Wednesday, 19 June 2024

ޔަހޫދީ ޖަރީމާތަކުގައި ޣައްޒާގައި ޝަހީދުކޮށްލާފައިވާ މުސްލިމުންގެ ޢަދަދު 13,000 އިން މައްޗަށް

އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ފެށި ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 13,000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ޔަހޫދީން އެންމެ ފަހުން ދިން އަނިޔާވެރި ހަމަލަތަކުގައި ފަލަސްޠީނުގެ އެއް ޢާއިލާއަކަށް ނިސްބަތްވާ 41 މެންބަރުން ވަނީ ޝަހީދު ކޮށްލާފައެވެ.

އަލް-ޝިފާ ހޮސްޕިޓަލަށް ވަދެ، އެ ތަނުގެ ތެރޭގައި ވެސް ޔަހޫދީ ފައުޖުން ވަނީ ޖަރީމާތައް ހިންގާފައެވެ. ފަލަސްޠީނުގެ ރެޑް ކްރެސެންޓުން ބުނީ، އެ ތަނުގައި ފަރުވާ ދެމުން ދިޔަ ތުއްތު ކުދިންގެ ތެރެއިން ދުވަސްނުފުރާ ވިހާފައިވާ 31 ކުދިން އެހެން ހޮސްޕިޓަލަކަށް ބަދަލު ކުރަން މަސައްކަތް ކުރަމުންދާ ކަމުގައެވެ. މި ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ [ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)]އާއި އ.ދގެ އިންސާނިއްޔަތާ ބެހޭ އިދާރާއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވީ އެ ކުދިން މިހާރު ރަފަޙްގެ ތަލް އަލް-ސުލްޠާން ހޮސްޕިޓަލަށް ބަދަލު ކޮށްފައިވާ ކަމުގައެވެ. އަދި، އެއަށްފަހު އިތުރު ފަރުވާ ދިނުމަށް އެ ކުދިން މިޞްރަށް ގެންދަން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޔަހޫދީ ފައުޖުން އަލް-ޝިފާ ހޮސްޕިޓަލަށް ވަދެ އުދުވާންތައް ހިންގުމަށް ފަހު އެ ތަން ހުސް ކުރަން ވަނީ އަންގާފައެވެ. ޑަބްލިޔު.އެޗް.އޯއިން ބުނީ، އެ ހޮސްޕިޓަލުގައި ތިބި ބަލިމީހުންގެ ތެރެއިން 291 މީހުން އެ ތަން ދޫކޮށް ގޮސްފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ތުއްތު ކުދިންނާއި ކުޑަކުދިން ހިމެނޭ ކަމަށާއި، ޞިއްޙީ ހާލު ދެރަ ބަލިމީހުން ވެސް ހިމެނޭ ކަމުގައި އެ ޖަމުޢިއްޔާއިން ބުންޏެވެ.

އެ ހޮސްޕިޓަލުގައި ތިބި ބަލިމީހުންގެ އިތުރުން، އަލް-ޝިފާ ހޮސްޕިޓަލުގައި ރައްކާތެރިކަން ހޯދަމުން ދިޔަ ޢާންމުންގެ 2,500 އެއްހާ މީހުންނާއި، އެ ތަނުގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިން ވެސް މިހާރު ވަނީ އެ ތަން ދޫކޮށް ގޮސްފައެވެ. ޑަބްލިޔު.އެޗް.އޯއިން ބުނީ އެ ތަނުގައި މި ވަގުތު ތިބީ ހަމައެކަނި 25 ޞިއްޙީ ޚިދުމަތްތެރިން ކަމުގައެވެ.

އަލް-ޝިފާ ހޮސްޕިޓަލަކީ މިހާރު "މަރުން ފުރިފައިވާ" ސަރަޙައްދެކެވެ. އެ ތަނުގައި ބާކީ ތިބި މަދު ޢަދަދެއްގެ ބަލި މީހުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ޔަހޫދީ ފައުޖުން އަލް-ޝިފާ ހޮސްޕިޓަލަށް ވަދެގަނެފައި ވަނީ އެ ތަނަކީ ޙަމާސް ޖަމާޢަތުގެ މުޖާހިދުން 'ކޮމާންޑް ސެންޓަރެއް’ގެ ގޮތުގައި ބޭނުން ކުރަމުންދާ ތަނެއް ކަމަށް ތުހުމަތުކޮށެވެ.

ޔަހޫދީންގެ ލާއިންސާނީ ޖަރީމާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 13,000 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 5,500 އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، 3,300 އަށްވުރެ ގިނަ ޢަދަދެއްގެ އަންހެނުން ހިމެނެއެވެ. މި އުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 30,000 އަށް އަރާފައެވެ. ޔަހޫދީންގެ ލާއިންސާނީ ޖަރީމާތައް ހިންގަމުން މި ދަނީ އެމެރިކާގެ އެހީތެރިކަމާ އެކުގައި ކަން ފާހަގަކޮށްލަން ޖެހެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު