Saturday, 13 April 2024

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ބަންޑާރަނައިބު އުޝާމް ޢައްޔަނުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް މިއަދު ޢައްޔަނުކުރައްވައިފިއެވެ. އަލްއުސްތާޛު އަޙްމަދު އުޝާމް މި މަގާމަށް ޢައްޔަނުކުރައްވާފައި ވަނީ މިކަމަށްޓަކައި މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އަލްއުސްތާޛު އަޙްމަދު އުޝާމް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ވ) އާއި، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބަންޑާރަނައިބުގެ ހައިސިއްޔަތުންނެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އަލްއުސްތާޛު އަޙްމަދު އުޝާމް، ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛާ ޢައިޝާ ޝުޖޫން މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު އަޙްމަދު އުޝާމްއަށް ވަނީ ޙަވާލުކޮށްދެއްވާފައެވެ.

އަލްއުސްތާޛު އަޙްމަދު އުޝާމް، ބަންޑާރަނައިބުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހުންނެނީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު ކަމުގައެވެ. އަދި އޭގެ ކުރިން އެމަނިކުފާނު ވަނީ ޑެޕިއުޓީ އެޓަރނީ ޖެނެރަލްކަމުގެ މަގާމުވެސް ފުރުއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *