Tuesday, 18 June 2024

ސިލްސިލާ ވާހަކަ: ހަތަރުކަޅި (ފުރަތަމަ ބައި)

ދޮންވެލި ތުނޑީގައި އިށީނދެލައިގެން އަޒީޒު އިނީ ކަމަކާ ފިކުރުކުރާކަށް ނޫނެވެ. އެހެންނަމަވެސް، ދުވަހުގެ އެންމެ ބޮޑު އުއްމީދުގެ އިންތިޒާރުގައެވެ. އޭނާގެ ކޯތާފަތުގައި ފިރުމަމުންދަނީ މަޑުމަޑު ވައިރޯޅިއެވެ. ހަވީރުގެ ހިތްފަސޭހަ ކަމުގެ ތެރޭގައި އަޒީޒަށް ފެންނަމުން ދިޔައީ، މަސްއައިންތައް އައިސް ދޯންޏެއްގެ ވަށާލާ މަންޒަރެވެ. އެއީ ރަށާ މާދުރުނޫން ހިސާބެއްގައިވާ ކަނޑު އޮޅިއެކެވެ. ދޯނީގައި ތިބި ކެޔޮޅުން މަސްބާނަމުންދަނީ ކުރުދޮށީގައެވެ. މަސްއައިން އެހާވެސް ދައްސެވެ. އިރުއޮއްސުމާ ކައިރިވެފައިވަނިކޮށް ދޯނީގެ މިސްރާބު ޖެހީ ރަށާ ދިމާއަށެވެ. ދޯނީގެ ދެކޮޅުގައި ރަތްކުލައިގެ ދިދައެއް ނަގައިފިއެވެ. އޮޑި ފުރާ މަސްބޭނިކަން ޔަޤީންވެއްޖެއެވެ.

ފިރިން މަސްބާނައިގެން އަންނަންވާއިރަށް އަނބިން، މަސް ކައްކަން ތައްޔާރުވާން ފަށަފިއެވެ. ލޯގަނޑުތައް ދޮވެ، ފުޅަތްޕާއި ދަރު އެއްކޮށް ހަދައިފިއެވެ. ދުމަށިތަކުގައި އޮށި އަތުރާ ހަދައިފިއެވެ.

މަސްދޯނި ގޮނޑުދޮށަށް ކައިރި ކުރިއެވެ. މަސްބާލާ ނިމުމުން މާކެޔޮޮޅު، މަސްބައި އެޅިއެވެ. ފަޅުވެރިޔަކަށް ހެޔޮވަރު ވަރުގެ ދައިސައްތައެއްހާ ރާގޮނޑި ލިބުނެވެ. ފަޅުވެރިންނަށް ލިބުނު މަސްބައި ކަރުއަޅައި، މަސްދޮވެ، ފަތިފައްޗަށް އަމުނައިގެން ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. އަޒީޒުގެ ދޯނީގެ މަސްވެރިކަން ރަނގަޅުވުމުން އަޒީޒަށް ލިބުނު އުފާވެރިކަން އެހާމެ ބޮޑެވެ.

އޮޑިިވެރިޔާގެ މަސްބައި ކަރުއަޅައިގެން،  މަސްބައި ގާޑިޔާއަށް އަޅައިގެން ގެޔަށް ދިޔައިރު އަޒީޒުގެ އަނބިމީހާ، ރަމްލާ ހުރީ މަސް ކަންކަން ތައްޔާރުވެގެންނެވެ. މަސްކަނޑަން ވަޅި ތޫނުކޮށް، މަސްކަނޑާ އަށި ދޮވެ ސާފުކޮށް ހަދާފައިވެއެވެ. އަޒީޒަށް ލިބިފައިވަނީ މުރާލި އަންބެކެވެ. ރަމްލާގެ މުރާލި ކަމުގެ ވާހަކަ އަބަދުވެސް އަޒީޒު ދައްކައެވެ. އަދި ރަށު ތެރޭގައިވެސް ރަމްލާގެ ކުޅަދާނަ ކަމާއި މުރާލިކަމުގެ ވާހަކަ ދައްކައެވެ. އެއީ ގެވެހި އަންހެނެއް ކަމުގައި ރަށުގެ ރައްޔިތުން ބުނެއުޅެއެވެ.

އަޒީޒު މަސްކަނޑަމުން ދިޔައިރު އޭނާގެ ދޮށީ ފިރިހެން ދަރި، ރަޝީދު ދިޔައީ ދޮންބިހާއި ބަނޑައިދޫއާއި ކިރުބިހާއި ލަގޮނޑި ފައްޗަކަށް އަމުނަމުންނެވެ. އެކަމަކީ ރަޝީދު ނުހަނު ކުރާހިތުން ކުރާ ކަމެކެވެ. އޭނާގެ ބައްޕަ އަޒީޒު ގެއަށް މަސްބައި ހިފައިގެން އަންނާނެ އިރެއްގެ އިންތިޒާރުގައި ރަޝީދު އަބަދުވެސް ހުރެއެވެ. ރަމްލާގެ މަސައްކަތަކީ މަސްކަނޑާ ނިމޭ ވަރަކުން ކަށިފަތި ކަހާ ބޮނޑިހެދުމެވެ. އެއީ ރިހާކުރު ކައްކަން ވާ ތައްޔާރީއެވެ. ރިހާކުރު ބޮނޑިއަކީ އަޒީޒަށް ވަރަށް ކަމުދާ އެއްޗެކެވެ. އެއީ އޭނާ ކެއުމުގައި އާންމުކޮށް ބޭނުންކުރާ އެއްޗެކެވެ. އަޒީޒު އަބަދުވެސް ބުނަމުންދަނީ، ބޮނޑިއާ ނުލާ ރިހާކުރު ރިހާކުރަށް ނުވާނެ ކަމަށެވެ.

މަސް ކަނޑަން ގަޑިއެއްހާ އިރު ހޭދަވިއެވެ. ދުއިސައްތައެއްހާ މަސް ގަނޑިއެއްހާ އިރުގެ ތެރޭގައި ކަނޑާ ނިމޭނީ އެކަމަށް ލައްކަ ކުޅަދާނަ ވީމަތާއެވެ. އަޒީޒަކީ އޮޑިވެރިއެއްކަމަކު ދެއަތް ފުރަގަހަށް ލައިގެން މަންޒަރު ބަލަން ހުންނަ މީހެއް ނޫނެވެ. މަސް ކަރު އަޅާނެއެވެ. މަސްކަނޑާނެއެވެ. މަސް ކެއްކުމުގައި ރަމްލާއަށް އެހީތެރިވާނެއެވެ.

މަސްކަނޑާ ނިމުނުއިރު، ރަމްލާގެ ހީވަގިކަމުން އެހެރީ މަސްކައްކާ ލޯގަނޑު އުދާފައެވެ. ފެންގަނޑު ހުރީ ކެކިކިއެވެ. ފަހަރަކު މަސް ލޯގަނޑެއް ކައްކަމުން ދިޔައެވެ. މަސް ކައްކާ ނިމޭވަރަކުން މަސްދަނޑިން މަސްތައް ނަގައި ދުމަށިމަތީގައި އަތުރަމުން ދެއެވެ. އަޒީޒުއާއި އޭނާގެ ދަރި ރަޝީދު އެ މަސައްކަތުގައި ހީވާގިވެގެން އުޅޭއިރު، ރަމްލާ ބަލަމުންދަނީ އެންމެ ވަގުތު ކޮޅެއްވެސް ވައްޓާ ނުލައި، ލޯގަނޑަށް މަސްއެޅޭތޯއެވެ. ލަސްކޮށްފިނަމަ އެތައް ދަމެއް ވާއިރުވެސް ކައްކާ ނުނިމޭނެތީއެވެ.

ކޮންމެއަކަސް މަސް ކައްކާ ނިމުނުއިރު މެންދަމުން އަލިވެ އެކެއް ޖަހަނީއެވެ. ދަރު އުނދުނުގައި ކައްކާއިރު އެހާ ގިނައިރު ނަގާނެތާއެވެ. މަސް ކައްކާ ނިމެންވާއިރަށް ދުމަށީގައި އަތުރާލެވިފައިވާ މަސްތަކަށް ދިލައެރުވުމަށްޓަކައި ބޮނބި ރޯކުރިއެވެ. ރަމްލާ ވަނީ އެކަމަށް ތައްޔާރުވެފައެވެ. އަޒީޒާއި ރަޝީދުއާ ދެބަފައިން ރަމްލާ އެކަނިކޮށްފައި ދާކަށް ބޭނުމެއް ނުވިއެވެ. ރިހާކުރު އޮލަ ވަންދެން އުނދުން ދޮށުގައި ރަމްލާ އިން އިރު، އަޒީޒުއާ ރަޝީދުއާ ދެބަފައިން މަސްކެނޑި ތަން ދޮވެ ސާފުކުރަމުން ދިއައެވެ.

"އޭ! ދެން ދެމީހުން ދޭ ނިދަން. އަހަރެން މި ރިހާކުރުކޮޅު އޮލަވީމަ ދާނަން އޮށޯންނަން. އަނެއް ކޮޅުން އަޒީޒު ޖެހޭނެންނު ފަތިހު ފަޅުވެރިންނަށްވެސް ގޮވަން" ރަމްލާ ބުނެލިއެވެ.

ރަމްލާ މިހެން ބުނުމާއެކު މާގިނަ ވާހަކަތަކެއް ނުދައްކާ ދެބަފައިން ނިދަން ވަދެއްޖެއެވެ.

(ނުނިމޭ)

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު