީއެސްއަށް އިޢުލާންކޮށްފި

އަލަށް އުފެއްދި 4 ވުޒާރާއަކަށް ވަގުތީ ޕާމަނަންޓް ސެކްރެޓަރީން ޢައްޔަންކުރައްވައި، ދާއިމީ ޕާމަނަންޓް ސެކްރެޓަރީން ހޯދަން ސިވިލް ސާވިސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.

އެގޮތުން، ވަގުތީ ޕާމަނަންޓު ސެކްރެޓަރީން އައްޔަންކުރީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާއިބެހޭ ވުޒާރާއާއި، ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި، އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާގެ އިތުރުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށެވެ.

އެގޮތުން ވަގުތީ ޕާމަނަންޓް ސެކްރެޓަރީންގެ ގޮތުގައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާއިބެހޭ ވުޒާރާއަށް އިލްޔާސް އަހުމަދު، ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއަށް ފާތިމަތު އަހުމަދު، އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާއަށް އަހުމަދު ޠަލްހަތު، އަދި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށް އިސްމާއީލް ރަޝީދު ހަމަޖައްސަވާފައިވެއެވެ.

އަލަށް ޙަވާލުވި ސަރުކާރުން ސަރުކާރުގެ އިދާރާތަކުގެ އިދާރީ އޮނިގަނޑަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، އިދާރާތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ޕަރމަނަންޓް ސެކްރެޓަރީންނާއި، ޕަރމަނަންޓް ސެކްރެޓަރީންގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލުކުރެވޭ މުވައްޒަފުންނާ ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ބައްދަލުވެސް ކުރައްވާފައެވެ.

އަދި މިހާރު ވަނީ އެ މިނިސްޓްރީތަކަށް ދާއިމީ މުވައްޒަފުން ހޯދަން ވެސް އިއުލާނު ކޮށްފައެވެ. ޕީއެސްގެ މަގާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 30 ގެ ނިޔަލަށް ކަމަށްވާއިރު، ޕީއެސްގެ މަގާމުތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ސަރުކާރު ނުވަތަ ޕަބްލިކް ނުވަތަ އަމިއްލަ ތަނެއް ހިންގުމުގައި މަދުވެގެން ހަ އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށް ސަރުކާރުގައި ނުވަތަ ޕަބްލިކް ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ހިންގުމުގައި މަދުވެގެން ހަތަރު އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމަކީ ވެސް ޕީއެސްއަކަށް ކުރިމަތިލުމުގެ ޝަރުތެކެވެ.

ޤާނޫނުގައި ބަޔާންކުރެވިފައިވާ ގޮތުން، ޕާމަނަންޓް ސެކްރެޓަރީންނަކީ އެ ވުޒާރާއެއްގެ ސިވިލް ސާރވިސްގެ މުވައްޒަފުންގެ އެންމެ އިސް ވެރިޔާއެވެ. ޤާނޫނަށް ގެނެވުނު އިޞްލާޙަކާ ގުޅިގެން، 2016 ވަނަ އަހަރުން ފެށިގެން ޕާމަނަންޓް ސެކްރެޓަރީންގެ މަގާމަށް ބޭފުޅުން އައްޔަން ކުރަމުން އަންނަނީ އެ ވުޒާރާއެއްގެ ވަޒީރުގެ ލަފާގެ މަތިންނެވެ.

ހުކުރު ދުވަހު މަޤާމާ ޙަވާލުވެވަޑައިގެންނެވި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ބަންޑާރަ ނައިބުގެ އޮފީހާއެކު ޖުމުލަ 22 ވުޒާރާއެއް ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު