Thursday, 18 April 2024

މަލީހް ޕީޕީއެމް ހަރަކާތްތަކުން ސަސްޕެންޑްކޮށްފި

ޕީޕީއެމް ސެނެޓް މެންބަރު އަދި ރައީސް ޔާމީން ސަރުކާރުގެ ޔޫތު މިނިސްޓަރ، ރައީސް ޞާލިޙް ސަރުކާރުގެ ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް ޕީޕީއެމް ހަރަކާތްތަކުން ސަސްޕެންޑްކޮށްފިއެވެ.

ޕީޕީއެމްގެ ނައިބު ރައީސުން ކަމަށްވާ ޣައްސާން މައުމޫންއާއި އަޙްމަދު ޝިޔާމް ސޮއިކުރައްވައި، މަލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ޕީޕީއެމްގެ ސެނެޓަރެއްގެ މަޤާމުގައި ހުންނަވައިގެން ޕާޓީ ބަދުނާމު ކުރައްވައި، ބައިބައިކުރުމުގެ މަސައްކަތެއް އޭނާ އިސްވެ ހުންނަވައިގެން ކުރައްވަމުން ގެންދަވާ ކަން ޕާޓީގެ ލީޑަރޝިޕަށް ފާހަގަވެފައިވާ ކަމަށެވެ.

އެގޮތުން ޕާޓީގެ ލީޑަރޝިޕަށް ނުވަތަ ޕާޓީގެ ސެނެޓަށް އެނގުމެއް ނެތި، އަމިއްލަފުޅަށް ކޮމިޓީތައް އުފައްދަވައި، ޕާޓީގެ އަސާސީ ޤަވާޢިދާ ޚިލާފަށް ޕާޓީގެ ލީޑަރޝިޕް ނުވަތަ ސެނެޓުގެ މަޝްވަރާއެއް ނެތި، ޕާޓީގެ ނަމުގައި ޕްރެސް ކޮންފަރެސެއް ބާއްވަވައި އެ ޕްރެސް ކޮންފަރެންސް ލީޑުކުރައްވައި އަދި ޕާޓީގެ އަސާސްތަކާ ޚިލާފަށް ޕާޓީ ބަދުނާމުކޮށް، ޕާޓީ ބައިބައިކުރުމުގެ މަސައްކަތްތަކެއް މަލީޙް ކުރައްވާފައިވާ ކަމަށް އެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

އެހެންކަމުން، ޕާޓީގެ އަސާސީ ޤަވާޢިދުގެ 8 ވަނަ މާއްދާއިން ލީޑަރޝިޕަށް ލިބިގެންވާ ބާރުގެދަށުން މަލީޙް، ޕާޓީގެ ހަރާކާތްތަކުން ސަސްޕެންޑްކޮށް، އެމައްސަލަ ސުލޫކީ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް އެ ސިޓީން އަންގަވާފައިވެއެވެ.

ހަމައެހެންމެ، ސުލޫކީ ކޮމިޓީން ގޮތެއް ނިންމަންދެން ޕާޓީގެ އެއްވެސް ހަރަކާތެއްގައި އޭނާ ބައިވެރި ނުވުމަށްވެސް ވަނީ އަންގަވާފައެވެ.

މަލީޙް ސަސްޕެންޑްކޮށްފައިވާއިރު، ރޭ އޭނާ އިސްވެހުންނަވައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަލީހް އިއުލާން ކުރެއްވީ ޕާޓީ ބާރަށް ހިނގައިގަތުމަށް 13 މެމްބަރުންގެ ސްޓިއަރިން ކޮމިޓީއެއް އެކުލަވާލި ކަމެވެ. އަސާސީ ގަވައިދުގައި ޕާޓީގެ ރައީސަށް ލިބިދޭ ބާރުގެ ދަށުން އުފެއްދި މި ކޮމިޓީގެ މައިގަނޑު މަގުސަދަކީ ޕާޓީ އަށް މެންބަރުން އިތުރު ކުރުމާއި ޕާޓީ ހަރުދަނާ ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޕާޓީގެ ކަންކަމާ ގުޅޭ ގޮތުން ދެން ގުޅަން ޖެހޭނީ ކޮމިޓީގެ ފޯކަލް ޕޮއިންޓްތަކަށް ކަމަށް ވެސް މަލީހް ވިދާޅުވިއެވެ. އެ ހުރިހާ މެމްބަރުންގެ ނަންތަކާއި ފޯން ނަންބަރުތައް ވަކިން އިއުލާން ކުރައްވާނެ ކަމަށް ވެސް މަލީހް ވަނީ ވިދާޅުވެފައެވެ.

އެ ބައްދަލުވުމުގައި ޕާޓީގެ ލީޑަރޝިޕްގެ އެއްވެސް މެންބަރެއް ފެނިގެން ގޮސްފައެން ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *