ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް އަލްއުސްތާޛު މުޙައްމަދު ސަމީރު ޢައްޔަނުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރ. އިނގުރައިދޫ ހިތްވަރު، އަލްއުސްތާޛު މުޙައްމަދު ސަމީރު މިއަދު ޢައްޔަނުކުރައްވައިފިއެވެ. އަލްއުސްތާޛު މުޙައްމަދު ސަމީރު މި މަގާމަށް ޢައްޔަނުކުރައްވާފައި ވަނީ މިކަމަށްޓަކައި މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އަލްއުސްތާޛު މުޙައްމަދު ސަމީރު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (އ) އާއި، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އަލްއުސްތާޛު މުޙައްމަދު ސަމީރު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛާ ޢައިޝާ ޝުޖޫން މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛު މުޙައްމަދު ސަމީރަށް ވަނީ ޙަވާލުކޮށްދެއްވާފައެވެ.

އަލްއުސްތާޛު މުޙައްމަދު ސަމީރު ކުރިން ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ ކަމުގެ މަގާމާއި، ނަޝީދް އެންޑް ކޯ ގެ ސީނިއަރ އެސޯސިއޭޓްކަމުގެ މަގާމާއި، ސަމީރު އެންޑް ޝަމާމް އެލް.އެލް.ޕީ. ގެ މެނޭޖިންގ ޕާޓްނަރުކަން ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު