Friday, 11 October 2024

ސަޢޫދީ ޢަރަބިއްޔާއިން ޣައްޒާއަށް 133 މިލިއަން ޑޮލަރުގެ އެހީ ދެނީ

ޔަހޫދީންގެ ޤަތުލުއާންމުތަކުގެ ސަބަބުން ޣައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދޭން ސަޢޫދީ ޢަރަބިއްޔާއިން ފެށި ކެމްޕޭނަށް 133 މިލިޔަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަން އެ ޤައުމުން ހާމަކޮށްފިއެވެ. ސަޢޫދީ ޕްރެސް އޭޖެންސީން ހާމަކުރައްވާގޮތުގައި، އެ ފަންޑަށް 800,000 އަށްވުރެ ގިނަ ފަރާތުން ފައިސާ ހަދިޔާ ކޮށްފައިވެއެވެ.

ޣައްޒާގެ މުސްލިމުންނަށް އެހީވުމަށް، ކިންގް ސަލްމާން ހިޔުމެނިޓޭރިޔަން އެއިޑް އެންޑް ރިލީފް ސެންޓަރ (ކޭ.އެސް.ރިލީފު)އިން އިސްނަގައިގެން ޚާއްޞަ ފަންޑެއް ހުޅުވާފައި ވަނީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާންގެ އިސްނެންގެވުމަށެވެ.

އެގޮތުން، އެ ފައިސާ ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަނަށް ވުރެ ގިނަ މުސްލިމުންނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ކަމުގައި ވިދާޅުވެއެވެ.

ޣައްޒާއިން ކާބޯތަކެއްޗާއި ސާފު ބޯފެން މިހާރު ހުސްވެފައިވާ ކަމުގައި އ.ދގެ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމުން ވިދާޅުވެއެވެ. ކާބޯތަކެއްޗާއި ފެނުގެ އިތުރުން ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި ތެޔޮ ޣައްޒާއަށް އެތެރެ ކުރަން ވެސް ޔަހޫދީން ދަނީ ހުރަސް އަޅަމުންނެވެ. މި ކަމާ ގުޅިގެން ޣައްޒާގެ މުސްލިމުންނަށް ބަނޑުފުރާނަ މުއްތި ކުރެވޭނެ ގޮތް ހުސްވެފައިވާއިރު، ތެޔޮ ހުސްވުމާ ގުޅިގެން ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ކަރަންޓުގެ ޚިދުމަތް ކެނޑި، އެ ތަންތަނުން ޚިދުމަތް ދިނުން ވަނީ ހުއްޓައިލާފައެވެ. ޣައްޒާގައި ހުންނަ 35 ހޮސްޕިޓަލްގެ ތެރެއިން 18 ހޮސްޕިޓަލެއް މި ސަބަބުތަކާ ގުޅިގެން މިހާރު ވަނީ ބަންދުކޮށްފައެވެ.

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ފައުޖުން މެދުކެނޑުމެއް ނެތި ޣައްޒާއަށް ބޮން އަޅަމުންދާއިރު، ޢާންމުންގެ ގެދޮރާއި ހޮސްޕިޓަލްތަކާއި ސްކޫލްތައް ފަދަ ޢިމާރާތްތައް ދަނީ ސުންނާފަތިވަމުންނެވެ. ހަމައެހެންމެ، އެމްބިޔުލާންސްތައްވެސް ދަނީ ސުންނާފަތިކުރަމުންނެވެ.

ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަޢޫދީ ޢަރަބިއްޔާއިން ޣައްޒާއަށް އެމްބިޔުލާންސްތަކެއް ވެސް ހަދިޔާ ކޮށްފައިވާއިރު، އެ ތަކެތި ވަނީ ވައިގެ މަގުން މިޞްރަށް ގެންގޮސްފައެވެ. އެހެންނަމަވެސް، އެ އުޅަނދުތައް ޣައްޒާއަށް ވެއްދޭނީ ޔަހޫދީން އެ ކަމަށް ހުއްދަ ދިން ދުވަހަކުންނެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 11,400 އަށް އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 30,000 އަށް އަރައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 4,700 އަށްވުރެ ގިނަ ޢަދަދެއްގެ މައުސޫމް ކުޑަކުދިން ހިމެނޭ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ އޮފިޝަލުން ހާމަކުރައްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު