23 އެޕްރީލް 2025

"ވެރިކަން ނިމުމުގެ އެއް ދުވަސް ކުރިން، ބްރިޖުގެ އެއްބަސްވުމުގެ މުއްދަތު، ދެ އަހަރަށް އިތުރުކޮށްފައިވޭ"

ކުރީ ސަރުކާރުން ބުރިޖުގެ މަސައްކަތް ކުރުމަށް ދީފައިވާ މުއްދަތު އިތުރުކުރީ ވެރިކަން ނިމެން އެއް ދުވަހަށް ވެފައިވަނިކޮށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މުއްޠަލިބު ވިދާޅުވީ، އެ މަޝްރޫއު ފެށުނީ 2021 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގައި ކަމަށެވެ. އޭރުގައި ބުރިޖުގެ މުޅި މަސައްކަތް ނިމޭނެކަމަށް ލަފާކުރެވުނު ތާރީހަކީ 2024 ވަނަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަސް ކަމަށާއި، އެހެންނަމަވެސް ބުރިޖުގެ މަސައްކަތް ނިންމަން އޮތް ތާރީހަށް މަސައްކަތް ނުނިމުމުން އެ މަސައްކަތުގެ މުއްދަތު އިތުރުކުރީ ވެރިކަން ނިމެން އެންމެ ދުވަހަކަށްވެފައި ވަނިކޮށް ކަމަށެވެ. އެއްބަސްވުން ފަހުން އިތުރުކޮށްފައިވަނީ އެއްވެސް ވަރަކަށް އާންމުކުރުމެއް ނެތިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މުއްދަތު އިތުރުކުރި ނަމަވެސް ބަޖެޓު އިތުރަށް ދޭކަށް ނުޖެހޭނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ، މިހާރު މަސައްކަތް ކުރިއަށް ގޮސްފައިވާ ގޮތަށް ބަލާއިރު، ސެކްޝަން އޭގެ މަސައްކަތް (މާލެ އިން ގުޅީފަޅަށް) ރޭވިފައިވާ ގޮތަށް ކުރިއަށް ދިޔަނަމަ 96.46 އިންސައްތަ އޮންނަންޖެހޭނީ ނިމިފައި ކަމަށާއި ސެކްޝަން ބީގެ މަަސައްކަތް (ގުޅީފަޅުން ތިލަފުއްޓަށް) 81.13 އިންސައްތަ އޮންނަންޖެހޭނީ ނިމިފައި ކަމަށެވެ. އަދި މަސައްކަތައް އެއްކޮށްބަލާނަމަ 81.71 އިންސައްތަ މުޅި މަސައްކަތުގެ އޮންނަން ޖެހޭނީ ނިމިފައި ކަމަށާއި، ނަމަވެސް މި އަހަރުގެ 15 ނޮވެމްބަރާއި ހަމައަށް ނިމިފައިވަނީ މުޅި ބްރިޖްގެ 29.34 އިންސައްތަ މަސައްކަތް ކަން ކަމަށް ވަޒީރު ވިދާޅުވިއެެވެ. މިއީ މަސައްކަތް ކުރިއަށްދާންޖެހޭ މިންވަރަށް ބަލާއިރު 52 އިންސައްތައިގެ މަދުވުމެކެވެ.

ސެކްޝަން އޭގެ މަސައްކަތް 27 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެއްބަސްވި ނަމަވެސް މިހާރު އެއްބަސްވެފައިވަނީ 54.5 މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް ކަމަށް ފާހަގަކުރައްވަމުން،  އަނގަ ބަހުން ކުރީގެ ސަރުކާރާއި އެކު ވިނލިގިއްޔާ ހަމަޔަށް 2025 ވަނަ އަހަރުގެ ޑިސެމްބަރުން މަހު ބްރިޖް ނިންމާނެ ކަމަށް ކޮންޓްރެކްޓަރު އެއްބަސްވެފައިވާ ކަމަށާއި، އަދި ކުރިން 32 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް އެއްބަސްވި ސެކްޝަން ބީގެ މަސައްކަތް ނިމޭނީ 60.5 ދުވަހުގެ ތެރޭގައި ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މިއާއެކު މުޅި ޕްރޮޖެކްޓް ނިމޭނެނީ ސެޕްޓެމްބަރު 30، 2026 ގައި ކަމަށް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު މުއްތަލިބު އިތުރަށް ވިދާޅުވީ ރާއްޖޭގައި ބްރިޖު އެޅުމަކީ ދުނިޔޭގެ އެހެން ތަންތަނުގައި ބްރިޖު އެޅުމަށްވުރެ އުނދަގޫ ކަމެއް ކަމަށެވެ.

"އެއީ ވަރަށް އޮއި ގަދަ ކަނޑުއޮޅިތަކެއްގައި މި އަޅަނީ މޮންސޫން ސްވެލްސްތަކާ އެއްޗެހި، ބޮޑެތި ރާޅުތަކާ އެއްޗެހި ވެސް އާދޭ، އަދި އެއާއެއްކޮށް ޖިއޯ ޓެކްނިކަލް، މާނައަކީ ބިމުގެ އަޑީގައި ހުންނަ ހާލަތު ވެސް އެހެން ގައުމުތަކުގައި ހައި، ޔުނިފޯމް ނުވަތަ އެއްގޮތެއް ނޫން،" ކުރިން ސިނަމާލެ ބްރިޖުގައި ވެސް އަމަލީ ގޮތުން މަސައްކަތް ކުރެއްވި މުއްތަލިބު ވިދާޅުވިއެވެ.

ރާއްޖެ ފަދަ ގައުމެއްގައި ބްރިޖު އެޅުމުގެ ސީދާ ތަޖުރިބާ ނެތް ބަޔަކަށްވެއްޖެނަމަ މަސައްކަތް ކުރަންޖެހޭ ގޮތް ދަސްވުމަށް ވަގުތުކޮޅެއް ނަގާނެ ކަމަށާއި މިހާތަނަށް ބެލި ބެލުމުން މަސައްކަތުގެ ބުރަކަމާއި އުނދަގޫކަން ނޭނގި އެފްކޮންސްއިން މަސައްކަތް ފެށީ ވަރަށް ފަސޭހަ ކޮށްލައިގެން ކަމަށް މުއްތަލިބު ވިދާޅުވިއެވެ

ބްރިޖު މަޝްރޫއުގެ އަގަކީ ޖީއެސްޓީ ނުލާ 500 މިލިއަން ޑޮލަރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު