2 ނޮވެންބަރު 2024

މާވަހަރު: "ފިފްޓީ ފިފްޓީ ބަހަން އެއްބަސްވި"، ދެން ނިއުޅެމުން ދިޔައީ ކޮން ވާހަކަތަކެއް؟

ހުޅުމާލެ 2 ގެ ގޮނޑުދޮށުން ހޮވި ކަމަށް ބުނާ މާވަހަރެއްގެ ވެރިފަރާތާ މެދު ސުވާލު އުފެދި ބޮޑު މައްސަލަގަނޑަކަށްވިއެވެ. އެ މައްސަލަ ފުލުހަށްވެސް ހުށަހެޅިއެވެ.  އެކަމަކު އެއީ ޖިނާއީ މައްސަލައަކަށް ނުވާތީ ފުލުހުން ތަހުގީގެއް ނުކުރެއެވެ. ނަމަވެސް، މައްސަލަ ކޯޓަށް ހުށަހެޅުމަށް، މައްސަލަ ހުށަހެޅިފަރާތަށް ފުލުހުން ލަފާ ދިނެވެ.

ހުޅުމާލޭ ގޮނޑުދޮށުން މާވަހަރު ހޮވީ 12 އަހަރު ކުޑަކުއްޖެއް ކަމަށް ބުނެ، ސޯޝަލް މީޑިޔާގައި ފޮޓޯއެއް އާންމުވިއެވެ.

އެކަމަކު، ފަހުން އަންހެނަކު ފޭސްބުކްގައި ޖެހި ޕޯސްޓެއްގައި ބުނެފައިވަނީ އެއީ އެ ކުއްޖާ ހޮވި މާވަހަރެއް ނޫން ކަމަށެވެ. ނަމަވެސް، އެ މާވާހަރު ހޮވީ އޭނާ ކަމަށެވެ. އަދި އެއަންހެން މީހާ ބުނެފައިވަނީ، އޭނާ ހޮވި މާވަހަރުގައި 1.8 ކިލޯ ހުންނާނެ ކަމުގައެވެ.

 

އެ އަންހެން މީހާ ބުނި ކަމަށް މީޑިޔާތަކަށް ރިޕޯޓްކޮށްފައިވާ ގޮތުން، އެ ފިރިހެން ކުއްޖާ ނަގާފައިވާ ފޮޓޯ އަކީ ވެސް އެރޭ އެ އަންހެން މީހާގެ ގެއަށް ގޮސް ނަގާފައި ފޮޓޯއެކެވެ.

މި އަންހެން މީހާއާއި، މާވަހަރު ހޮވިކަމަށް ބުނާ ކުޑަ ކުއްޖާގެ މަންމައަކީ ގާތް ގުޅުމެއް އޮންނަ ރައްޓެހިންކަން އެ ކުއްޖާގެ މަންމަ "ފިޔަ"އަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ. އަދި ދެ މީހުންގެވެސް އުޅެނީ ހުޅުމާލެ ފޭސް 2 ގެ ޓަވަރ 3 ގައެވެ.

 

މައްސަލަ ހޫނުވެ، މާވަހަރުގެ މައްސަލަގައި ކޯޅުން އުފެދިއްޖެކަން ފާހަގަވީ، މާވަހަރު ހޮވި ކަމަށް ބުނާ ކުއްޖާގެ ބައްޕަ، ފޭސް ބުކްގައި ޙިއްސާކުރި ޕޯސްޓަކާ ގުޅިގެންނެވެ. އޭނާ ބުނެފައިވަނީ އެ އަންހެން މީހާ އުޅެނީ އެ ކުއްޖާ އަތުން މާވަހަރު ފޭރިގަނެގެން ކަމަށެވެ. އަދި އަންހެން މީހާއާ ދެކޮޅަށް މައްސަލަ ހުށަހެޅީ ވެސް ކުއްޖާގެ ބައްޕަކަމަށް އެކުއްޖާގެ މަންމަ "ފިޔަ"އަށް ކަށަވަރުކޮށްދިނެވެ.

 

މި ކޯޅުންގަނޑުގެ ތެރެއިން، މީޑިއާއަށް ތިލަވެފައިވާ ގޮތުގައި، އެ މާވާހަރު ހޮވީ، އައިޝަތު ފަޒްނާ (ފަޒޫ) ކިޔާ އަންހެނެކެވެ. އޭނާ އެކަން ވީ ގޮތް ކިޔައި ދެމުން އޭނާ ބުނެފައިވަނީ، މާވަހަރު ހޮވައިގެން ގެނެސް ދެއްކީ އެ ވަގުތު ކުޅެން ތިބި އޭނާގެ ދަރިފުޅާއި އަދި އެކީގައި ކުޅެން ހުރި ކުއްޖަކަށް ކަމަށެވެ. މާވަހަރެއްތޯ ޔަގީންކުރަން ހަދަން ޖެހޭނީ ކިހިނެތްތޯ އެހުމުން މޫދަށް ލުމުން އެއީ މާވަހަރެއްތޯ ޔަޤީންކުރެވޭނެ ކަމަށް އެ ކުދިން ބުނިކަމަށް ފަޒޫ ބުނެފައިވެއެވެ. އެހެންކިޔާފައި، އެ  މާވަހަރު ހިފައިގެން މޫދަށް ގެންދިޔައީ އެ ދެކުދިންގެ ތެރެއިން ދަރިފުޅުގެ ރަހުމަތްތެރިޔާ ކަމަށާއި،  އޭގެ ފަހުން އެ ކުއްޖާ ފަޒޫމެން ދިރިއުޅޭ ގެއަށް އައިސް މާވަހަރާ އެއްކޮށް ފޮޓޯއެއް ނެގި ކަމަށާއި، އަދި އެ ފޮޓޯ ސޯސަލް މީޑިއާގައި ދައުރުކުރަން ފެށީ އެ ކުއްޖާގެ މާވަހަރެއް ކަމަށް ބުނެ ކަމަށެވެ. އެ ހިސާބުން، އެއީ ރަނގަޅު ވާހަކައެއް ނޫން ކަން ހާމަކޮށް، އެ މާވަހަރު ހޮވި ފަރާތަކީ ފަޒޫކަން ހާމަކުރުމަށް ސޯޝަލް މީޑީޔާގައި މަޢުލޫމާތު ޙިއްސާކުރިކަމަށް މީޑިޔާގައި ރިޕޯޓްކޮށްފައިވެއެވެ. ފަޒޫ ބުނެފައިވަނީ، އޭނާ ހޮވި އެއްޗެއް، ފޮޓޯ އެއް ނަގާލަން އައި ބަޔަކު އެ ވަރުގެ ދޮގެއް ހަދާފާނެ ކަމަކަށް ހީވެސް ނުކުރާ ކަމަށެވެ.

މާވަހަރު މައްސަލައިގެ ޙަޤީޤަތް އިތުރަށް ނިއުޅާލުމަށް ބޭނުންވިއެވެ. މި މައްސަލައިގައި މާވާހަރު ހޮވިކަމަށް ބުނާ ކުއްޖާއާއި އޭނާގެ މަންމައާ "ފިޔަ" އިން  ސުވާލުކުރުމުން ދީފައިވަނީ ފަޒޫގެ ވާހަކަތަކާ ކޮންމެވެސް ވަރެއްގެ ތަފާތު ވާހަކަތަކެކެވެ.

"ފަޒޫ ދައްތަ އޭތި ހޯދާފަ ބުނީ އަންނާށޭ، މިއޮތީއޭ ވަރަށް ނުބައިވަސް ދުވާ އެއްޗެކޭ، މި އޮތީއޭ މި ބަލަން އަންނާށޭ." މާވަހަރު ހޮވިކަމަށް ބުނާ ކުއްޖާ މާވަހަރު ހޮވި ގޮތުގެ ވާހަކަ ކިޔައިދެމުން ބުންޏެވެ.

ފަޒޫ އެހެން ބުނުމާއެކު އެކުއްޖާ އެތަނަށް ދިޔަ  ކަމަށާއި، އެ މާވަހަރުގައި އަތްލުމުން އެއީ "ކުލޭ ހެން" ފާހަގަވި ކަމަށާއި، ގްރޭޑް 4 ގައި އުޅުނުއިރު، ދިވެހި ގަޑީގައި ޓީޗަރު ކިޔަދިން ވާހަކަތަކަށް ބަލާއިރު، އެ މާވަހަރެއްކަން އެނގުނު ކަމަށާއި، ދެން ފަޒޫއަށްވެސް އަތްލަން ދިން ކަމަށާއި، އެއަށްފަހު އެއީ ކްލޭހެން ހީވާކަމަށް ފަޒޫވެސް ވެސް ބުނި ކަމަށް އެ ކުއްޖާ ކިޔައިދިނެވެ.

"ދެން ވިލޫ ބުނީ ހިނގާށޭ މޫދަށް ލާން. މޫދަށް ލާފަ، އޭތި ފުލޯޓް ވިމަ، ވިލޫ ބުނީ ޔަޤީނޭ އެއީ މާވަހަރެއްކަން. ފަޒޫ ދައްތަ ބުނީ ދެން ނަގާފަ ގެންނާށޯ އަވަހަށް، ވަގަކު ގެންގޮސްދާނެ ޔޯ. ދެން ބުނީ ހިނގާށޯ ދާން ގެއަށް. ފަޒޫ ދައްތަ ހުރީ އެ މާވަހަރުގައި ބައްދައިގެން. ގެއަށްދަމުން ފަޒޫ ދައްތަ ދަރި ކައިރި ބުނީ ގެންނާށޭ ކޮތަޅެއް، ދެން އެކޮތަޅަށްލީ، ލާފަ އޮތީ ފެންނަން (ބޭރަށް ފެންނަން އޮތީ)، އެއްބައި އޮތީ ކޮތަޅުން ނިކުމެފަ. ދެން ގެނައީ އެތާ އިން ގެއަކުން ގޯންޏެއް، ބީޗު ކައިރިގަ ހުރި ފަޅުގެތަކުން. ގޯންޏެއް ނަގާފަ، އެ ގޯނި ވަށައި، އެ މާވަހަރު ލީ. (ގޯންޏަށް) ލާފަ ގެނައީ ގެއަށް. ގެއަށް ގޮއްސަ ފަޒޫ ދައްތަ ބުނީ، އެ ބަހާނަމޭ ފިޓްފްޓީ ފިފްޓީ، ދެން ފަހުން ގެއަށް އައިއްސަ ފަޒޫ ދައްތަ ބުނީ އޭ ނުދޭނަމޭ. ދާށޭ ޕޮލިހަށް. ދެން ދިޔައީ."

އޭނާއަށް މާވަހަރުކަން އެނގުނީ ކިހިނެތްތޯ "ފިޔަ" އިން ސުވާލު ކުރުމުން އެކުއްޖާ ބުނެފައިވަނީ، އެކަން އެނގުނީ ސްކޫލުގައި ކިޔަދިން ވާހަކައަކުން ކަމަށެވެ. ކުއްޖަކު ނެގި މާވަހަރެއް ގެއަށް ގެންގޮސް އެނދު ދަށަށް ލާފަ އޮތުމުން، އެއީ މާވަހަރެއްތޯ ބެލުމަށް ވާހަކަ ދެކެވުނު ކަމަށާއި، އެ އޮތީ ކްލޭހެން، ކެންޑްލްގެ ވެކްސްހެން ކަމަށާއި، ފަޒޫއަށް ފެނުނު މާވަހަރު ފަޒޫ ފައިކާތަ ކާތަ ހުއްޓާ އެ މައްޗަށް ނެގީމަ އެ ހުރީ ހަމަ ކެންޑްލް ވެކްސްހެން ކުޑަކޮށް ކްލޭހެން ކަމަށެވެ.

"ބޮޑަށް ޓެސްޓް ކުރަންވެގެން މޫދަށް ލީ. މޫދަށްލީމަ ހަމަ ފުލޯޓްވެސް ވި. އެހެންވެ އެނގުން އެއީ މާވަހަރެއްކަން." އެކުއްޖާ ބުންޏެވެ.

މާވަހަރު ހޮވި ކުއްޖާގެ މަންމަ އެ ވާހަކަތައް ކިޔައި ދެމުން ބުނެފައިވަނީ، އެ އަންހެން މީހާ މާވަހަރެއް ހޮވިއްޖެ ކަމަށް ބުނިކަމަށާއި، ގޮނޑުދޮށުން ގެއަށް އަރަންވެގެން ލިފްޓަށް އަރާ ވަރަށް މަޖާކުރިކަމަށާއި، ދެން ގެއަށް އައިސް ސައިބޮއިގެން ފެންވަރައިގެން ފަޒޫގެ ގެއަށް ފޮޓޯ ނަގަން ދިޔަ ކަމަށާއި، ފަޒޫއަކީ ރައްޓެހި ރަޙްމަތްތެރިއެއްކަމުން ދޮރުގައި ޓަކި ޖަހާއިރަށް ދޮރު ހުޅުވި ކަމަށާއި، ރައްޓެހިންގެ ގޮތުގައި އުޅޭތާ ދެ އަހަރުވާން ކައިރިވެފައިވާ ކަމަށާއި، ފަޒޫއަކީ ނުބައި މީހެއް ނޫންކަމަށެވެ.

އެ ކުއްޖާގެ މަންމަ އިތުރަށް ބުނީ، ރައްޓެހި ރަޙްމަތްތެރިވީމަ އެ މާވަހަރުވެސް އެ މާވަހަރު ހޮވިކަމަށް ބުނާ ކުއްޖާވެސް އެ މާވަހަރު ދިނީ ކަމަށާއި، އެ ގެއަށް ގޮސް ފޮޓޯ ނަގާ ނިންމާފައި ގެއަށް އައިކަމަށެވެ.

މާވާހަރު ހޮވި ކަމަށް ބުނާ ކުއްޖާގެ ބައްޕަ ގެއަށް އައިސް އެ ކަމާ ބެހޭގޮތުން ސުވާލު ކުރިކަމަށާއި، އެވަގުތު އެތާ ނެތުމުން އެ މާވަހަރު ހޮވީ ކާކު ކަން ބުނަން ނޭނގޭ ކަމަށާއި، އެ މާވަހަރު އެ އޮތީ ހޮވި މީހާގެ އަތުގައި ކަމަށް އޭނާ ބުނިކަމަށް، އެ ކުއްޖާގެ މަންމަ ބުންޏެވެ.

"ފަޒޫ އަތުގައޭ އޮތީ، ލިފްޓުން ދިމާވެގެން ފިފްޓީ ފިފްޓީ ދޯ އޭ ހަދަނީ. ދެމީހުންނަށް ހަމައަށް ބަހާނީ ދޯއެކޭ، އަހަރެން އެހާވަރަކުން ނޫޅެމޭ މާވަހަރަކާ ހެދިގެންނެއް. އަހަރެމެން ދެން މިއައްޔޭ. އެހެރީއޭ ނަގާހުރި ފޮޓޯވެސް. ބުނީމަ ފިރިމީހާ ބުނީ ތިމަންނައެއް ޤަބޫލެއް ނުކުރާނަމޯ އަންހެނުން ދައްކާ ވާހަކައެއް އެގޮތަކަށް އަދި، ތިމަންނަ ކަންފަތަށް އަޑު ނީވެންޏަކާ އަދި. ގުޅާ ބަލާށޯ ތީނަ. ދެން މަ ގުޅައިފިން. އަހަރެންގެ ރައްޓެއްސެއްވީމަ އަހަރެން ގުޅާނެތާ ވަގުތުން. ހަމަ ނެގިގޮތަށް ނަގާ ސްޕީކަރަށް މަ ވައްޓާލީ. ކަންތައްވީ އެހެން ގޮތަކަށް، ފަޒޫ ހުރީ ރުޅިއައިސް ރަތްވެފަ. ފަޒޫ ބުނީ ނުޖެހޭނެޔޯ ދޭކަށެއް. އެހިސާބުން އޭނަ ބަދަލުވީ." ފިރމީހާގެއަށް އައިސް ސުވާލުކުރުމުން ކަންތައް ކުރި ގޮތް އަދި ދިމާވި ޙާދިސާ ކިޔައި ދެމުން، މާވަހަރު ހޮވި ކަމަށް ބުނާ ކުއްޖާގެ މަންމަ ބުންޏެވެ.

ކުއްޖާގެ މަންމަގެ ވާހަކަތަކުން އެނގުނު ގޮތުގައި، އެ މާވަހަރު ހޮވީ އެ ފިރިހެން ކުއްޖާ ކަމަށް ބޮޑަށް ޤަބޫލުކުރީ އޭނާގެ ފިރި މީހާއެވެ. އެއަށްފަހު ކުއްޖާގެ ބައްޕަ އެ މައްސަލަ ފުލުހަށް ލީ ކަމަށާއި، ފުލުހުންނަށް އެ މައްސަލަ ނުބެލޭނެތީ މައްސަލަ ކޯޓަށް ލާން ފެންނަ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ކުއްޖާގެ މަންމަ ބުންޏެވެ.

ދެން އެއަށްފަހު ދިމާވީ ހިތާމަވެރި ކަންތައްތަކެކެވެ. ބަދަހިވެފައިވާ އެކުވެރިކަމަށް އައި ބުރުލެވެ. ދެ އާއިލާގެ ދެމެދުގައި ކުރަމުން ދިޔަ ހޫނު ޒުވާބެވެ. އެހެންނަމަވެސް، މަސްލަޙަތަށްޓަކައި "ފިޔަ"އަށް އެނގިފައިވާ ހުރިހާ ވާހަކައެއް ހިމަނަން ގަސްދެއް ނުކުރަމެވެ.

ފުލުހުން ލަފާ ދެއްވިގޮތަށް، މާވަހަރު ހޮވި ފަރާތަކަކީ ކާކުކަން ސާބިތުކުރެވޭނީ ކޯޓުންނެވެ. ދެފަރާތުގެ ވާހަކަތަކުން ހާމަވަނީ އެކަމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު