11 ފެބުރުވަރީ 2026

މުލީއާގެ މަރާމާތުކުރަނީ ވިރާސީ ތަރިކައަކަށް އެއްވެސް ބަދަލެއް ނާންނާނެ ގޮތަށް: ވަޒީރު

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގެ މަރާމާތުކުރަނީ ކޮންމެހެން މަރާމާތު ކުރަން ޖެހޭ ބައެއް ތަންތަން ހުރުމުން ކަމަށާއި އެ މަސައްކަތް ކުރުމުގައި އެ ތާރީހީ ބިނާގެ އަސްލު ގެއްލޭނެ ވަރުގެ އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އާ ސަރުކާރުގެ ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

މުލީއާގެ މަރާމާތުކުރާ ވާހަކަ ސަރުކާރުން އިއުލާންކުރުމުން ބައެއް މީހުން ވަނީ އެ އިމާރާތަށް ބޮޑެތި ބަދަލުތަކެއް ގެންނަން އުޅޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ކަމާ ގުޅިގެން ޝަކުވާ ކުރަމުންދާއިރު، މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ މުލީއާގެ މަރާމާތު ކުރަނީ އެތަނުގެ އަސްލު ނުގެއްލޭނެ ގޮތަށް ކަމަށެވެ. އެ މަރާމާތުން އެއްވެސް ގެއްލުމެއް ވެސް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ އިމާރާތަކީ ގިނަ ދުވަސްވެފައި ހުރި ޒަމާންވީ އިމާރާތަކަށް ވުމުން ކޮންމެހެން ކުރަން ޖެހޭ މަރާމާތުތަކެއް ހުރީމާ އެ މަސައްކަތް މިހާރު ކުރަނީ. އެ މަރާމާތުތައް ކުރަނީ އެ ތަނުގެ އަސްލު ސަލާމަތް ކުރުމަށް. އެހެންވީމާ، އެއީ އެތަނަށް ދެވޭ ފަރުވާއެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މުލީއާގޭގެ ވިރާސީ ތަރިއަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މުލީއާގޭގެ މަރާމާތުގެ މަސައްކަތަށް ނަގާނީ ކިހާ ދުވަހެއް ކަމެއް އަދި ސާފެއް ނުވެއެވެ. މުލީއާގެ މަރާމާތުކޮށް ނިމެންދެން އާ ރައީސް ޑރ. މުހައްމަދު މުއިއްޒު މި ވަގުތު ދިރިއުޅުއްވަނީ އަމިއްލަ ގެކޮޅުގައި ކަމަށްވާ މ. ދިމްޔާތުގައެވެ.

މީގެ 104 އަހަރު ކުރިން އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ވެރިކަމުގައި ބިނާކޮށްފައިވާ މުލީއާގޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަގުތީ ގޮތުން ދިރިއުޅުއްވިއެވެ. އެއީ 1994 ވަނަ އަހަރު ތީމުގޭ މިހާރު ހުރި ގޮތަށް އިމާރާތްކޮށް ނިމެންދެނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު 2012 ވަނަ އަހަރު އިސްތިއުފާ ދެއްވުމާ ހަމައަށް އުޅުއްވީ ވެސް މުލީއާގޭގައެވެ. ހަމައެހެންމެ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ވަކި ހިސާބަކުން ދިރިއުޅުއްވީ މުލީއާގޭގައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެސް ދިރިއުޅުއްވީ މުލިއާގޭގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު