Thursday, 18 April 2024

ވަޒީރުންގެ ގެކޮޅާއި ކާރުކޮޅުގައި ޤައުމީ ދިދަ ނަގާފައި ބަހައްޓަން ނިންމަވައިފި

ވަޒީރުންގެ ގެކޮޅާއި ކާރުކޮޅުގައި ވެސް ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނަގާފައި ބަހައްޓަން ޖެހޭ ގޮތަށް ސަރުކާރުން ނިންމައިފިއެވެ.

ކަން ހާމަކުރެއްވީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ އަލްއުސްތާޛު މުޙައްމަދު ފިރުޒުލްއެވެ.

ފިރުޒުލް ވިދާޅުވީ، ރައީސް، ޑރ. މުއިއްޒުގެ އިފްތިތާހީ ތަގުރީރުގައި ދިވެހި ދިދައަށް އޮތް ގަދަރު އަލުން އިއާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށާއި ދިވެހި ދިދައަކީ ދައުލަތެއްގެ ގޮތުގައި އެންމެ ބޮޑަށް ރަމްޒުކޮށްދޭ އެންމެ މަތި ވެތިވެރި ނިޝާން ކަމަށެވެ.

ފިރުޒުލް ވިދާޅުވި ގޮތުގައި، އޭގެ މައިގަނޑު އެއް ނިންމުމެއްގެ ގޮތުން ސަރުކާރުގެ ރަސްމީ އިދާރާތަކުގައި 24 ގަޑިއިރު ދިވެހި ދިދަ ނަގާފައި ބެހެއްޓުމަށް ނިންމަވާފައިވެއެވެ. ހަމައެހެންމެ، ވަޒީރުންގެ ގެކޮޅުގައި އަދި ވަޒީރުން ދުއްވާ ކާރުކޮޅުގައި ވަޒީރުން ތިއްބަވާ ވަގުތުތަކުގައި ދިދަ ނަގާފައި ބަހައްޓަން ނިންމާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"އޭގެ އިތުރަށް ނިންމަވާފައިވޭ ސަރުކާރުގެ ވަޒީރުންގެ ގެކޮޅުތަކުގައި ވެސް ދިވެހި ދިދަ ނަގާފައި ބެހެއްޓުމަށް، މީގެ އިތުރުން ވަޒީރުންގެ ކާރުކޮޅުތަކުގައި ވެސް ވަޒީރުން ތިއްބަވާ ވަގުތުތަކުގައި ދިވެހި ދިދަ ވިހުރިލަވިހުރިލާ ހުންނާނެކަން އަޅުގަނޑު ފާހަގަ ކޮށްލަން" ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް އިތުރަށް ވިދާޅުވީ، އެ ހުރިހާ ނިންމުންތަކުގެ މަޤްސަދަކީ ދިވެހި ދިދަ އަޅުގަނޑުމެންގެ މުޖުތަމައުގައި ބޭނުންކުރެވޭ މިންވަރު އިތުރުކޮށް، ދިވެހި ދިދައަށް އޮތް ޝަރަފާއި ކަރާމާތް އިތުރުކުރުން ކަމަށެވެ. އަދި އޭގެ ތެރެއިން ގައުމިއްޔަތު ދިރުވާ އާލާކޮށް ދިވެހިވަންތަ ޝަހުސިއްހަތު ކުރިއަށް ނެރެ، އަމިއްލަވަންތަކަމަށްޓަކައި ފަހުރުވެރިވާ ޖީލެއް ބިނާކުރުން ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *