ރައީސް މުއިއްޒު ވަޢުދުވި ގޮތަށް، ފުރަތަމަ ބެޗް އަންނަ އަހަރު ހިލޭ ޙައްޖަށް ފޮނުވަނީ

ރައީސް ޑރ މުހައްމަދު މުއިއްޒު ވައުދުވި ގޮތަށް، ހިމަނާފައިވާ ގޮތަށް މި ދައުރުގައި ހިލޭ ހައްޖަށް ގެންދާ ފުރަތަމަ ބެޗް އަންނަ އަހަރު ހައްޖަށް ފޮނުވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމު އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓަރ، ޑރ. ޝަހީމް “އެކްސް” ގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައިސް މުއިއްޒުގެ ވައުދުފުޅު ފުރިހަމަ ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށާއި ހިލޭ ހައްޖަށް ފޮނުވާ ފުރަތަމަ ބެޗްގެ މިއަންނަ ހައްޖުގައި ފޮނުވޭނެ ކަމަށެވެ.

މިކަމަށް ވަޢުދުވެވަޑައިގެންފައިވަނީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މ. މުލަކުގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައެވެ. ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ އަމިއްލައަށް ފައިސާ ދައްކައިގެން ހައްޖަށް ދިޔުމުގެ ތަނަވަސްކަން ނެތް ވަރަށް ގިނަ މީހުން ރާއްޖޭގައި އެބަތިބި ކަމަށާއިި ސަރުކާރުގެ އެފަދަ މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ. އެގޮތުން އަމިއްލައަށް އެފޯޑް ނުކުރެވޭވަރުގެ މީހުން ސަރުކާރުގެ އެހީގައި ބަހާލައިގެން ފަސް އަހަރުތެރޭ 1000 މީހުން ހައްޖަށް ފޮނުވަން އެމަނިކުފާނު ވަނީ ވައުދުވެ ވަޑައިގެންފައެވެ.

ހަމައެހެންމެ، ހައްޖު ކޯޕަރޭޝަން ހިންގުން ހަރުދަނާ ކުރެއްވުމަށް ހައްޖު ފަންޑުގެ ނަމުގައި ހާއްސަ ފަންޑެއް އުފައްދަވާ، އެ ފަންޑުން އެކި ކަންކަމަށް އިންވެސްޓުކޮށް ހައްޖު ކޯޕަރޭޝަނަށް ފައިސާ ލިބޭނެ ގޮތް އިންތިޒާމުކުރައްވާނެ ކަމުގައިވެސް ރައީސް ވަނީ ކެމްޕެއިން ތެރޭގައި ވިދާޅުވެފައެވެ.

ރައީސްގެ ވައުދުފުޅާ އެއްގޮތަށް،  މިހާރު މަސައްކަތް ފައްޓަވާފައިވާއިރު، ރައީސްގެ ވައުދުގެ ތެރޭގައި މިސްކިތް ފަންޑު ތަރައްގީކޮށް ވަގުފު އިމާރަތްތައް އިތުރުކޮށް ފަންޑު ފުޅާ ކުރުމަށް ކަނޑައަޅުއްވާފައިވާތީވެ، މިސްކިތް ފަންޑުގެ ދެވަނަ ވަގުފު ބިލްޑިން އަންނަ ޖެނުއަރީ މަހު ހުޅުމާލެގައި ބިންގާ އެޅިގެންދާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ކޯޓާގެ ރަސްމީ އަދަދު ހަމަ ޖެހުމުން ދެން އަންނަ ހައްޖެއްގައި ފޮނުވާނެ އަދަދަދު ސަރުކާރުން އިއުލާންކުރެވޭނެކަން ފާހަގަކުރައްވަމުން، މިކަމަށް މީހުން ކަނޑައަޅާ އުސޫލު ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ޑރ، ޝަހީމް ވިދާޅުވެފައެވެ. ރައީސް މުއިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވިދާޅުވެފައި ވަނީ ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ދޭ ހައްޖު ކޯޓާގެ އަދަދު އިތުރުކޮށް ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ކޮންމެ އަހަރަކު ވެސް ހައްޖަށް ދިއުމަށް ރާއްޖެ އަށް ދެނީ 1،000 ކޯޓާއެވެ. އެ އަދަދު އިތުރު ކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ސައުދީއާ އެކު ވާހަކަ ދައްކައި މަޝްވަރާ ވެސް ކުރިއެވެ. އެކަމަކު، ސައުދީން އެކަން ހަމަޖައްސާދީފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ