މާލެ ސިޓީ މޭޔަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން މިހާރުވެސް ކައުންސިލަރުކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ، މުޙައްމަދު ސައިފް ފާތިހް ވާދަކުރާގޮތަށް އެ ޕާޓީން ކަނޑައަޅައިފިއެވެ.
މާލޭ ސިޓީގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ޕްރައިމަރީއަށް ހުޅުވާލީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އެ ފުރުޞަތު އެޕާޓީގެ ފަރާތުން ހުޅުވާލާފައިވަނީ މިމަހުގެ 11 ވަނަ ދުވަހާއި ހަމައަށެވެ. އަދި ލޯކަލް ކައުންސިލް ބައި-އިލެކްޝަން ޕްރައިމަރީ އިންތިޚާބު އަންނަ އާދިއްތަ ދުވަހު ބާއްވާގޮތަށް ކުރިން އޮތީ ނިންމާފައެވެ.
ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި މުއްދަތުގައި އެމަގާމަށް ވާދަކުރުމަށް ހުށަހަޅާފައިވަނީ މުޙައްމަދު ސައިފް ފާތިހް އެކަނިކަމުން، އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން މާލޭ ސިޓީ މޭޔަރު އިންތިޚާބުކުރުމަށް ބާއްވާ ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަނަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރުމުގެ ފުރުޞަތު ޕްރައިމަރީއަކާ ނުލާ ދިނުމަށް އެ ޕާޓީން ވަނީ ކަނޑައަޅާފައެވެ
މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެންނެވެ. މާލޭ ސިޓީގެ ކައުންސިލްގެ މޭޔަރުގެ ގޮނޑި ހިމެނޭހެން ޖުމްލަ 4 ގޮނޑިއެއް ވަނީ ހުސްވެފައެވެ.
މީގެ އިތުރުން ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު ނާޞިރާއި، މެދުހެންވޭރު ދާއިރާގެ މެންބަރު އާދަމް ރަމީޒާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަލްއުސްތާޛާ ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމްވެސް ވަނީ މެންބަރުކަމުން އިސްތިޢުފާ ދެއްވާފައެވެ. ނާސިރާއި ރަމީޒު މިހާރުވަނީ ރައީސް އޮފީހުގެ އިސް މަޤާމުތަކަށް ޢައްޔަންކުރައްވާފައެވެ.
މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ބާއްވާ ބައި-އިލެކްޝަން އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ޑިމޮކްރެޓްސްގެ ސައިފްއަކީ މާލޭ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރުވެސްމެއެވެ.
މާލޭ ސިޓީގެ މޭޔަރުކަމުގެ ގޮނޑިއަށް ވާދަކުރެއްވުމަށް މިހާރުވެސް ބައެއް ބޭފުޅުން ވަނީ ޝަޢުގުވެރިކަން ފާޅުކުރައްވާފައެވެ. އޭގެ ތެރޭގައި ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރާއި، ކުރީގެ މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފާއި، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުވެސް ވާދަކުރައްވާނެކަން ވަނީ އިޢުލާންކުރައްވާފައެވެ.