Tuesday, 18 June 2024

އުސޫލުން ބޭރުން ފުލެޓު ދީފައިވާނަމަ، ފްލެޓު ލިސްޓު ރިވިއުކުރާނެ: ހައިދަރު

ކުރީ ސަރުކާރުން ދޫކުރި ފްލެޓުތަކަށް ހުށައަޅާފައިވާ ޝަކުވާތަކަށް ބަލައި ލިސްޓު ރިވިއުކުރައްވާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބާ ދިމާކޮށް ކުރީ ސަރުކާރުން ދޫކުރި ގޯތިތަކާއި ފްލެޓުތަކާއި ގުޅޭ މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފްލެޓު ދިނުމަށް ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 13000 އަށްވުރެ ގިނަ މީހުން ފްލެޓަށް ޝަރުތުހަމަވާކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އަދި ޝަރުތު ހަމަވާ އެންމެނަށް ފްލެޓު ދިނުމަށް އޭރުގެ ސަރުކާރުން ނިންމިއެވެ. ނަމަވެސް ހުޅުމާލޭގައި ކުރިއަށްދަނީ ހަތަރުހާސް ފްލެޓުކަމުން މިނިސްޓްރީން ވަނީ އެ ހަތަރުހާސް ފްލެޓު ލިބޭ މީހުންގެ ލިސްޓު ތަރުތީބުކޮށްފައެވެ. އަދި ފްލެޓު ލިބޭ މީހުންގެ ފްލެޓު ނަންބަރު ކަނޑައަޅާ ގުރުއަތުވެސް ނަގާ ނިންމާފައިވެއެވެ. ނަމަވެސް އޭގެ ފަހުން ފްލެޓު ދިނުމުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ ގިނަބަޔަކު ޝަކުވާ ހުށައެޅުމާއި ގުޅިގެން އެކަން އިތުރަށް ތަހްގީގްކުރުމަށްފަހު ނޫނީ ކުރިއަށް ނުގެންދިއުމަށް އޭސީސީން ވަނީ އޭރުގެ ހައުސިން މިނިސްޓްރީއަށް އަންގާ އެކަން ހުއްޓުވާފައެވެ.

ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވީ ކުރީ ސަރުކާރުގައި ގުޅިފަޅާއި ގިރާވަރުފަޅުން ގޯތިދީ، ގޯތީގެ ރަޖިސްޓްރީ ދީފައިވީނަމަވެސް، އޭގެތެރޭގައި ބިން ނެތް ތަންތަންވެސް ހިމެނޭކަމަށެވެ. ޤާނޫނާއި ޤަވާއިދު ބަޔާންކުރާގޮތުގައި ގޯތި ދެވޭނީ ބިން އޮތްތަނަކުންކަމަށެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކުރިން ދޫކުރި ގޯއްޗާއި ފްލެޓުތަކަށް އެއްވެސް ބަދަލެއް ނުގައުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާތީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކުރިން ދޫކޮށްފައިވާ ގޯތީގެ ލިސްޓަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ޑރ. ހައިދަރު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާ ދެމެދުވެސް ފްލެޓާއި ގޯތި އޭރުގެ ސަރުކާރުން ދޫކޮށްފައިވާކަމަށާއި އެގޮތުން ފްލެޓު ދޫކުރުން ހުއްޓާލުމަށް އޭސީސީން އޭރުގެ ސަރުކާރަށް އަންގާފައިވާކަމަށާއި، ނަމަވެސް އެ އެންގުމާ ޚިލާފަށް ފްލެޓު ދޫކޮށްފައިވާނަމަ އެއީ މިނިވަން މުއައްސަސާއަކަށް ނުކިޔަމަންތެރިވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ފެލެޓު ދޫކޮށްފައިވާ ގޮތަށް ހަތްހާހަށްވުރެ ގިނަ ޝަކުވާ ހުށައަޅަފައިވާއިރު، ވަޒީރު ވިދާޅުވީ، ސަރުކާރުން މިވަގުތު މަޑުކުރަނީ އޭސީސީގެ ލަފައަކަށްކަމަށާއި، އެކަންކަމަށްބަލައި އެ ފްލެޓުތަކުގެ ލިސްޓު ރިވިއުކުރަން ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އިންތިޚާބު ރައީސް ޑރ. މުޢިއްޒު ކާމިޔާބުވުމަށްފަހު އެ ސަރުކާރަށް އިލްތިމާސްކުރެއްވި އެހާތަނުން އެއްވެސް ބިމެއް ނޫނީ ފްލެޓެއް ދިނުން މަޑުޖައްސާލުމަށް. އެއީ އޭރު އެއޮތީ ރައީސް އިންތިޚާބުކޮށްފަ. އެ ރައީސުލްޖުމްހޫރިއްޔާއަށް އެ އިހްތިރާމް އޮންނަވާނެ. ކޮންމެސްވަރެއްގެ އިހްތިރާމެއްކޮށް އެ މަޑުޖައްސާލުން އެންމެ ރަނގަޅުގޮތަކަށްވާނީ. ނަމަވެސް އޭރުވެސް ބައެއް ކަހަލަ ކަންކަން ކުރަމުންގޮސްފައިވޭ." ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅު އަދި ގިރާވަރުފަޅުން ގޯތި ދޫކުރުމަށް ނިންމާފައިވާ މަޝްރޫޢުއަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ ގުޅިފަޅުން ގޯތި ދޫކޮށްފައިވަނީ އެއްވެސް ޕްލޭނެއް ނެތިކަމަށެވެ. އެގޮތުން އެކި ޚިދުމަތްތައް ދިނުމަށް އެއްވެސް ޖާގައެއް ކަނޑައެޅުމެއްނެތި ގޯތި ދީފައިހުރީ ގޮޅި ޖަހާލައިގެން ކަމަށާއި، މިސަރުކާރުން ގުޅިފަލާއި ގިރާވަރުފަޅަށް ޚާއްޞަ ޕްލޭނެއް ހަދާފައިވާކަމަށާއި، އެހެންކަމުން ގޯތި ލިބޭ ތަން ބަދަލުވުމުގެ ފުރުޞަތު އޮތްނަމަވެސް ގޯތީގެ ބޮޑުމިނަށް ބަދަލެއް ނާންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ގުޅިފަޅާ ގިރާވަރު ފަޅުން ގޯތި ދިނުމުގެ ކުރެހުން ފެނިފަ އޮންނާނީ. ހަމަ ގޮޅި ޖަހާލާފަހުރީ. އެއްވެސް އެހެން ކަހަލަ ޚިދުމަތެއް ދޭނެ ބިމެއް، ނޫނީ ހުސް ޖާގައެއް ދޭނެ ބިމެއް ނެތް. އެގޮތަށް ގޮޅި ޖަހާލައިގެން ބިން ދޫކުރުމަކީ އެތާ ދިރިއުޅޭ ބަޔަކަށްވެސް ދަތިވާނެކަމެއް. އާބަން ޕްލޭނަށް ބެލިޔަސް ކުރެވޭނެ ކަމެއްނޫން،. އެއީ ޤަބޫލުކުރެވޭ ކަމެއްނޫން ގޮޅި ޖަހާލާފައި. އެގޮތަށް ބިން ދޫކޮށްފިނަމަ ތަކްލީފާ އުނދަގޫތައް ދިމާވާނެ." ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވައްސާއި، ގުޅިފަޅާއި ގިރާވަރުފަޅު ހިމެނޭހެން ފުރަތަމަ ބުރުގައި 9001 ގޯތި ދޫކުރުމަށް ނިންމާ ގޯތި ލިބުނު މީހުންނަށް ވަނީ ރަޖިސްޓްރީ ދޫކޮށްފައެވެ. އަދި ބިންކަނޑާ ބިން ހަވާލުކުރަން ފަށާފައިވީނަމަވެސް ނަމަވެސް ސަރުކާރު ބަދަލުވީއިރުވެސް ގުޅިފަލާއި ގިރާވަރު ފަޅު ހިއްކާ ނިމިފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު