ފުރަތަމަ ފަހަރަށް ޤާނޫނާ އެއްގޮތަށް ސްޕޯޓްސް ކޮމިޝަނަރެއް ޢައްޔަންކުރުން؛ މިފަހަރު ޠަލާލް!

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމަށް، ގަލޮޅު ފިނިވިލު މުޙައްމަދު ޠަލާލް ޢައްޔަން ކުރައްވައިފިއެވެ. މުޙައްމަދު ޠަލާލް މި މަގާމަށް ޢައްޔަންކުރައްވާފައި ވަނީ މިނިސްޓަރ ފެންވަރުގައެވެ.

ޠަލާލް އެމަޤާމަށް ޢައްޔަނުކުރައްވައި އޭނާއަށް މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ކުޅިވަރު ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގައިވަނީ، ކޮމިޝަނަރ އޮފް ސްޕޯޓްސް އައްޔަންކުރާނީ، ކުޅިވަރާބެހޭ މިނިސްޓަރާއި ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ ލަފަޔާއެކު، ރައީސުލްޖުމްހޫރިއްޔާއެވެ. އެގޮތުން، ޠަލާލް ޢައްޔަންކުރެވިގެން ގޮސްފައިވަނީ ޤާނޫނުގައި ބުނާ އިޖުރާޢަތުތައް ފުރިހަމަކުރުމަށްފަހުގައެވެ. އަދި މިއީ ޤާނޫނުގެ ދަށުން ޢައްޔަންކުރެވުނު 4 ވަނަ ސްޕޯޓްސް ކޮމިޝަނަރ ކަމަށްވާއިރު، މީގެ ކުރިން ޢައްޔަންކުރެވުނު 3 ސްޕޯޓްސް ކޮމިޝަނަރުންވެސް ޢައްޔަންކުރެވިފައިވަނީ ޤާނޫނުގައި ބަޔާންވެފައިވާ އިޖުރާޢަތުތައް ފުރިހަމަކުރުމަށްފަހުގައި ނޫންކަން ފާހަގަކުރަމެވެ. އެހެނީ، އެ ތިން ފަހަރުވެސް ޢައްޔަންކޮށްފައިވަނީ ސްޕޯޓްސް ކައުންސިލުގެ ލަފާ ހޯއްދެވުމެއް ނެތިއެވެ.

އެނގިފައިވާ ގޮތުގައި، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން، ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމު ފުރުއްވަމުން ގެންދެވި ޠަލާލް ވަނީ އެ މަޤާމުންނާއި، އަދި ޕާޓީންވެސް ވަކިވެވަޑައިގެންފައެވެ. ހަމައެހެންމެ، އޭނާ ވަނީ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް ކަމުންވެސް އިސްތިޢުފާ ދެއްވާފައެވެ.

ޠަލާލަކީ ކުޅިވަރުގެ މައިދާނުގައި އެތަކެއް ޚިދުމަތްތަކެއް ކުރައްވާފައިވާ ހިންގުންތެރިއެކެވެ. ޚާއްޞަކޮށް އެތުލެޓިކްސް އެސޯސިއޭޝަނަށް ލިބިގެން ދިޔަ ކާމިޔާބީތަކުގެ އެންމެ ބޮޑު ޙިއްސާދާރަކީ ޠަލާލެވެ.

ކުޅިވަރު ޤާނޫނުގެ 7 ވަނަ މާއްދާގައި ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ޝަރުޠުތަކެއް ބަޔާންކޮށްފައިވެއެވެ. އެގޮތުން، އެކުޅިވަރު ޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) ގައި ވަނީ "ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއެއްގައިވާ ފަރާތެއް ކަމުގައި ނުވުމާއި، ސަރުކާރުގެ އެއްވެސް ސިޔާސީ މަގާމެއްގައިހުރި ފަރާތެއް ކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ ހިންގުމުގެ މަގާމެއްގައި އުޅޭ މީހެއް ކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުމާއި، އިންތިހާބު ކުރެވޭ އެއްވެސް މަގާމެއްގައިވާ ފަރާތެއް ކަމުގައި ނުވުން"؛ އަދި އެ މާއްދާގެ (ރ) ގައި ވަނީ، "ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ކުޅިވަރު ކްލަބެއްގެ މެންބަރަކަށް ނުވަތަ ކުޅުންތެރިއަކަށް ނުވުމާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ކުޅިވަރު ކްލަބެއްގެ މަގާމެއް ފުރަމުންގެންދާ ފަރާތަކަށް ނުވުން" އެވެ.

އަދި 10 ވަނަ މާއްދާގައިވާ ގޮތުން، އެ ގާނޫނުގެ ދަށުން އައްޔަންކުރެވޭ ކޮމިޝަނަރ އޮފް ސްޕޯޓްސް އައްޔަންކުރުމަށްފަހު، އެއްވެސް ސަބަބަކާހުރެ މި މަގާމު ހުސްވެފައިވާނަމަ، ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެހެން ފަރާތެއް ކޮމިޝަނަރ އޮފް ސްޕޯޓްސަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ. އަދި އެ މަގާމަށް މީހަކު އައްޔަންކުރެވެންދެން ވަގުތީ ގޮތުން ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަސްއޫލިއްޔަތުތައް އަދާކުރާނީ ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މެންބަރުންގެ މެދުގައި ނެގޭ ވޯޓަކުން، އެއިން މެންބަރުން ކުރެ މެންބަރެކެވެ.

އެހެންނަމަވެސް، ކުރިން ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމުގައި ހުންނެވި ހީނާ އަޙްމަދު ސަލީމް މަގާމުން ވަކިވިތާ 6 މަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް ކުރީ ސަރުކާރުން އެ މަގާމަށް މީހަކު ޢައްޔަންކޮށްފައެއް ނުވެއެވެ. މިމަޤާމު ހުސްވެފައިވަނީ އެމަޤާމަށް އައްޔަން ކުރެއްވި ހީނާ އަޙްމަދު ސަލީމުގެ ދައުރު މޭ މަހުގެ 22 ވަނަ ދުވަހަށް ހަމަވުމާ ގުޅިގެންނެވެ. ޤާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ދައުރަކީ ހަތަރު އަހަރުގެ މުއްދަތެކެވެ. ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމަށް ހީނާ ޢައްޔަން ކުރައްވާފައިވަނީ 2019 އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހެވެ.

ހީނާ އެ މަޤާމަށް ޢައްޔަން ކުރައްވައިފައިވަނީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ. ހީނާގެ މަޤާމުގެ މުއްދަތު ހަވުމުން ސްޕޯޓްސް ކޮމިޝަނަރުކަމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ސްޕޯޓްސް ކައުންސިލުގެ ނައިބު ރައީސާ އަލްއުސްތާޒާ އައިޝަތު ސަމާއެވެ.

ކުޅިވަރު ޤާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުން ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ބާރުތަކާއި މަސްއޫލިއްޔަތުތައް:

(ހ) ދިވެހިރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހައި ކުޅިވަރެއްގައިމެ ހަރަކާތްތެރިވާ ފަރުދުންނާއި ކްލަބް ޖަމްއިއްޔާތަކާއި އެތަންތަނުގެ މެންބަރުންގެ ދަފްތަރު އޭގެ އެންމެ ފަހުގެ މައުލޫމާތާއެކު ބެލެހެއްޓުމާއި، ކަނޑައެޅިފައިވާ އުސޫލުން އަމަލުނުކުރާ ފަރާތްތަކާމެދު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތީން ފިޔަވަޅު އެޅުން؛

(ށ) ދިވެހިރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހައި ކުޅިވަރެއްގައިމެ ހަރަކާތްތެރިވާ ކްލަބް ޖަމްއިއްޔާ އަދި އެސޯސިއޭޝަންތައް ރަޖިސްޓަރީ ކުރުމާއި އެފަރާތްތަކުގެ އަސާސީ އަދި ހިންގާ ގަވާއިދުގައިވާ ގޮތުގެމަތިން އެފަރާތްތައް އަމަލުކުރޭތޯ ފާރަވެރިވެ، ކަނޑައެޅިފައިވާ އުސޫލުން އަމަލުނުކުރާ ފަރާތްތަކާމެދު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތީން ފިޔަވަޅު އެޅުން؛

(ނ) ދިވެހިރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހައި ކުޅިވަރެއްގައިމެ ހަރަކާތްތެރިވާ ކްލަބް ޖަމްއިއްޔާ އަދި އެސޯސިއޭޝަންގެ އަސާސީ އަދި ހިންގާ ގަވާއިދާ އެފަރާތުން ހިލާފުވެއްޖެނަމަ މި ގާނޫނުގެ ދަށުން އެފަރާތްތަކާމެދު ފިޔަވަޅު އެޅުން؛

(ރ) ދިވެހިރާއްޖޭގެ ގައުމީ ކުޅިވަރާބެހޭ ސިޔާސަތު ކަނޑައެޅުމުގައި ކުޅިވަރާބެހޭ މިނިސްޓަރަށް ލަފާ އެރުވުން؛

(ބ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށް ހިންގާ ކުޅިވަރު އެކިއެކި މުބާރާތްތަކުގައި ސަލާމަތީ އަދި ރައްކާތެރިކަން އެންމެ އެކަށީގެންވާ މިންވަރަށް ރޭވިފައިވޭތޯ ބަލައި ރެގިއުލޭޓް ކުރުން؛

(ޅ) އަދި މިނޫނަސް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަސްއޫލިއްޔަތުކަމަށް ކުޅިވަރާބެހޭ ގައުމީ މަޖިލީހުން ބަޔާންކޮށްފައިވާ ކަންކަން ކުރުން.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު