Thursday, 12 September 2024

ވިޒިޓަރ އިކޮނޮމިކް ކައުންސިލު އުފައްދަވައިފި، ކައުންސިލު ޗެއަރ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ

ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުުރުމަށްޓަކައި، މުޅިން އަލަށް ވިޒިޓަރ އިކޮނޮމިކް ކައުންސިލު އުފައްދަވައިފިއެވެ.

ކަން ހާމަކުރެއްވީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ އަލްއުސްތާޛު މުޙައްމަދު ފިރުޒުލްއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު އެކުލަވާލެއްވުމުގެ މަސައްކަތްކުރައްވަމުންދާއިރު، ވަޒީރުންގެ މަޖިލީހުގެ ތިން ކައުންސިލެއް އެކުލަވާލުމުގެ މަަސައްކަތް ހިމެނެއެވެ. އެގޮތުން، މިއަދު އެކުލަވާލެއްވި ތިން ކައުންސިލަކީ ސޯޝަލް ކައުންސިލާއި، އިކޮނޮމިކް ކައުންސިލާއި، ވިޒިޓަރ އިކޮނޮމިކް ކައުންސިލެވެ. މިކައުންސިލުތަކުގެ ތެރެއިން ސޯޝަލް ކައުންސިލް ޗެއަރ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފެވެ. އަދި އިކޮނޮމިކް ކައުންސިލު ޗެއަރ ކުރައްވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދެވެ. އަދި މުޅިން އަލަށް އެކުލަވާލެއްވި ވިޒިޓަރ އިކޮނޮމިކް ކައުންސިލު ޗެއަރ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

މީގެ އިތުރުން ފިރުޒުލް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގެ ނިންމުންތަކަށްވެސް އަލިއަޅުވާލައްވާފައެވެ. މީގެ ތެރޭގައި، ’ހަފްތާ 14′ މަގުޗާޓް ގައި ހިމެނޭ ކަންކަން ތަންފީޒުކުރުމާ ގުޅޭގޮތުން ނިންމެވި ނިންމެވުންތައް ހިމެނެއެވެ.

ވިޒިޓަރ އިކޮނޮމިކް ކައުންސިލަކީ، ރާއްޖޭގެ އިޤްތިޞާދުގެ މައި އަސާސްކަމުގައިވާ ފަތުރުވެރިކަން ފުޅާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ވިދާޅުވުމާ އެއްގޮތަށް އެކަން ހާސިލުކުރުމަށް އުފެއްދި ކައުންސިލެކެވެ. އެ ކައުންސިލުގެ މެންޑޭޓްގެ ގޮތުގައި ހިމެނޭ އަނެއްކަމަކީ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުމެވެ. މީގެ އިތުރުން ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށްވެސް ފިރުޒުލް ޖަވާބުދެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު