Saturday, 25 May 2024

އެހެން ކޮމިޓީއެއް ނުހެދޭނެ، މިއީ އިންސްޓިޓިއުޝަނެއް: ޝިޔާމް

ޕާޓީގެ އުސޫލުތަކާ ޚިލާފަށް ވަކި ކޮމިޓީތަކެއް ނުހެދޭނެ ކަމަށާއި އެކަމުގައި އެކަމަށް ލީޑަޝިޕުން ފިޔަވަޅު އަޅާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ޕީޕީއެމްގެ ކޮންގްރެސް އިން ފާސްކޮށް އެ ޕާޓީ ހިންގުމުގެ ގަވައިދެއް ކަނޑައަޅާފައި ވަނިކޮށް، އޭގެ ބޭރުން ކުރީގެ ރައީސް ޔާމީން ވަގުތީ ކޮމިޓީއެއް އެކުލަވައިލެއްވި މައްސަލައިގަ އެވެ.

ޔާމީން ނެންގެވި ކޮމިޓީގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ، ޖޭޕީ ދޫކުރައްވައި، އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމްއާ ގުޅިވަޑައިގެން ކުރީގެ ނައިބު ރައީސް ޖިހާދެވެ. އިދާރީ ގޮތުން އެ ކޮމިޓީގައި އެންމެ އިސްކޮށް އުޅުއްވަނީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. ޕާޓީގެ ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު މި ކޮމިޓީގައި ހިމެނިވަޑައި ނުގަންނަވައެވެ.

އެ ކޮމިޓީ އަކީ ލީޑަޝިޕަށް އެއްވެސް ވަރަކަށް އެނގިގެން އެކުލަވާލި ކޮމިޓީއެއް ނޫން ކަމަށާއި އުސޫލުތަކުގެ ބޭރުން އެފަދަ ކޮމިޓީއެއް ނުވެސް އުފެއްދޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އެހެން ކޮމިޓީއެއް ނުހެދޭނެ، މިއީ އިންސްޓިޓިއުޝަނެއް. ހަމަ މަސްމާރުކޭޓް ކައިރީގައި ބަޔަކު ތިބެފައި ވެސް ބުނަންވީ ކޮމިޓީއެއް ހަދައިފީމޭ. އެއީ އުސޫލެއް ނޫން،" ފިޝަރީޒް މިނިސްޓަރު ކަން ކުރައްވާ ޝިޔާމް ވިދާޅުވި އެވެ.

ސްޓިއަރިން ކޮމިޓީއެއް ހެދީ އެއްވެސް ގޮތަކަށް ލީޑަޝިޕަށް އެންގުމެއް ނެތި ކަމަށާއި، ޕާޓީގައި އިންތިހާބީ ލީޑަޝިޕަކާއި ސެނެޓެއް އޮއްވައި، އޭގެ ބޭރުން ކޮމިޓީއެއް ހަދަން ޕާޓީގެ ގަވައިދު ވެސް ތަން ނުދޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ލީޑަޝިޕުން މިކަން ބަލާނަން. މިކަމުގައި ސެނެޓް މެންބަރުން ބައިވެރިވާ ނަމަ، އެ ބޭފުޅުންނާ ވާހަކަ ދައްކައިގެން ކުރިއަށް ގެންދާނަން އަދި އޭގެ ފަހުން އަޅަން ޖެހޭ ފިޔަވަޅެއް ވެސް އަޅާނަން،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިހެން ވިދާޅުވިއިރު، ރައީސް ޔާމީން އުފެއްދެވި ކޮމިޓީން ރޭ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ޕީޕީއެމްގެ އޮފީހުގައި ބާއްވައިފައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމާ ގުޅޭ މައުލޫމާތު ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޠަލާލު އަދި ތަރުޖަމާނު ހީނާ ވަލީދަށް ދީފައި ނުވާއިރު، އެއިން އެއްވެސް ބޭފުޅަކު އެ ބައްދަލުވުމުގައި ބައިވެރިވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެ ކޮމިޓީން އިއުލާން ކުރީ ހީނާގެ އިސްތިއުފާ އާއި ޠަލާލު މަގާމުން އަމިއްލަ އަށް އެކަހެރިވެފައިވާ ކަމެވެ. އެހެންނަމަވެސް ދެބޭފުޅުންވެސް ވަނީ އެކަން ދޮގުކުރައްވާފައެވެ.

މަލީހް ހުންނަވައި، ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން ޕީޕީއެމް ޕީއެންސީ ސެނެޓްގެ ވަޓްސްއެޕް ގުރޫޕްގެ ތެރޭގައި ޕްރެސް ދެއްވަން އިސްކޮށް ހުންނެވި މަލީހަށް ވަަރަށް ބޮަޑަށް ނުރުހުން އަމާޒުވިއެވެ. އޭނާ އެ ގްރޫޕުން ބޭރުވެސް ކުރިއެވެ. ސެނެޓްގެ މެންބަރުން ގޮވާލާފައިވަނީ އެ މައްސަލަ ބެލުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *