Tuesday, 23 July 2024

ހިތް އެދޭހާ ކަމެއް.. (ސައުވީސްވަނަބައި)

"ގުޑް. އާދެބަ އަހަންނާއެކު" ރާހިލް ޝައިނާގެ އަތުގައި ހިފައިގެން ލިފްޓާ ދިމާލަށް ހިނގައިގަތެވެ.

"ކޮންތާކަށް؟"

"އެންމެ ފަހަރަކުވިޔަސް އަހަރެންނަށް އިތުބާރު ކޮށްބަލަ"

————

ޝަައިނާ ގޮވައިގެން އައި ރާހިލް ކާރު ހުއްޓައިލީ އާރް.އެލް އިމާރާތުގެ ކުރިމައްޗަށެވެ. ޝައިނާ ސުވާލު އުފެދިފައި ރާހިލްއާ ދިމާލަށް ބަލައިލިއެވެ. ރާހިލް ހަމަ އެކަނި ހިނިތުންވުމަކުން ފުއްދައިލިއެވެ. އަދި މަގުގެ އެއްފަރާތުގައި ކާރު ޕާކުކުރުމަށްފަހު ކާރުން ފައިބައިގެން އައިސް ޝައިނާ އިން ފަރާތުގެ ދޮރު ހުޅުވައިލައިދިނެވެ.  ޝައިނާ ލައިގެންހުރި ކަޅުކުލައިގެ މަހުމާ ފޮތިން ފަހައިފައިވާ މާމެއިޑް ހެދުމުގެ ފަސްބައި ކުޑަކޮށް ހިއްލައިލަމުން ކާރުން ފޭބިއެވެ. ޓާރޓްލް ނެކްއެއް ލައިފައިވާ އެ ހެދުމުގެ މޭމަތިން ފެށިގެން ފޫޅާއި ހިސާބަށް ރަންރޮދީގެ ފަރުމާއަކުން ޖަރީކުރެވިފައިވާއިރު ހެދުން ޝައިނާގެ ގަޔަށް ހިފައިލައިފައިވަނީ ވަރަށްވެސް ފުރިހަމައަށެވެ. ހެދުމާ ގުޅޭނެހެން އޭނާގެ އިސްތަށިގަނޑު އެކީ އެކައްޗަކަށް އެއްފަރާތަކަށް ގެންގޮސް ކަންފަތް ދޮށުގައި ޖަހާއިފައިވާ ރަންކުލައިގެ ދައްޗަކުން ވަނީ ހިފަހައްޓައިލެވިފައެވެ. އާދައިގެ މަތިން ހަފްލާތަކަށް ބޭނުންކުރާ ކަންފަތުލާ ބޮޑު ބޮޅު ލުއިގޮތަކަށް އެ ކަންފަތުގައި ހެލިލަ ހެލިލާ ހުއްޓެވެ.

"ސިރިއަސްލީ ރާހިލް؟ މިއޮށްފަދަ ބޮޑު ރޭވެސް އަހަރެން އޮފީހަށްތަ ތި ގެނައީ؟" ޝައިނާގެ ރީތިކަމަށް ގެއްލިފައިހުރެވުނު ރާހިލްއަށް ހޭވެރިކަމެއް ވީ ޝައިނާގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.

"ތި ކުރާ ހުރިހާ ޝަކުވާއަކަށް ކުރީބައިގަ މައާފު ދީފިން" ރާހިލް ޝައިނާއާއެކު އޮފީސް އިމާރާތަށް ވަނުމަށްހުރި ސިޑި ގިރާކޮށްލަމުން ބުންޏެވެ. އަދި އެތަނުގައިހުރި ސެކިއުރިޓީ ގާޑަށް ބޯ ޖަހައިލުމަށްފަހު އަތުގައި އޮތް ތަޅުދަނޑިން އޮފީހުގެ މައިދޮރު ހުޅުވައިލިއެވެ.

"ދިސް ބެޓަރ ބީ ވޯތް އިޓް" ޝައިނާ ބުންޏެވެ. ފޫހިކަން ދައްކަން މަސައްކަތްކުރި ކަމުގައިވިޔަސް ހަގީގަތުގައި އޭނާ ހުރީ ރާހިލް ކުރަން އުޅޭ ކަމެއް އެނގުމަށްޓަކައި ޝައުގުވެރިވެފައެވެ.

"ރާހިލް ކީއްކުރަން ތި އުޅެނީ؟؟" ރިއާންގެ ކެބިން ހުޅުވައިލި ވަގުތު ޝައިނާ ރާހިލް ހުއްޓުވިއެވެ. ރާހިލް އެ ބުނި އެއްޗެއް ދޭހަކުރަން ނޭނގިފައިހުރެ ޝައިނާއަށް ބަލައިލިއެވެ.

"މި ހުރިހާ ކަމެއް މީ ރާހިލް ޕްލޭންއެއްތަ؟ ތިއުޅެނީ ވައްކަންކުރަންތަ؟" ރާހިލް ހުރީ ޝައިނާގެ ވާހަކައާމެދު ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އެއްޗެކޭ ބުނުމަށްޓަކައި ދެފަހަރަކު އަނގަ ހުޅުވައިލުމަށްފަހުވެސް ލައްޕައިލީ ޝައިނާގެ ސިކުނޑިއަށް އެ ހިޔާލު ވަތް ގޮތަކާމެދުވެސް ސުވާލު އުފައްދަން ނޭނގިފައެވެ.

"ޝައިނާއަށް އަހަރެން ފެންނަނީ ވަގެއްގެ ސިފައިގަތަ؟ ތިއުޅެނީ މާވަރަކަށް އިންޑިއަން ސީ.އައި.ޑީ ބަލައިގެން" ރާހިލް ހިނިގަނޑު އޮއްބައިލަމުން ބުންޏެވެ. އެއަށްފަހު އޭނާގެ ޖީބުން ހިމަ ފޮތިކޮޅެއް ނެގިއެވެ.

"ޑޫ ޔޫ ޓްރަސްޓް މީ؟" އެފޮތިކޮޅު ޝައިނާގެ ލޮލާއި ކައިރިކޮށްލަމުން ރާހިލް އެއްސެވެ. އަދި ޝައިނާ ބޯ ޖަހައިލުމާއެކު އެ ފޮތިކޮޅު ޝައިނާގެ ލޯ މަތީގައި އައްސައިލިއެވެ. އެއަށްފަހު ނުފެންނަކަން ޔަގީން ކުރުމަށްޓަކައި ޝައިނާގެ ލޯމަތިން ދެފަހަރަކު އަތް ހޫރައިލުމަށްފަހު ރިއާންގެ ކެބިން ތެރެއަށް ދެމިގަތެވެ. ދެން އޭނާ އެތަނުން ނުކުތްއިރު އެއްއަތުގައި ރަތްފިނިފެންމާބޮނޑިއަކާއި ކުޑަ ފޮއްޓެއް ހުއްޓެވެ. ހުސްކޮށް އޮތް އަތުން ޝައިނާގެ އަތްތިލައިގައި ހިފަހައްޓައިލައިގެންހުރެ އޭނާ މިސްރާބުޖެހީ ޓެރަހާ ދިމާލަށެވެ.

"ބަލައިގެން އަރައްޗޭ" ރާހިލް ބުންޏެވެ.

"ސީރިއަސްލީ ރާހިލް؟ ތިއަށްވުރެން މޮޔަ އެއްޗެއް މީހަކަށް ބުނެވޭނެހެން ހިއެއްނުވޭ.. ބަލާށޭ ބުނެފިއެއްނު އަދި ލޯ މަތީގަ ފޮތި އޮޅާފަ" ޝައިނާ ބުންޏެވެ.

"އޯކޭ މަޑު" ރާހިލް ކުއްލިއަކަށް ފަހަތައް ޖެހިލުމަށްފަހު އެއްއަތުގެ އެހީގައި ޝައިނާގެ އުފުލައިލަމުން ކޮނޑުމައްޗަށް އެއްލިއެވެ. ސިއްސައިގެންދިޔަ ޝައިނާގެ އަޑުން ތޫލި ހަޅޭކެއް ނުކުތެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިފައިވާ ފޮތިކޮޅުވެސް ދޫވެގެން ވެއްޓުނެވެ. އަދި ރާހިލްގެ ބުރަކަށީގައި ދެއަތުން ތަަޅައިގަތެވެ. އެވަގުތު ރާހިލްގެ އަނެއްއަތުގައި އޮތް މާބޮނޑިއާއި ފޮށި ޝައިނާއަށް ފެނުނެވެ.

"އޯމައިގޯޑް ރާހިލް މޮޔަވީތަ؟ މީ ދެން މީސްމީހުން މާ ދޭ ގަޑިތަ؟" ޝައިނާ ބުންޏެވެ. އޭރު އެމީހުނަށް ތިބެވުނީ އެ އިމާރާތުގެ ޓެރަހުގައެވެ.

ރާހިލް ޝައިނާ ތިރީގައި ބަހައްޓައިލުމާއެކު ޝައިނާ އާޝޯހުވެފައިހުރެ ކުރިމަތިން ފެންނަމުންދިޔަ މަންޒަރަށް ބަލައިލިއެވެ. މުޅި ޓެރަސް ރަތްއަލިން ދިއްލައިލެވިފައިވާއިރު ރަތްކުލައިގެ ފިނިފެންމާ ވެޔޮގަނޑެއްް އޮޅައިލެވިފައިވާ ގިޑިގެއެއް ޓެރަހުގެ މެދުގައި ބެހެއްޓިފައިވެއެވެ. އޭގެ މެދަށް ވާގޮތަށް ރަތްކުލައިގެ ފޮތިގަނޑެއް އަޅައިފައިވާ ކުޑަކުޑަ މޭޒެއް ބަހައްޓައިފައި ހުއްޓެވެ. އާގަމަވެފައިހުރެ ތަނުގެ ރީތިކަމަށް ބަލަމުންދިޔަ ޝައިނާއަށް އަވަސް ނަޒަރެއް ދިނުމަށްފަހު ރާހިލްގެނައި މާބޮނޑިއާއި ފޮށި މޭޒުމަތީގައި ބަހައްޓައިލިއެވެ.

"ވާއު.. ރާހިލް ދިސް.. ދިސް އިޒް" ޝައިނާއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ރާހިލް ލަސްފިޔަވަޅުތަކެެއްގަޢި އައިސް ޝައިނާގެ ކުރިމަފީގައި ހުއްޓިލަމުން އެ ދެއަތުގައި ހިފައިލިއެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ.

"އަހަރެންނަށް އެނގޭ.. އަހަރެންގެ ހިތުގަ ޝައިނާއާމެދު އުފެދިފައިވާ އިހުސާސްތައް ޝަޢިނާއަށް ސިއްރުވެފައެއް ނޯންނާނެކަން.. ޝައިނާ.. އަހަރެން މި ފާއިތުވެދިޔަ މަދު ދުވަސްކޮޅު ތެރޭގަ އެ އިހުސާސްތަކުގެ މަތިން ހަނދާން ނައްތާލަން ކުރިހާ މަސައްކަތް ދެނެވޮޑިގެންވާނީ މާތް ރަސްކަލާނގެ.. އަހަރެންނަކަށް ޝައިނާނެތް މުސްތަގްބަލެއް ހިޔާލެއް ނުކުރެވުނު…. އަހަ.. އަހަރެން.." ރާހިލް އަވަސް ނޭވާތަކެއް ލާންފެށިއެވެ. ޝައިނާ ރާހިލްގެ މޫނުގައި ދެއަތުން ހިފަހައްޓައިލިއެވެ. އަދި ރާހިލްގެ ދެލޮލަށް ބަލައިލަމުން ވާހަކަ ކުރިއަށް ގެންދިޔުމަށް ހިތްވަރުދީ ބޯ ޖަހައިލިއެވެ.

"އަހަރެންނަށް އެނގޭ ޝައިނާއަށް މިވާހަކަ ގަބޫލުކުރަން އުނދަގޫވާނެކަން އެކަމަކު އަހަރެންނަކަށް ޝައިނާއާނުލާ ހަޔާތުގެ އެންމެ ދުވަހެއްވެސް ވޭތުކުރާނީ ކިހިނެއްކަމެއް ނުވިސްނޭ.. ދެން ޝައިނާ ނޫން ކުއްޖެއް އަހަރެންގެ ހަޔާތަކަށް ނުގެނެވޭނެ.. އަހަރެން ޝައިނާ ވަރަށް ބޭނުން.. ތި ހިނިތުންވުމާ ތި ބީހިލުމާ ތި ސިނގު ރުޅިގަނޑުވެސް އަހަރެން ބޭނުން.. ޝައިނާގެ ދެލޮލުން އޮހޮރޭ ކަރުނަތައް ފިޔަވައި ކޮންމެ އެއްޗަކީ އަހަރެންގެ  މިލްކަކަށް ވާންބޭނުން.. އައި ވޯންޓް އޯލް އޮފް ޔޫ ޝައިނާ.. ޓު ކޯލް ޔޫ މައިން…" އޭނާ ޝައިނާއާ ގާތަށް ފިޔަވަޅެއް އަޅައިލަމުން ޝައިނާގެ ނިއްކުރީގައި ބޮސްދިނެވެ. އެވަގުތު ޖީބުގައި އޮތް ރާހިލްގެ ފޯނު އެލަރމްވާން ފެށިއެވެ. ރާހިލްއަށް ސިހިފައި ޝައިނާއާ ދުރަށް ޖެހިލެވުނެވެ. އައުވި ދުރު ހަނދާނަކާއެކު ދެމީހުނަށް އެކުގައި ހޭން ފެށުނެވެ.

"އަހަރެން ހީކުރީ އަނެއްކާވެސް ގަޑި ކަމަށް" ޝައިނާ ދިމާކުރުމުގެ ރާގެއްގައި ބުންޏެވެ. ރާހިލް ހިނިތުންވެލަމުން އައި ވޮޗްގެ ބަދަލުގައި އަތުކުރީގައި އަޅައިފައިވާ ރިހިކުލައިގެ ގަޑި ދައްކައިލިއެވެ. އެއަށްފަހު ޝައިނާގެ އަތުގައި ހިފައިގެން ޓެރަހުގެ ރެއިލިންގާ ގާތްވެލިއެވެ. މާލޭގެ އެންމެ ބޭރަށް ހުންނަ މަގަށް ވާގޮތަށް އަޅައިފައިވާ އިމާރާތަކަށް ވުމާއެކު އެތަނުގައި ހުންނައިރު ކައިރި ފަޅުގައި އަޅައިފައިވާ އޮޑިދޯނިފަހަރާއި ކަނޑުގައި އަޅައިފައިވާ ސަފާރީތަކުގެ އަލިތަށް ހިތްގައިމު ކަމާއެކު ފެންނަމުން ދިޔައެވެ. ޝައިނާއަށް އާޝޯހުވެފައި އެ މަންޒަރު ބަލަން ހުރެވުނެވެ.

"މިތާނގެ ވިއު ހާދަ ރީއްޗޭދޯ.. މި އޮފީހުގަ 2 އަހަރު ވީ އިރުވެސް އަހަރެން މިތާ މައްޗަކަށް ނާރަން…" ޝައިނާ ބުންޏެވެ.

"ހޫމް.. އެއޮތީ.. އާރް އެލްގެ ތިން ސަފާރީ" ރާހިލް ކައިރި ކައިރީގައި އޮތް ތިން ސަފާރި ޝައިނާއަށް ދައްކައިލިއެވެ.

"ހޫމް.. އަހަރެން ދިޔައިން އޮފީސް ކަމަކު.. ވަރަށް ރީތި.. ދުރުން ބަލާއިރުވެސް ވަރަށް ރީތި ދޯ… ރާހިލް..ރާހިލް.. ބަލާބަ ކިހިނެއް އެވަނީ" ކުއްލިއަކަށް ޝައިނާގެ އަޑަށް ހާސްކަން ވެރިވީ އޭނާ ބަލަބަލާ ހުއްޓާ އެ ސަފާރީތަކުގެ އަލިތަށް ނިވެން ފެށުމުންނެވެ. ފަހަރަކު އައްޔެއް ނިވެމުންގޮސް އެކީއެކައްޗަކަށް ތިން ސަފާރީ ނިވުނުއިރު އެތަނުގައި މިހާރު އެއިން އުޅަނދެއް އޮތް ކަމުގެ ހިލަމެއްވެސް ނެތެވެ.

"ރާހިލް.. އެވަނީ ކިހިނެއްތަ؟" ޝައިނާ ހާސްވެފައި ރާހިލްއަށް ބަަލައިލިއެވެ.

"ރިލޭކްސް ޑަރލިންގް. ބަލާބަ" ރާހިލްގެ އެދުމަށް ޝައިނާ އަނެއްކާވެސް އެދިމާ ބަލައިލިއެވެ. ކުއްލިއަކަށް އެއްސަފާރީގެ އަލިތަށް އިނގިރޭސި "އައި" އަކުރެއްގެ ބައްޓަމަށް ދިއްލިގެން ދިޔައެވެ. އަދި ދެން އޮތް ސަފާރީގެ އަލިތައް އިނގިރޭސި ޔޫ އަކުރެެއްގެ ބައްޓަމަށް ދިއްލިގެން ދިޔައެވެ. ޝައިނާއަށް ކޮންމެވެސް ވަރަކަށް މި ވަނީ ކިހިނެއްކަން ރޭކައިލުމާއެކު ދެލޯ ބޮޑުކޮށްލަމުން އެއްފަހަރު ރާހިލްއަށް އަނެއްފަހަރު ސާފާރީތަކަށް ބަލައިލިއެވެ. އޭނާއަށް ހީވި ހީވުން ޔަގީނަށް ބަދަލުވީ ލެދުގައި އޮތް ސަފާރީގެ އަލިތައް ހިތެއްގެ ބައްޓަމަށް ދިލުމުންނެވެ.

"އައި ލަވް ޔޫ" ރާހިލް ފަހަތުން ޝައިނާގެ ގައިގައި ބައްދައިލުމަށްފަހު ޝައިނާގެ ކޮނޑުގައި ބޮސްދިނެވެ.

"އޯމައި ގޯޑް.. ރާހިލް..ޑިޑް ޔޫ.. ޑިޑް ޔޫ ރިއަލީ ޑޫ ދިސް؟" ޝައިނާގެ ސުވާލަށް ރާހިލް ބޯ ޖަހައިލިއެވެ.

"ރާހިލް.. އިޓްސް ސޯ ބިއުޓިފުލް.. ތެންކްޔޫ" ޝައިނާ ރާހިލްގެ ގައިގައި ބައްދައިލިއެވެ. އަދި ހަމަ އެހާމެ އަވަހަށް ރާހިލްގެ ގައިން ދޫކޮށްލިއެވެ. "މަޑުކުރެ ފޮޓޮއެއް ނަގާލާނަން" ޝައިނާ ހިފައިގެންހުރި ކްލަޗްގެ ތެރެއިން ފޯނު ހޯދައިލަމުން ބުންޏެވެ.

"ވަޓް؟؟ އެހެންވިއްޔާ އަވަސް އަހަރެން ބުނީވެސް އެންމެ ތިރީސް ސުކުންތަ– އެ ނިމުނީ" ރާހިލްގެ ވާހަކަ ނުނިމެންދެން ސަފާރީތަކުގެ އަލިތައް އެއްކޮށް ދިއްލުމާއެކު އޭނާ ބުންޏެވެ.

"ފޮޓޯ ނެގުނުތަ؟" ރާހިލް ޝައިނާގާތު އަހައިލިއެވެ. ޝައިނާ އާނއެކޭ ބުނުމަށްފަހު އޭނާ ފޯނުން ނެގި ފޮޓޯ ރާހިލްއަށް ދައްކައިލިއެވެ.

"ވަރަށް ރީތިދޯ؟" ޝައިނާ ފޮޓޮއަށް ބަަލަންހުރެ ބުންޏެވެ.

"ހްމްމް.. އަހަރެން ބުނީ—"

"ޔެސް" ރާހިލްގެ ވާހަކަ މެދުކަނޑައިލަމުން ޝައިނާ ބުންޏެވެ. ރާހިލްއަށް ހުރީ އޭނާއަށް އިވުނު ލަފްޒު ގަބޫލުވެސް ނުކުރެވިފައެވެ. އޭނާ ޖެހިލުންވެފައިހުރެ ޝައިނާއާ ގާތަށް ފިޔަވަޅެއް އަޅައިލަމުން ޝައިނާގެ މޫނުގައި ހިފަހައްޓައިލިއެވެ.

"ކީކޭ ތި ބުނީ؟" ރާހިލް އަހައިލިއެވެ.

"މި ބުނީ އަހަރެން ރާހިލްއަށް ފުރުސަތެއް ދީފާނާމޭ.. ރާހިލް އަހަރެންގެ އިތުބާރު ގެއްލުވާ ނުލާނެ ކަމަށް އަހަރެން އުއްމީދުކުރަން.." ޝައިނާ ބުންޏެވެ.

"ޝައިނާގެ އިތުބާރު ގެއްލޭފަދަ ކަމެއް އަހަރެން ދުވަހަކުވެސް ނުކުރާނަން.. އަހަރެންނަށް ވީ ވަރަކުން ޝައިނާ އުފާ ކޮށްދޭނަން.. އަހަރެން ޝައިނާދެކެ ވަރަށް ލޯބިވޭ.. އެންޑް އައި ވިލް މޭކް ޝުއަރ ޔޫ ލަވް މީ ޓޫ" ރާހިލް ބުންޏެވެ. ޝައިނާ ބޯ ޖަހައިލިއެވެ.

"ނަސީބެއްނު" ރާހިލް ބުންޏެވެ.

"ތި ބުނީ؟" ޝައިނާ އަހައިލިއެވެ.

"މިބުނީ ޝައިނާ އާނއެކޭ ބުނިކަން ނަސީބެކޭ.. އެހެންނޫނިއްޔާ އަހަރެން ގެނައި ކޭކުވެސް ވާނީ ބޭކާރެއްނު" ރާހިލް ގޮސް ކުޑަ މޭޒުމަތީގައިހުރި ކޭކު ފޮށިގަނޑުގެ މަތި ނަގަމުން ޝައިނާއަށް ދައްކައިލިއެވެ. އެއީ ރަތްކުލައިގެ ކުދިމާތަކަކުން ހިތެއްގެ ބައްޓަމަށް ހަދައިފައިވާ ކޭކެކެވެ. އެވަގުތު ޝައިނާގެ ފޯނަށް އިޝްވާގެ މެސެޖެއް އައެވެ.

"ރާހިލް.. އިޝްކޮ އެ މެސެޖްކުރީ ޒީ އެބަ ހޯދައޭ ކިޔާފަ.. ދެން ހިނގަދާން.. މިހާރުވެސް މާ ލަސްވެއްޖެ" ޝައިނާ ބުންޏެވެ.

"ދެން އެކަމަކު ކޭކް.." ރާހިލް ދެރަވެލައިފައި ބުންޏެވެ.

"ދެން ފަހުން ކޭކް ކާނީއޭ.. އަން.. މީގަ ހިފާ.. ދެންވެސް އަވަހަށް ހިނގާބަ ދަންޏާ.." ރާހިލްގެ އަތަށް ކޭކުފޮށި ދިނުމަށްފަހު މޭޒުމަތީގައި އޮތް މާބޮޑި ހިފައިގެން ޝައިނާ އެތަނުން ފައިބަން ހިނގައިގަތެވެ. ރާހިލްވެސް ޝައިނާގެ ފަސްފަހަތުން އެތަނުން ފައިބަން ހިނގައިގަތެވެ.

———-

ޕާޓީގެ ތެރެއަށް އަތްޖޯޑު ކޮށްލައިގެން ވަތް ރާހިލާއި ޝައިނާފެނި ނާޝިދުގެ ދެބުމަ ގޮށްޖެހުނެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ރާހިލްގެ އުޅުމަށް ފާރަލުމުގެ ތެރެއިން އޭނާއަށް ކުރެވިފައިވި ކުށްހީ ޔަގީނަށް ބަދަލުވެގެންދިޔައެވެ. ފެނުނު މަންޒަރާމެދު ހިތްހަމަ ނުޖެހުނު ނަމަވެސް އެއީ އެވާހަކަ ދެއްކުމަށް އެންމެ މުނާސަބު ވަގުތާއި ތަން ނޫންކަމަށް އޭނާ ދެކުނެވެ. އަދި ކައިރީގައި ހުރި އެކުވެރި އާމިރަށް ބޯ ޖަހައިލުމަށްފަހު ރާހިލްމެނާ ދިމާލަށް ހިނގައިގަތެވެ. ނާޝިދު އެދިމާލަށް އަންނަތަން ފެނި ޝައިނާ އަވަސް އަވަހަށް ރާހިލްގެ އަތުން ދޫކޮށްލަމުން ދުރަށް ހިނގައިގަތެވެ.

"އާދެބަ ބައްޕައާއެކު" ރާހިލް ގޮވައިގެން ނާޝިދުގޮސް ހުއްޓުނީ އާމިރުމެން ގާތުގައެވެ. ރާހިލްއަށް ވަނީ ކީއްކަން ނޭނގުނު ކަމުގައި ވިޔަސް އާމިރު ފެނުމާއެކު ހިނިތުންވެލިއެވެ.

"މިއީ ބައްޕަގެ ވަރަށާ ގާތް ރައްޓެއްސެއް… އާމިރު.. ދަރިިފުޅަށް ނޭނގުނަސް ކުޑައިރު ދިމާވެފަ ހުންނާނީ އެއްކަލަ ސްކޫލް ޗުއްޓީއަށް ރަޝިޔާއަށް ދިޔަ ފަހަރު… އާމިރު ގެ އަންހެނުންނަކީ ރަޝިޔާ މީހެއް.. އެ އާއިލާއަކީ ރަޝިޔާގައި ހޮސްޕިޓަލް ޗެއިންއެއް ހިންގާ ބައެއް… މިހާރު އާމިރުވެސް އެ ވިޔަފާރީގަ މަސައްކަތް ކުރަނީ.. ދެން މިހިރީ އެލީޝާ.. އާމިރުގެ ދަރިފުޅު" ނާޝިދު ތައާރަފުކޮށްދިނެވެ.

"ނައިސް މީޓިންގް ޔޫ" ރާހިލް ހިނިތުންވެލަމުން އެލީޝާއާ ދިމާލަށް ބަަލައިލިއެވެ. ޕާރޓީގެ ކުލައާއި ގުޅޭނެހެން އެލީޝާވެސް ލައިފައިހުރީ ކަޅުކުލައިގެ ހެދުމެކެވެ. ކިރިޔާ ބުޑު ނިވާވާވަރުގެ އެ ބާރު ހެދުމުގެ އަތް ހުރީ ދިގުކޮށެވެ. ނަމަވެސް މޫނާއި ފައިން ހާމަވެފައިވާ ހަމުގެ ކުލަ ދޮންކަމުން ހުރީ ހުދު އަރައިފައެވެ. ފެހިކުލައިގެ ވިދުންގަދަ ދެލޮލާއި ކޮނޑަށްވުރެ ތިރިއަށް އޮތް ބްލޯންޑްކުލައިގެ ބުޅި އިސްތަށިގަނޑުން އެކަނިވެސް އޭނާއަކީ ރާއްޖެ ކުއްޖެއް ނޫންކަން ބަލައިލި ކޮންމެ މީހަކަށް އެނގޭނޭކަން ޔަގީނެވެ. ހުތުރު ކުއްޖެކޭ ބުނެވޭނެ ޖާގައެއްނެތެވެ.

"އެލީޝާމެން މިކޮޅުގަ އުޅޭނެ ދެތިން ހަފްތާވަންދެން..  ރާހިލް ވާނެ އެލީޝާ ގޮވައިގެން ތަންތަން ދައްކާލަން ދާން އެލީގެވެސް އަނެއްހެން ރައްޓެއްސެއް ނުހުންނާނެ އެއްނު މިކޮޅުގައެއް" އާމިރުގެ ވާހަކައަށް ރާހިލް ބޯ ޖަހައިލުމާއެކު އެލީޝާ ހިނިތުންވެލިއެވެ.

ނާޝިދު އާމިރު ގޮވައިގެން ދުރަށް ޖެހިލުމުން ރާހިލްހުރީ އެލީޝާ އެކަނިކޮށްލުމަށްފަހު ދާންނުކެރިފައެވެ. އެހެންކަމުން އޭނާ އެކުވެރިކަމާއެކު އެލީޝާއާ ވާހަކަ ދައްކަން ފެށިއެވެ. އެ ވަގުތުކޮޅުގެ ތެރޭގައި އޭނާއަށް އެލީޝާއާގުޅޭ އެތައް މައުލޫމާތުތަކެއް ލިބުނެވެ. އާމިރަކީ ދިވެހި މުސްލިމެއް ކަމުގައިވިޔަސް އެލީޝާއަކީ އޭނާގެ މަންމައެކޭ އެއްފަދައިން ނަޞާރާއެކެވެ. ކިޔަވަމުންދަނީ ޑަކްޓަރުކަމުގެ ރޮނގުންނެވެ. މިއީ އޭނާ ރާއްޖެއަށްއައި ދެވަނަ ފަހަރެވެ. އޭނާ އުޅެން ބޭނުންވަނީ ރަޝިޔާގައެވެ. އެތަނުގައި ޖޯޝުއާ ނަމަކަށް ކިޔާ އޭނާގެ ލޯބިވެރިއެއް ހުރެއެވެ. ނަމަވެސް އޭނާއާ ޖޯޝުއާގެ ގުޅުމަކީ އާއިލާގެ އެއްވެސް މެންބަރަކު ތާއީދުކުރާ ގުޅުމެއް ނޫނެވެ.

"އަހަރެންގެ ހުރިހާ ވާހަކައެއް ކިޔާދިން އިރުވެސް ރާހިލްގެ އެއްވެސް ވާހަކައެއް ކިޔައެއް ނުދެމެއްނު" އެލީޝާ ބުންޏެވެ. ކުޑައިރުއްސުރެން އޭނާގެ ބައްޕަފަރާތު އާއިލާވެސް އުޅުނީ ރަޝިޔާގައި ކަމަށްވާތީ އޭނާއަށް ވަނީ ފަރިތަކަމާއެކު ދިވެހިބަހުން ވާހަކަދައްކަން ދަސްވެފައެވެ.

"އަހަރެންގެ މާ ހާއްސަކަމެއް ވަކި ނޯންނާނެ.. މަސައްކަތްކުރަނީ ބަައްޕަގެެ ވިޔަފާރީގަ… ރީސަންޓްލީ އިން އަ ރިލޭޝަންޝިޕް.. ދެއަރ އިޒް މައި ގަރލް.." ރާހިލް ދުރުގައިހުރި ޝައިނާއަށް އިޝާރާތް ކޮށްލަމުން ބުންޏެވެ. އެވަގުތު އެދިމާލަށް ބަލަންހުރި ޝައިނާ ކުއްލިއަކަށް މޫނު އަނބުރައިލިތަން ފެނި ރާހިލް ހާސްވިއެވެ. އަދި "އެކްސްކިއުޒް މީ" އޭ ބުނުމަށްފަހު އެ ދިމާލަށް ހިނގައިގަތެވެ. އޭނާހުރީ ޝައިނާއަށް އެލީޝާގެ ސަބަބުން ގޯސް މާނައެއް ނެގިދާނެތީ ހާސްވެފައެވެ.

"ބައްޕަގެ ރައްޓެއްސެއްގެ ދަރިއެކޯ އެއީ.. އެލީޝާ.. އެއްބައި ރަޝިއަން ކުއްޖެއް.." ޝައިނާގެ އެއްވެސް ސުވާލަކާއިނުލާ ރާހިލް އަމިއްލައަށް ކިޔައިދޭން ފެށިއެވެ. ޝައިނާ އެކަމާ ހިނިއައެވެ.

"ސާބަހޭ.. އަހަރެން ނާހަމެއްނު.. އެހެންނޫނަސްް އަހަރެންނަށްހެވޭ ރާހިލް ކޮންމެ މީހަކާ ވާހަކަ ދެއްކިޔަސް.. އަހަރެން ރާހިލްއަށް އިތުބާރު ކުރަން.. އެކަމަކު ބައެއްފަހަރު ހަމަ ހީވަނީ ރާހިލް މިކަމާ ސީރިއަސްބާއޭ.. ދުވަސްކޮޅަކުން އަހަރެން ދޫކޮށްލާނޭ.." ޝައިނާ ތެދުތެދަށް ޖަވާބުދިނެވެ. "ރާހިލް އަހަރެންނަށް ދެރަގޮތެއް ހެދިއްޔާ ދެން ދުވަހަކުވެސް އެހެން ފިރިހެނަކަށް އިތުބާރު ކުރެވޭނެހެނެއް ހިއެއްނުވޭ" ޝައިނާ ބުންޏެވެ.

"ޝްޝްޝް.. އިރާދާކުރެއްވިއްޔާ ޝައިނާ އެހެން މީހަކަށް އިތުބާރު ކުރާކަށް ނުޖެހޭނެ.. އަހަރެން ޝައިނާއަށް ދެރަގޮތެއް ނަހަދާނަން.. އައި ލަވް ޔޫ.. މިހާރު ތި ވާހަކަދައްކާ ގޮތުން ހީވަނީ ޝައިނާވެސް އަހަރެންނާ ގަޔާވާހެން" ރާހިލް އެއްމިޔަކަނިން ހިނިތުންވެލިއެވެ.

"ސާބަހޭ.. ނުވަންޏާ ކީއްވެތަ ޔެސް އޭ ބުނަންވީ؟ މޮޔަގަނޑު" ޝައިނާ ހިނިތުންވެލިއެވެ. ރާހިލްއަށް އެމީހުން ޕާޓީގެ ތެރޭގައި ތިބީތީ ހިތާހިތުން ޝަކުވާކޮށްލެވުނެވެ. ނޫންނަމަ މިވަގުތު ޝައިނާ އެ އަތުގެ ތެރެއަށް ގެންނަން އޭނާ ހާދަ ބޭނުމެވެ.

ރާހިލް ބަލަހައްޓައިގެން ހުރުމުން ޝައިނާ ލަދުން އިސްޖަހައިލުމަށްފަހު ދުރަށް ހިނގައިގަތެވެ. ރާހިލް ލާނެތް ފާޑަކަށް ހިނިތުންވެލަމުން ކައިރީގައިހުރި މޭޒުމަތިން ކޯކުތަށްޓެއް ނަގައި ތުނބުގައި ޖަހައިލި ވަގުތު ފަހަތުންއައި އިޝްވާ އޭނާގެ ކޮނޑުގައި ޖެހިގަތެވެ. އެއާއެކު ރާހިލްގެ ނޯށަށް ކޯކުތަށި ނޭރީ ހަމަ ކިރިޔާއެވެ.

"އިޝްކޮ ކުރާ ކަންތައް" ރާހިލް ހިތްހަމަނުޖެހިފައި ބުންޏެވެ.

"ދެން އަޅެ ހާދަ ފޫހި ޕާޓީ ގަނޑެކޭ މީ. އެންޓްރެންސެއް ޑާންސެއް އައިޓަމެއްވެސް އޮތީކީ ނޫން ހާދަ ފޫއްސޭ… މިހާ ފޫހި ވެޑިންގަކަށް ދުވަހަކުވެސް ނުދެވޭ" އިޝްވާ ޝަކުވާކޮށްލިއެވެ.

"އަހަހަހަ. އެހެނެއްނު ވާނީ.. އެއްކޮޅުން ސިޔާސީ އާއިލާއެއް. އަނެއްކޮޅުން ވިޔަފާރި އާއިލާއެއް. އެހެންވީމާ އަންނަނީ ހުސް ރަސްމީ ބޭކަލުންވިއްޔަ.. ސޯ ވެޑިންގް ކުރިއަށްދާނީ ބްލެކްޓައި އިވެންޓެއް ހެނެއްނު… ހާސްނުވޭ.. އަހަރެންގެ ވެޑިންގް މިހާ ޑަލް އެއް ނުވާނެ" ރާހިލް ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. އެވަގުތު ސްޓޭޖްމަތިން ލަވަކިޔަމުންދިޔަ ފަންނާނު އެންމެންގެ ސަމާލުކަމަށް ގޮވައިލިއެވެ.

"މިހާރު މި ޕާޓީގައި މި ލަވަކިޔަނީ ހަމައެކަނި އަޅުގަނޑު. ކިހިނެއްތޯ ވާނީ ޕާޓީގެ ތެރެއިން ބޭފުޅަކު ނިއުލީ ވެޑެޑް ކަޕްލް އަށް ލަވައެއް ހުށަހަޅައިދިނުން" އެވަގުތު އިޝްވާ ރާހިލްގެ އަތުގައި ހިފައި ހިއްލައިލަމުން ހަޅޭއްލަވައިގަތެވެ. އޭރު އެތަނުގައި ތިބި އެކި މީހުން މީސްމީހުންގެ ނަމުން ގޮވަމުންދިޔައެވެ.

"އިޝީ ނޯ.. ވަޓް ދަ.. ނޮޓް ފަނީ އިޝީ" ރާހިލް އިޝްވާއަށް ލޯ އަޅައިލިއެވެ.

"ކަމޯން.. މީ ހަމައެކަނި މި ޕާޓީ އިންޓްރެސްޓިންގް ކޮށްލަން ލިބޭނެ ޗާންސަކީ" އިޝްވާ އާދޭސް ކުރިއެވެ.

"ދޮންބޭ" ކުއްލިއަކަށް ޒީވާގެ އަޑު ރާހިލްގެ ކަންފަތުގައި ޖެހުނެވެ. އޭރު ޒީވާ ހުރިތަނުގައިހުރެ ބާރުބާރަށް ރާހިލްއަށް ގޮވަމުންދިޔައެވެ. ރިއާންވެސް ޒީވާއާ އެއްބައިވެލަމުން ރާހިލްއަށް ގޮވައިލިއެވެ. "ކަމޯން ޔޫ ޕްރޮމިސްޑް މީ ދޮންބޭ" ޒީވާގެ އަޑު އިވި ރާހިލް ފުންނޭވާއެއް ދޫކޮށްލިއެވެ. އިޝްވާ ރާހިލްދަމައިފައި ސްޓޭޖާ ހިސާބަށް ގެންދަން ފެށިއެވެ.

"އޯކޭ އޯކޭ.. މި ދަނީ އޭ" ރާހިލް އިޝްވާގެ އަތް ފޮޅުވައިލުމަށްފަހު ގޮސް ސްޓޭޖަށް އެރިއެވެ. އަދި އޭނާ ލައިގެން ހުރި ބްލޭޒަރ އެތަނުގައިހުރި ގޮނޑިއެއްގައި އަޅުވައިލުމަށްފަހު ގިޓާ އަތަށް ހެޔޮވަރުކޮށްލިއެވެ.

"ދެން އެހެންވީމާ އަންހެން ބައިވެރިއެއް" ސްޓޭޖްމަތިން ގޮވައިލިއެވެ. އެތަނުގައިހުރި އެހެން މީހަކަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ޒީވާ ޝައިނާއަށް ގޮވައިލިއެވެ. ޝައިނާ ލޯ އަޅައިލަމުން ޒީވާއަށް ބަލައިލިއިރު ލައިގެންހުރި ބޮޑު ހެދުމާއެކު ޒީވާ އެދިމާލަށް އަންނަނީއެވެ. ޝައިނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ކަންތަކާ ޖެހުނީތާއެވެ.

"މިކޮޅަށް އައިސްހުރި ބައިވެރިޔާ ބުނަނީ އަންހެން ބައިވެރިޔަކާއެކު ނޫނީ ލަވަ ނުކިޔޭނެކަމަށް" އެއަޑަށް ޕާޓީގައި ތިބި އެންމެންވެސް ޝައިނާއާ ދިމާލަށް ބަލަށް ފެށިއެވެ.

"ޒީ ދެން އަޅެ ޕްލީޒް ނޫން ތީ ކޮންކަމެއްތަ؟ ކީއްވެ އަހަރެން؟" ޝައިނާ ޝަކުވާކުރިއެވެ.

"ކަމޯން ޝައި ޕްލީޒް.. އިޓްސް މައި ވެޑިންގް.. އެހެންނޫނަސް އަހަރެންނަކަށް ނޭނގެ ދެން ރީއްޗަށް ލަވަކިޔާ އިތުރު މީހެއްވެސް. ނުބައި މީހަކު އަރުވައިގެން ކަންފަތް ހިރުވާވަރުން އެންމެން ޕާޓީއިން ހިނގައިދާނެ" ޒީވާ އެދުނެވެ.

"ދެން އަޅެ އެކަމް–" ޒީވާ އާދޭހުގެ ބެލުމަކުން ބަލަހައްޓައިގެން ހުރުމުން ޝައިނާއަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. އޭނާ ފޫހިގޮތަކަށް ތުން އަނބުރައިލުމަށްފަހު ސްޓޭޖާ ދިމާލަށް ހިނގައިގަތެވެ. ރާހިލް ލާނެތް ގޮތަކަށް ޝައިނާއާދިމާލަށް ބަލަން ހުއްޓެވެ.

"އާޗާ.. ހިއެއްނުކުރަން އިނގޭ ޝައިނާއަށް ލަވަކިޔަން އެނގޭނެ ކަމަކަށް" ޝައިނާ އެރުމާއެކު ރާހިލް ބުންޏެވެ.

"ބަލަމާ ދޯ" ޝައިނާވެސް ވަކި ދުލެއް ނުކުރިއެވެ. ދެމީހުން ބޭންޑާއި ވާހަކަދައްކައިލުމަށްފަހު ޒީވާއަށް އެންމެ ކަމުދާ ދިވެހި ލަވަކިޔާދޭން ފެށިއެވެ.

ލަވަކިޔައި ނިންމައިލުމާއެކު އިވިގެންދިޔައީ ހޫނު އަތްތިލަބަޑީގެ އަޑެވެ. ދެމީހުން ސްޓޭޖުން ފައިބައިގެންގޮސް ޒީވާމެން ގާތަށް ހުއްޓުނެވެ.

"ހީ ނުކުރައްޗޭ މިކަން ހަނދާން ނައްތާލާނެ ކަމަށް" ޝައިނާ ޒީވާއަށް ލޯ އަޅައިލަމުން ބުންޏެވެ.

"އެތެދެއް.. ކޮބާ ތިމީހުން ވެޑިންގްގަ އަހަރުމެން ދިން ހަދިޔާ ކަމުދޭތަ؟ އެހެންވީމަ ތިމީހުންވެސް ޖެހޭނެ އަހަރުމެންގެ ވެޑިންގްގަ ލަވަ ކިޔާދޭން" ރާހިލް ޝައިނާގެ ކޮނޑަށް އަތް ވައްޓައިލަމުން ބުނި ވާހަކައާއެކު ޝައިނާއަށްދެލޯ ބޮޑު ކޮށްލެވުނެވެ. އަދި ރިއާން ކަރުކެހިލިއިރު އެތަނުގައިހުރި ޝިމާން ކެއްސައިލިއެވެ. ޒީވާހުރީ ހައިރާންކަމާއެކު އެދެމީހުންނަށް ބަލާށެވެ.  ރާހިލްއަށް ބުނެވުނީ ކީކޭކަން ރޭކައިލިއެވެ.

"މިބުނީ.. އަހަރެންގެ ވެޑިންގްގަވެސް.. ޝައިނާގެ ވެޑިންގްގަވެސް.. ތިމީހުން ޖެހޭނޭ ލަވަކިޔާދޭން.." ޒީވާއަށް ރާހިލްގެ ވާހަކަ ގަބޫލުކުރެވުނު ނަމަވެސް އެތަނުގައި ދެންތިބި އެކަކަށްވެސް ރާހިލް ވާހަކަ އޮޅުވައިލީކަން ސިއްރެއްނުވިއެވެ.

ޕާޓީ ނިމި މެހެމާނުން ދާން ފެށުމާއެކު ޒީވާ ބޭނުންވީ ވީހާވެސް އަވަހަށް ތަނެއްގައި އިށީނދެ ވަރުބަލި ފިލުވައިލުމަށެވެ. އެހެންކަމުން އޭނާ ގޮސް ރާހިލްމެން ތިބި މޭޒުދޮށުގައި އިށީނެވެ.

"އަޅެ ފައިގަ ރިއްސާ އެބަ" ޒީވާގެ އެދުމަށް އިޝްވާ ޒީވާގެ ފައި މަސާޖުކޮށްދޭން ފެށިއެވެ. ކުއްލިއަކަށް މޭޒުކައިރީގައި އިން ޝައިނާ ހާސްވެފައި ތެދުވިއެވެ. އޭނާ އެދިމާލަށް އައި ރިއާން ގޮވައިގެން އެއްފަރާތަކަށް ޖެހިލިއެވެ.

"ރިއާން.. ހަތް ނޫހެއްގެ މީހުން އަދިވެސް ތިރީގަ އެބަތިބި… ހިއެއްނުވޭ އެމީހުންނާ ކުރިމަތިލަން ޒީ އަދި ތައްޔާރު ހެނެއްް.. ކީކޭ ބުނަންވީ؟" ޝައިނާ ބުންޏެވެ.

" ބުނޭ މިރޭ ހޮޓެލްގަ މަޑުކުރާނޭ އަހަރުމެން.. ޒީވާ އެހާ އަވަހަށް ޕަބްލިކް ކުރާކަށް އަހަރެންވެސް ބޭނުމެއްނޫން.. އެކަހަލަ ސާދާ ދިރިއުޅުމެއް އުޅުނު ކުއްޖަކަށް އަދި ވަގުތު ބޭނުންވާނެ.." ރިއާން ބުންޏެވެ.

"އެކަމަކު އެމީހުން ގަބޫލު ކުރާނެތަ؟ ހީވަނީ މިހާރު ރިއާންގެ ތި އުކުޅުތައް އެމީހުނަށް އެނގޭހެން.. މިރޭ މަޑުކުރާނޭ ބުނިއްޔާ ޔަގީންވާނެ މިރޭ ދާނެކަން" ޝައިނާ ބުންޏެވެ.

"އެހެންވިއްޔާ ހަމަ ހަގީގަތުގައިވެސް މަޑުކުރެވޭނެ ގޮތެއް ހަމަޖައްސާ" ރިއާން ބުންޏެވެ.

"ތިގޮތްވެސް ބަލައިފިން.. މި ހަފްލާއަށް ބޭރުންވެސް ގިނަބައެއް އައިމައާއެކު މިހޮޓެލްވެސް އެއްކޮށް ފުލްވެފަ" ޝައިނާގެ ޖަވާބުއިވި ރިއާންއަށް ޗޮކެއް ކަނޑައިލެވުނެވެ. އަދިވެސް އެއްފަހަރު ދުރުގައި އިން ޒީވާއަށް ބަލައިލަމުން ޝައިނާއަށް ބޯ ޖަހައިލިއެވެ.

"ދެން އެހެންވިއްޔާ އިތުރުގޮތެއް ނެތް.. ކާރު ސީދާ ދޮރު ކުރިމައްޗަށް ވާގޮތަށް މަޑުކުރޭ.. އަހަރެން ޒީވާ ގޮވައިގެން ދާނަން.. ހަމަ ކުޑަ ސިކުންތުކޮޅެއް ނަގާނީ" ރިއާން ބުންޏެވެ.

"ޒީ ކައިރީ ބުނަންވީތަ؟" ޝައިނާ އަހައިލިއެވެ.

"ތިއެއް އެނގޭނީ ޝައިނާއަށް. އެކަމަކު އަހަރެންނަށް ހީވަނީ ކުރީބައިގަ ބުނެގެން ޒީ ހާސްކޮށްލުމުގެ ބޭނުމެއް ނެތް ކަންނޭނގެ" ރިއާންގެ ވާހަކައަށް ޝައިނާ ބޯ ޖަހައިލިއެވެ.

"ހާދަ ވަރުގަދަ ވާހަކައެކޭ ދޯ" ޝައިނާއާއި ރިއާން އައިސް މޭޒުދޮށުގައި އިށީނުމާއެކު ރާހިލް ބުންޏެވެ.

"އަދިވެސް ދާކަށް ނުވޭތަ؟ މިހާރު މަންމަމެންވެސް އެ ދިޔައީ އެއްނު؟ ފޮޓޯ ސެޝަންވެސް ނިމުނީ.. ބޭންޑްވެސް އެ ޕެކް ކުރަނީ.. ދެން ކީއްކުރަން މިތާ މި ތިބެނީ.." ޒީވާ ޝަކުވާ ކޮށްލިއެވެ.

"އަސްލުވެސް.. މިހާރު ނިދިވެސް އެބަ އާދޭ.." އިޝްވާ އާފުރިލަމުން ބުންޏެވެ. އެންމެންގެ އެއްބަސްވުމުގެ މަތިން އެތަން ދޫކޮށް ދާން ނިންމިއެވެ.

"އަހަރެން މިރޭ ގެއަށް ދަންތަ؟ ފަހުން ބަދަލުވާން.." ލިފްޓުން ފޭބުމަށްފަހު ޒީވާ އިޝްވާގާތު އަހައިލިއެވެ.

"ނޫންނޫން. ދެން އެއްވެސް އަހަރެންނެއް ނޯންނާނެ. އިޝީ މިހާރު ދޮންތިގެ އެއްޗެހިވެސް ޕެކް ކޮށްފިން" އިޝްވާ ބުންޏެވެ.

"އެ ތެދެއް އިޝީ ބުނީމަ އަހަރެން ޕާޓީގަ ހުރެފަ ގޮސް ރިއާންގެ ކާރަށް ލަގެޖްވެސް އަރުވައިފިން" ރާހިލް ބުންޏެވެ.

"އަޅެ ތިމީހުން އެހާ އަވަހަށް އަހަރެން ފޮނުވާލަނީތަ؟ ހާދަ ގޯހޭ" ޒީވާ ބުންޏެވެ.

"ބުނަން.. ކޮންމެހެން އިމޯޝަނަލް ކަސޯޓީ ގަނޑެއް ކުޅެއް އުޅޭނެ ކަމެއް ނެތް.. މިތަނުން ދޭ" ރާހިލް ޒީވާގެ ނިއްކުރީގައި ފުއްޓަތްކެއް ޖަހައިލަމުން ބުންޏެވެ.

"ވަރަށް ގޯސް.."

"ރިއާން.. ކާރު އެބައޮތް ބޭރުގަ" ޒީވާގެ ވާހަކަ މެދުކެނޑުނީ އެތަނަށްއައި ޝައިނާ ވާހަކަދެއްކުމުންނެވެ.

"ޒީވް އަންނަންތަ؟" ރިއާން ދެހިޔާލެއްގައިހުރެ ޒީވާގާތު އަހައިލިއެވެ. ޒީވާ ބޯ ޖަހައިލިއެވެ.

"މިރޭ އެހާ އަވަސްއަރުވާނުލައްޗޭ.. މައި ދޮންތި ވަރަށް ބޭބީވާނެ" އިޝްވާ ކޮށްލި ލާނެތް ސަމާސާއާއެކު ރިއާންއަށް ސިހުން ލިބުނެވެ.

"އައި ސްވެއަރ ރާހިލް ދިސް ކިޑް–" ރިއާން އިޝްވާއަށް އިނގިލި ދިއްކޮށްލަމުން ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުކުރިއެވެ. އޭނާއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ހޮޓެލްގެ މައި ދޮރު ހުޅުވައިލުމުގެ ކުރިން ރިއާން ޒީވާއަށް ބަލައިލިއެވެ.

"ޒީވް.. އަހަރެން ބުނީމަ ތަންކޮޅެއް ބާރަށް ހިނގާލާފަ ގޮސް ކާރަށް އަރާ އިނގޭ؟" ރިއާން އަހައިލިއެވެ.

"މި ހެދުމާއެކު އުނދަގުވާނެ އެކަމަކު ކޭން ޓްރައި" ޒީވާ ހިނިތުންވެލިއެވެ. ރިއާން ހިތާހިތުން ތިނަކާއި ހިސާބަށް ގުނައިލުމަށްފަހު ދޮރުހުޅުވައިލުމާއެކު ސުކުންތެއްގެ މަޑުޖެހުމެއްވެސް ނެތި އެދިމާލަށް ކެމެރާތަކުގެ އަލި އެޅެންފެށިއެވެ. އެ ކެމެރާތަކުގެ ލެންސަށް ޒީވާ ނާރާނެހެން އެދެމެދަށް ހުރަސްވެލަމުން ރިއާން ހަލުވިކަމާއެކު ގޮސް ޒީވާއާއެކު ކާރުގެ ފަހަތަށް އެރިއެވެ. އޭރު ކާރުގެ ބިއްލޫރި ގަނޑުގެ ބޭރުގައި ކެމެރާ ޖައްސައިގެންވެސް ފޮޓޯ ނެގޭތޯ އެތައްބަޔަކު ދިޔައީ މަސައްކަތް ކުރަމުންނެވެ.

"މަޑުމަޑުން ދުއްވާލާ.. ދުއްވަން ފެށީމަ އެއްފަރާތަކަށް ޖެހޭނެ" ކުރިމަތީގައި ތިބި މީހުންގެ ސަބަބުން ކާރު ދުއްވަން ފަސްޖެހިފައި އިން ޑްރައިވަރަށް ރިއާން އިރުޝާދު ދިނެވެ. އޭނާ ރިއާންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރިއެވެ.

——–

ރިއާންއާ ޒީވާ ދިއުމުން އިޝްވާގެ އެދުނީ ޝިމާންއާއެކު ކާރު ދުއްވާލަން ދިޔުމަށެވެ. އެކަމަށް ހުއްދަ ދިނުމަށްފަހު ރާހިލް ދިޔައީ ޝިމާން އައި ސައިކަލުގައި ޝައިނާ ގެއަށް ގެންގޮސްދިނުމަށެވެ.

ޝައިނާމެންގޭ ކުރިމައްޗަށް ސައިކަލު ހުއްޓުނުވަގުތު ރާހިލްއަށް ބަލައިލުމެއްވެސްނެތި ޝައިނާ ސައިކަލުން ފައިބައިގެން ދާން އުޅުނެވެ. ނަމަވެސް ރާހިލް އެވަގުތު ޝައިނާގެ އަތުގައި ހިފައި އެނާއާ ގާތަށް ދަމައިލިއެވެ.

"ގުޑް ނައިޓް.. ލަވް ޔޫ" ރާހިލް ޝައިނާގެ އަތަށް ބޮސްދެމުން ބުންޏެވެ. ބަދަލުގައި ޝައިނާ ހަމައެކަނި ގުޑްނައިޓޭ ބުނެ ދުރަށް ހިނގައިގަތެވެ. ކުރިއެކޭ އެއްފަދައިން މިފަހަރުވެސް ރާހިލް ޝައިނާގެ އަތުގައި ހިފައި ކައިރިއަށް ދަމައިލިއެވެ. "ލަވް ޔޫ" އޭނާ އަނެއްކާވެސް ބުންޏެވެ.

"ހްމްމް އެނގެޔޭ" ޝައިނާ ބުންޏެވެ.

"ލަވް ޔޫ ޓޫ އޭ ބުނެބަލަ" ރާހިލް ކުޑަކުއްޖެއްހެން ޝަކުވާ ކޮށްލިއެވެ.

"ހްމްމް. ތިކަހަލަ އެއްބަސްވުމެއްގަ ސޮއި ކުރެވުނު ހަނދާނެއް ނުވޭ" ޝައިނާގެ ޖަވާބުއިވި ރާހިލްގެ ހިތުގައި ޖެހުނެވެ. އޭނާ ރުޅިމޫނު ހަދައިލަމުން ސައިކަލު އިސްޓާޓުކޮށްލިއެވެ. ޝައިނާ ހާސްވެފައި ރާހިލް ހުއްޓުވިއެވެ. ރާހިލް ރުޅިއަންނާކަށް އޭނާ ބޭނުމެއްނޫނެވެ. އެހެނަސް "ލޯބި" އެ ލަފްޒަކީ އޭނާއާ ވަރަށްވެސް ބީރައްޓެހި ލަފްޒެކެވެ. ރާހިލްދެކެ ގަޔާވި ކަމުގައިވިޔަސް އެ އިހުސާސްތަކަށް ލޯބިފަދަ ފުން މާނައެއް ދެވިދާނެކަމާމެދު އޭނާއަށް ޝައްކެވެ.

ހަދާނެ ގޮތެއް ނޭނގުމުން ޝައިނާ މަގުގެ ދެފަޅި ބަލައިލުމަށްފަހު ރާހިލްގެ ކޮލުގައި ތުންފަތް ޖައްސައިލީ ހިނދުކޮޅަކަށް ރާހިލްގެ ރުޅިގަނޑު ފިނިވާނެ ކަމުގެ އުއްމީދުގައެވެ. ކަން ވީވެސް އެހެންނެވެ. ރާހިލް ޝައިނާއާ ދިމާލަށް އެނބުރުމަށްފަހު ޝައިނާގެ މޫނުގައި މަޑުމަޑުން ފިރުމައިލިއެވެ. ގަދަރަތްކުލައިގެ ލިޕްސްޓިކުން ފަވައިލެވިފައިވާ ޝައިނާގެ ތުންފަތަށް އޭނާގެ ނަޒަރު ހުއްޓުނެވެ. ދެމީހުންގެ މޫނު ނުރައްކާތެރި ދަރަޖައަކަށް ކައިރިވެފައިވަނިކޮށް ކާރެއްގެ އަލި އެދިމާލަށް އެޅުނެވެ. ތިބެވުނީ މަގުމަތީގައިކަންވެސް އެމީހުނަށް ރޭކައިލީ އަދި ކިރިޔާއެވެ. އަވަސް އަވަހަށް ދުރުވެލުމަށްފަހު ފަހަތް ބަލައިލިއިރު ކާރުގެ ކުރިމަތީގައި ހެވިފައިތިބި އިޝްވާއާއި ޝިމާން އެމީހުންގެ ލޮލުގައި އަޅައިގަތެވެ.

" މިހާރު އަދި ސިސްވެސް ދޮންބެގެ ކަންތައް މާ ނޫންކަމަކަށް ހަދައިގެން އުޅޭތީ އަހަރުމެން ހީކޮށްގެން މި ތިބެނީ ހަމަ އެކަން އެ ނިމުނީ ކަމަށް ދޯ މާނޫ. މިވީ ކިހިނެތް؟" އިޝްވާ ދެއަތް މޭމަތީގައި ހުރަސްކޮށްލަމުން އަހައިލިއެވެ. ޝައިނާހުރީ ލަދުން  އިސް އުފުލައިލާންވެސް ނުކެރިފައެވެ.

"ދުއްވާލަން ދިޔަ މީހުން ތި އައީ ހާދަ އަވަހަކަށޭ ދޯ" ރާހިލް ވާހަކަ އޮޅުވައިލިއެވެ.

"ބަލަ މެންދަމުން އަލިވެ އެކެއްޖެހީއޭ. މަގުމެދުގަ މާފޮޅުވަން ތިބެންޏަކާ ގަޑިއެއް ނޭނގޭނެ ދޯ.. ދެންވެސް ހިނގާ ގެއަށް" އިޝްވާގެ އެދުމަށް ރާހިލް ސައިކަލު ޕާކު ކުރުމަށްފަހު ގޮސް ކާރަށް އެރިއެވެ. ޝިމާންވެސް ގޭގެ ދޮރާށިން ވަތްގަޑީ ޝައިނާއާ ދިމާކޮށްލި އަޑު އިވުނެވެ. ޝައިނާ އަތުގައި އޮތް ކުޑަ ދަބަސް ހޫރައިލައި ޝިމާންގެ ކޮނޑުގައި އޭގެއިން އެތި ފަހަރެއް ޖެއްސެވެ.

—————-

ކަނު އަނދިރިކަން ވެރިވެފައިވި އެޕަރޓްމެންޓަށް ޒީވާގެ ފޮށި ވައްދައިލުމަށްފަހު ރިއާން އެވަސްވެގަތި އެޕަރޓްމެންޓް އަލި ކޮށްލުމަށެވެ. ޒީވާވެސް ހެދުމުގައި ހިފަހައްޓައިލައިގެންހުރެ ލަސްފިޔަވަޅުތަކެއްގައި އެޕަރޓްމެންޓްގެ ތެރެއަށް ވަނެވެ. ސިޓިންގްރޫމްގައި ބެހެއްޓިފައިހުރި ބޮޑު ސޯފާގޮނޑީގައި އިށީނދެވުމާއެކު ޒީވާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ލޯ މަރައިލެވުނެވެ. އެކަމުން އެކަނިވެސް ޒީވާ ވަރުބަލިވެފައިވި މިންވަރު ރިއާން ދެނެގަތެވެ. އެހެންކަމުން ހަލުވި ކަމާއެކު ބަދިގެއަށްވަދެ ފެންތައްޓެއް ހިފައިގެން އައިސް ޒީވާއަށް ދިއްކޮށްލިއެވެ. ރިއާންއަށް ޝުކުރު އަދާ ކުރާހާލު ޒީވާ އޭގައިހިފިއެވެ.

ފެން ހުސްކުރި ތަށި ކުރިމަތީގައިހުރި މޭޒުގައި ބެހެއްޓުމަށްފަހު ޒީވާ އަވަސްވެގަތީ އޭނާ ލައިގެންހުރި އުސް ފައިވާން ބޭލުމަށެވެ. ތުންބިންދައިގެން އިނދެ އެ ފައިވާނުގެ ވަދު ދޫކޮށްލެވޭތޯ މަސައްކަތް ކުރަމުންދިޔަ ޒީވާ ފެނި ރިއާންއަށް ހިނިތުންވެލެވުނެވެ. މިނެޓެއްހާއިރު ވީ އިރުވެސް އެކަމުގައި ޒީވާއަށް މާބޮޑު ކާމިޔާބެއް ނުލިބުނީތީ ރިއާން އެކަން ކޮށްދިނުމަށް އިސްނެގިއެވެ. ޒީވާ އިން ދިމާލުން ބިންމަތީގައި ކަކޫޖަހައިލަމުން ޒީވާގެ ފައިގައި އަތް ޖައްސައިލިއެވެ. އެކަމުން ސިހުން ލިބިގެންދިޔަ ޒީވާއަށް ކުއްލިއަކަށް ފައި ދަމައިގަނެވުނެވެ.

"ލެޓް މީ.." ރިއާންގެ އެދުމަށް ޒީވާ ފައި ދިއްކޮށްލިއެވެ. ރިއާން ފަރުވާތެރި ކަމާއެކު ޒީވާގެ ބޫޓު ނައްޓައިލައިދިނުމަށްފަހު ކައިރީގައި ބެހެއްޓިއެވެ. އަދި ޒީވާ އިށީނދެ އިން ގޮނޑީގެ ދެފަރާތުގައި އަތް އަޅުވައިލަމުން ފުންނޭވައެއް ދޫކޮށްލުމަށްފަހު ޒީވާއަށް ބަލައިލިއެވެ.

"އޯކޭ.. ފުރަތަމަ ކަމަކަށް.. އިނގޭ މިއީ ވަރަށް ފާޑެއްގެ ކަމެއްކަން" ރިއާން ހިނިތުންވާން މަސައްކަތްކުރިއެވެ. "ކުރިންވެސް ބުނިހެން.. އަހަރެންނަކަށް ޒީވްގެ ދިރިއުޅުމުގެ މިވަރު ބޮޑު ނިންމުމެއް މިގޮތަށް ނިންމަން ޖެހުނީ ކީއްވެ ކަމެއް ނޭނގޭ.. އެކަމަކު އަހަރެން މަސައްކަތްކުރާނަން ޒީވްގެ ދިރިއުޅުމަށް މިކަމުން އަންނަ ބަދަލު ވީހާވެސް ކުޑަ ކުރެވޭތޯ.. ޒީވް ބޭނުންވާ ހުރިހާ ޕްރައިވަސީއެއް އޮންނާނެ.. އެހެރަ ކޮޓަރީގަ ހުރެވޭނެ…" ރިއާން އެތަނުގައި ރިއާންގެ ކޮޓަރީގެ ދޮރާއި އިންވެގެން ހުރި ކޮޓަރި ދައްކައިލަމުން ބުންޏެވެ.

"ޒީވް ބޭނުން ކޮންމެ ކަމަކަށް ޒީވްގެ މިނިވަންކަން އޮންނާނެ..  ޒީވާ އެހެން މީހަކާ އެކުވެރިކަމެއް ބާއްވަން ބޭނުންވިޔަސް.. މިބުނީ ޒީވާއަށް ރަނގަޅު މީހެއް ހޯދަން ބޭނުންވިޔަސް އަހަރެން އެއިން ކަމަކަށް ހުރަހެއް ނާޅާނަން. ޢެކަމަކު ޒީވް ވެސް ހަނދާންކުރަން ވާނެ އައި ހޭވް އަ ޕަބްލިކް އިމޭޖް.. އެކަމަށް ވިސްނައިގެން އަގަރެންގެ ނަމަށް ހުތުރެއް ނާރާނެހެން ޒީވްގެ ހުރިހާ އަމަލެއްވެސް ބަހައްޓާާނެކަމަށް އުއްމީދުކުރަން.. އަދި އެއްކަމެއް.. ޒީވާ.. ޒީވް ބޭނުން ކޮންމެ އިރަކު އަހަރެން ޒީވް މިނިވަންކޮށްދޭނަން" ރިއާން ހިންދިރުވައިލިއެވެ. އޭނާއަށް އެވާހަކަތައް ދައްކަން ކިތަންމެ އުނދަގޫނަމަވެސް ހާލަތު ނިޔާކޮށްފައިވާ ގޮތުން އޭއީ އޭނާ ދައްކަންޖެހޭ ވާހަކަ ތަކެއް ކަމުގައި ދެކުނެވެ. މީގެ ކުރިން އޭނާއަަށް ބުނެވިފައިވާ ބަސްތަކުގެ ސަބަބުން ޒީވާއަށް އޭނައާއެކު އުޅެން ފަސޭހަ ނުވާނެކަން އޭނާއަށް އެނގުނެވެ. ވީއިރު ޒީވާ ހިތްހަމަޖެހޭނެ ފަދައިން ދިރިއުޅުމުގެ މަގުތައް ފަހިކޮށްދިނުމަކީ މުހިއްމުކަމެއް ކަމުގައި އޭނާ ދެކުނެވެ.

ޒީވާއަށް ރިއާން ދެއްކި ވާހަކަތަކުން ސިހުން ލިބިގެންދިޔައެވެ. ރިއާން ބޭނުންވަނި އޭނާ ވީހާވެސް އަވަހަކަށް އެހެން މީހަކު ހޯދައިގެން އޭނާގެ ކިބައިން ސަލާމަތްވާން ހެއްޔެވެ؟ ޒީވާއަށް ހީވީ ރިއާން އޭނާގެ ހިތުގައި ކޮށި ވަޅިއަކުން އަޅައި ޒަހަމްކޮށްލިހެނެވެ. ނަމަވެސް އެކަން ރިއާންއަށް ދެއްކުމުގެ ބަދަލުގައި ޒީވާ ރިއާންގެ ވާހަކަތަކަށް އެއްްބަސްވިއެވެ. ރިއާން އޭނާގާތު އެހެންބުނީ ބަދަލުގައި އޭނާގެ ފަރާތުންވެސް އެފަދަ އެއްބަސްވުމަކަށް އުއްމީދު ކުރާތީ ކަމުގައި އޭނާ ދެކުނެވެ.

"އިރާދަ ކުރެއްވިއްޔާ އަހަރެންގެ ފަރާތުންވެސް ރިއާންއަކަށް އުނދަގުލެއްނުވާނެ…. ރިއާންއަށްވެސް ރިއާންގެ ކުރީގެ އުޅުން ހަމަ ކުރިއަށް ގެންދެވޭނެ. ރިއާންގެ ރަސްމީ އަދި ޒާތީ ދިރިއުޅުމުގަވެސް ރިއާންއަށް ފުރިހަމަ މިނިވަންކަން އޮންނާނެ.. އަހަރެމެންގެ މާޒީ ކޮންމެ ގޮތަކަށް އޮތަސް އެދުވަހާ މިދުވަހާ ޢެއްވެސް ގުޅުމެއްނެތް.. އަހަރެމެންނަށް ރަހްމަތްތެރިންގެ ގޮތުގަ ކުރިއަށް ދެވިދާނެ.." ޒީވާ އޭނާގެ ގައިގެ ހުރިހާ ހިތްވަރަކާއެކު ބުންޏެވެ. ޙިދި އޭނާގެ އަމިއްލަ ނަފްސަށްވެސް އެ ބަސްތައް ވިސްނައިދޭން އުޅޭކަހަލައެވެ. ރިއާން ޒީވާއަށް ހިނިތުންވެލުމަށްފަހު ގޮސް ކޮޓަރިއަށްވަތް އިރުވެސް ޒީވާއަށް ޖެހި ބުދެއްހެން އެތަނުގައި ގަނޑުވެފައި އިނދެވުނެވެ. އޭނާ އެތަނުން ތެދުވެގެން ދިޔައީ ރިއާން އޭނާއަށް ގޮވައިލުމުންނެވެ.

"މިރޭ މިތަނުގަ ނިދާލާ.. އަހަރެން މާދަން ޖޫލީ ކައިރި ބުނެގެން ކޮޓަރި ސާފު ކޮށްލާނަން.. ރިއާން ޒީވާގެ ފޮށި އެތެރެއަށް ވައްދަމުން ބުންޏެވެ. ޒީވާ ބޯ ޖަހައިލިއެވެ. ރިއާން އޭނާ ލައިގެންހުރި ކޯޓާއި ވެސްޓްގެ އިތުރުން ގަމީސް ބާލައި ކޮނޑުގައި އަޅުވައިލުމަށްފަހު ތުވާލި ހިފައިގެން ފާހަނައާ ދިމާލަށް ހިނގައިގަތެވެ.

"ރިއާން.. މި ނައްޓާލަ ދެވިދާނެތަ؟.. " ޒީވާގެ އަޑަށް ރިއާން ތުވާލި ކޮނޑުމައްޗަށް އެއްލަމުން ލޯގަނޑުގެ ކުރިމައްޗަށް ވާގޮތަށްހުރި ޒީވާއާ ދިމާލަށް ހިނގައިގެތެވެ. ޒީވާ އެދުނީ އޭނާގެ ހުޅީގައި ހަރުކޮށްފައިވާ ވެޑިންގް ވެއިލް ނައްޓައިދިނުމަށެވެ. އެކަންވީ ރިއާން ހީކުރި ވަރަށްވުރެ އުނދަގޫ ކަމަކަށެވެ.

"ކަފާލިޔަސް އޯކޭތަ؟" ރިއާން އަހައިލިއެވެ.

"ވަޓް؟ ނޯ!!" ޒީވާ ބުންޏެވެ.

"ދެން ކީއްކުރަންތަ މިވަރު އެއްޗެއް ބޮލުގަ އެޅީ؟ އަހަރެންނަށް ދަމާލެވޭ ގޮތަކުން ޒީގެ ބޮލަށް ތަދުވެދާނެ" ރިއާން ބުންޏެވެ.

"ހެދުމުގެ ފަހަތް އޮތް ގޮތުން އަހަރެން ބޭނުންވީ ވެއިލްއެއް އަަޅަން. ދެން އަޅެ ޓްރައި ކޮށްބަލަ ތި ނެއްޓޭނޭ.. ރިއާން މާ ހާސްވަނީ" ޒީވާ ބުންޏެވެ. ރިއާން ކުއްލިއަކަށް ލުއްކެއް ޖަހައި އެފޮތިގަނޑު ދަމައިގަތުމާއެކު އޭތި ޒީވާގެ ބޮލުން ނެއްޓިގެން ބިންމައްޗަށް ފޭބިއެވެ. އެއާއެކު ރިއާންއަށް ހީވީ އޭނާ ލައިލައިހުރި ނޭވާވެސް ހިނދުކޮޅަކަށް ހުއްޓުނެވެ. ޒީވާ އެ ހެދުމުގެ ފަހަތް އޮތް ގޮތުން ބޮލުގައި ދިގު ވެއިލްއެއް ހަރުކުރަން ބޭނުންވި ސަބަބު އޭނާއަށް އެނގުނެވެ. ހެދުން ފަހައިފައިވާ ގޮތުގެ ސަބަބުން ޒީވާގެ ބުރަކަށި އެކީ އެކައްޗަކަށް އުނަގަނޑާއި ހިސާބަށްވަނީ ހާމަވެފައެވެ. ރިއާންއަށް ބޭއިހްތިޔާރުގައި އަތުގެ ނުފުށުން ޒީވާގެ އޮމާން ބުރަކަށީގައި ފިރުމައިލެވުނެވެ. އޭނާގެ އެ ބީހުން އިހުސާސްވި ވަގުތު ކުރިމަތީގައިހުރި ލޯގަނޑުން ޒީވާ ސިހިގެންދިޔަތަން ފެނި އިތުރަށް އެތަނުގައި މަޑުނުކޮށް ގޮސް ފާހަނައަށްވަނެވެ.

ރިއާން ނުކުތްއިރު ޒީވާ ނިދަންލާ ޓީޝާޓާއެކު އެނދުގައި ދެފައި ވައްކޮށްލައިގެން އިށީނދެއިނެވެ. ޒީވާ ލައިގެންއުޅުނު ކައިވެނީގެ ހެދުން ކޮޓަރީގެ އެއްފަރާތުގައިހުރި ޗެއިސްލޯންޖް ގޮނޑީގައި ބާއްވައިފައި އޮތެވެ. ރިއާން އިސްތަށިގަނޑުގައި އަތްފުނާ އަޅަމުން އައިސް އެނދުގެ ޒީވާ އިންދިމާލުގައިހުރި ސައިޑްކަބަޑު ކައިރީ ހުއްޓިލީ އެތަނުގައި ބޭއްވި އޭނާގެ ފޯނު ނެގުމަށެވެ. އޭނާ އެ ފޯނު ނެގުމަށްޓަކައި ގުދުވެލަމުން އުނަގަނޑުގައި އައްސައިފައި އޮތް ތުވާލި މޮހެލިއެވެ. އެވަގުތު ޒީވާ މޫނުގައި އަތް އަޅަމުން ބާރަށް ހަޅޭއްލަވައިގަތެވެ. ރިއާން ދިޔައީ ސިއްސައިގެންނެވެ.

"ހޭއި.. ޒީވް.. ހޭއި.. ކިހިނެއްވީ؟" ރިއާން ޒީވާގެ ކޮނޑުގައި ހިފައި ތަޅުވައިލިއެވެ. ޒީވާ މޫނުމަތިން އަތްނެގިއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ރިއާންގެ އަތުގައި އޮތް ތުވާއްޔަށެވެ.

"އަހަރެން ހީކުރީ.." ޒީވާ ހިތަށްއެރީ ކީކޭކަން ރޭކައިލުމާއެކު ރިއާންއަށް ހިނިގަނޑު ހިފަހައްޓައިލެވުނީ ކިރިޔާއެވެ. އޭރު ލަދުންގޮސް ޒީވާގެ މޫނަށް ޖަންބުކުލަ އަރައިފިއެވެ. އަވަސް އަވަހަށް "ގުޑް ނައިޓް" އޭ ބުނުމަށްފަހު މޫނާ އެއްކޮށް ރަޖާ އަޅައިގެން އޮށޯތެވެ. ޒީވާގެ އަމަލުތަކުގައިހުރި ޅަގޮތް ފެނި ދެފަރާތަށް ބޯ ހޫރައިަމުން ހެވިފައިހުރެ ރިއާންވެސް ކޮޓަރިން ނުކުތެވެ.

—————

"އޯ ގޯޑް.. ޝިމާން ހޭލާ އުޅުނުއިރު އަޅެ އަހަރެންނަށް ގޮވާލިނަމަ. މިއަދު ހަމަ ޔަގީން ގަޑި ޖެހޭނެކަން.." ދަބަސް ހިފައިގެން ކޮޓަރިން ނުކުތް ޝައިނާ އަވަސް އަވަހަށް ފައިވާނަށް އަރަމުން ބުންޏެވެ.

"އަޅެ އަހަރެންނަށް އެނގޭނީ ކިހިނެއްތަ؟ ސިސް އެހެންޏާވެސް ހޭލާ ވިއްޔާ" ޝިމާން ޖަވާބުގައި ބުންޏެވެ.

"ރޭގަ ލަހުން ނިދުނީމަ އަހަރެންނަށްވެސް ނުހޭލެވުނީއޭ.. ދެންވެސް ތިތާ ނީނދެ ސައިކަލު ނަގައިގެން އައިސް އަހަރެން އޮފީހަށްލާދިނިއްޔާ ވާނީ ކީއްތަ؟" ޝައިނާ ކުދިކިޔަން ފެށިއެވެ.

"އޯކޭ އޯކޭ. އަވަހަށް ފައިބާ. މި ދަނީ ސައިކަލު ނެރެން" ޝިމާން ބޯން އިން ކޮފީތަށި ހުރި ހިސާބަކަށް ބެހެއްޓުމަށްފަހު ގޮސް ދޮރު ހުޅުވައިލިއެވެ. އެވަގުތު ދޮރުކައިރީގައި ހުރި ސާމާނު ފެނި އޭނާ ޝައިނާއަށް ބަލައިލިއެވެ. "މިހިރީ ސިސްގ ެޑެއިލީ ޑެލިވަރީ.. އަމިއްލައަށް ނަގާ" ޝިމާން އެހުރިތަނުގައި އެއެއްޗެހި ބެހެއްޓުމަށްފަހު ދިޔައެވެ.

"ދެން އަޅެ ލަސްވެގެން އުޅޭ އިރުވެސް… މި ރާހިލް ކައިރީގަވެސް މީއްޗެހި ނުފޮނުވާށޭ ބުނީމަވެސް ހަމަ–" ދޮރާއި ހިސާބަށް އާދެވުމާއެކު ޝައިނާގެ ޖުމްލަ މެދު ކެނޑުނީ އެހެން ދުވަސް ދުވަހު ހަދިޔާ ފޮނުވުމުގައި ބޭނުންކޮށްފައިހުންނަ ރީނދޫކުލައާއި ހިލާފަށް ރަތްކުލައިން މިއަދުގެ ފިނިފެންމާތަށް ހުރުމުންނެވެ. އަދި އެހެންޏާ އޭނާއަށް ލިބޭ ކޭކާއި ރަބަރު އަސްދޫނީގެ ބަދަލުގައި މިއަދު މާބޮނޑިއާއެކު ލިބިފައިވަނީ ރަތްކުލައިގެ ޓެޑީ ބެއާއެކެވެ. ރާހިލްގެ ފިލްމީކަން ހިތަށްއެރުމާއެކު ޝައިނާއަށް ހިނިތުންވެލެވުނެވެ. އޭނާ އަވަސް އަވަހަށް މާ ބޮނޑިއާއި ބެއަރ އެތެރެއަށް ވެެއްދުމަށްފަހު މާބޮނޑީގެ ތެރެއިން ނެގި ނޯޓު ދަބަހަށްލަމުން ގެއިން ނުކުތެވެ.

= ނުނިމޭ =

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ވަރަށް ރީތި މިބައިވެސް އެކަމް ރިއާން
    އެހެންބުންޔަސް ޒީވާޔާ ރިއާންދުރުނުކުރައްޗޭ
    އަންޔާ

  2. ވަރަށްރީތި މިވާހަކަ.. ކޮންމމެ ދުވަހަކުވެސް މިވާހަކަ ކިޔާލަން ބޭނުން.. ކޮންމެ ދުވަހަކުވެސް އަޕްކޮށްދީބަލަ… ޕްލީޒް..

  3. ވާހަކަ ގެނެސްދިނުމުގައި ވަރަށް ފަރުވާ ކުޑަ ކުރެވޭ ކަމަށް ފާހަގަ ކުރެވޭ މިހާރު. ކަމަށް ކަމޭހިތައިގެން ރަނގަޅަށް ވަގުތަށް ގެނެސްދިނުން ބުއްދިވެރި

    1. މި ދުވަސްކޮޅަކީ އަޅުގަނޑުގެ ޔުނިވަރސިޓީ ޓެސްޓު ދުވަސްކޮޅަށްވުމާއެކު ވާހަކަ ގެނެސްދިނުމުގައި ލަސްތަކެއް އުޅޭ ކަމަށް ގަބޫލު ކުރަން. އެހެން ނަމަވެސް ހަފްތާއަކު މަދުވެގެން ތިންފަހަރު ވާހަކަ އަޕްލޯޑް ކޮށްލަދޭނަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު