2013 ވަނަ އަހަރު ރައީސް ޔާމީން އަބްދުލްޤައްޔޫމް ފެއްޓެވި ސިޔާސީ ދަތުރު ހަރާބުކުރި ފަރާތްތައް މިއަދު ފަޟީޙަތްވެފައިވާ ކަމަށް، ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ ކަަމަށް ވިދާޅުވި ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ. ޖަމީލު މިހެން ވިދާޅުވީ ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ހަޔާތުގެ ފިލާވަޅުގެ ނަމުގައި ލިޔުއްވި މިޕޯސްޓްގައި ޖަމީލު ވިދާޅުވީ އިންސާނާގެ ޙަޔާތަކީ ފޮތެއް ފަދަ އެއްޗެއް ކަމަށާއި ކިޔަމުންދާއިރު ބައެއް ބައި ހިތާމަވެރި އަނެއްބައި އުފާވެރި އަދި ބައެއް ބައިތަކުން އުފާވެރި އިޙްސާސްތައް ގެނެސްދޭކަމަށެވެ. އެކަމަކު ފޮތުގެ ދެން އޮތް ޞަފުޙާ ނުކިޔާހާ ހިނދަކު ދެން އޮތީ ކޮންފަދަ ވާހަކައެއް ކަން ނޭގޭނެކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ ބޮލުގައި ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތު އަޅުވާ އެމަނިކުފާނުގެ ސަރުކާރު ވައްޓާލަން ގޮވާލެއްވި ޑރ. ޖަމީލު ވިދާޅުވީ ރައީސް ޔާމީނަކީ ވަރުގަދަ ޝަޚުސިއްޔަތެއް ކަމަށާއި މިދަތުރު 2013 ގައި ފެށުމުން ޚަރާބުކުރި ފަރާތްތައް މިއަދު ވަނީ ފަޟީޙަތްވެފައިވާ ކަމަށާއި، ކުރިއަށްވެސް ލައްކަ ހަގީގަތް ހާމަވާނެ ކަމަށެވެ.
" އަޅުގަނޑު އަބަދުވެސް ބެލީ ހަގީގީ ރަހުމަތްތެރިއަކަށްވޭތޯ. އެކަން އެނގެނީ ބޭނުމެއް ޖެހޭ ވަގުތު. މިއަދު ލަގަބުތަކެއް ބޭނުމެއް ނޫން. އަޅުގަނޑު ދަންނަ ބަޔަކަށް އަޅުގަނޑު ކިބައިގައި ހިތްވަރާއި، ސާބިތުކަމާ، ޝުކުރުވެރިވުމާ ހަގީގީ ވަފާތެރިކަން އޮންނާނެކަން އެނގޭނެ." ޑރ. ޖަމީލް ލިޔުއްވާފައިވެއެވެ.
ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށް 2018 ގައި ރައީސް ޞާލިޙްއާ ބައިޢަތު ހިފައި، 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު ނާކާމިޔާބުވުމުން ރައީސް ޞާލިޙްއާ ދެކޮޅަށް ތެދުވި ޖަމީލުގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ، ރައީސް ޔާމީނަށް ނަސްރާ ކާމިޔާބު މިންވަރު ކުރެއްވުން އެދި ދުޢާކުރައްވަމުންނެވެ.
އެއްވެސް ވެރިކަމެއްގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދަށް ހިފަހައްޓައެއް ނުލެވުނެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ޖަސްޓިސް މިނިސްޓަރކަން ދިނުމުންވެސް ނުހުރެވުނެވެ. "ނިއު މޯލްޑިވްސް" އޭ ކިޔާ މަތިހަށި ނަގާ ނުކުތެވެ. ނިޒާމީ ބަހުސްގައި ރޭރުވީއެވެ. ކޮންޓްރޯލުން ނެއްޓިގެން ގޮސް ޙަސަން ސައީދުއާ ބައިޢަތު ހިފައި ޤައުމީ ޕާޓީ ވުޖޫދުކޮށް، ހަސަން ސައީދުއާއެކު 2008ގެ ރިޔާސީ ރޭހަށް ނިކުތެވެ. އިންތިޚާބުގެ ފުރަތަމަ ބުރުން ވީ ބަައްޔެވެ. ދެން ކޯލިޝަން ހެދީ އެމްޑީޕީއާއެވެ. 2008 ގައި އުފެދުނު ރައީސް ނަޝީދުގެ ސަރުކާރުގެ ޓެކްނޮލޮޖީ މިނިސްޓަރުކަމާ ޙަވާލުވެވަޑައިގެންނެވިއެވެ. ދުވަސްކޮޅެއް ނުވެ ހަފޮޅުން ބޭރުވެއްޖެއެވެ.
ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް ޙަރަކާތްތެރިވި ޖަމީލަށް ހަދިޔާއެއްގެ ގޮތުގައި، ޑރ. ވަހީދުގެ ސަރުކާރުން ހޯމް މިނިސްޓަރކަން ހިބަކޮށްދެއްވިއެވެ. ވަހީދު ސަރުކާރު އޮއްވައި ކުރިމަތިވީ 2013 ގެ ރިޔާސީ އިންތިޚާބެވެ. ރައީސް ޔާމީންގެ ރަނިން މޭޓަކަށް ވެވަޑައިގަތެވެ. ޖަމީލަށް ނައިބު ރައީސް ކަން ލިބިވަޑައިގަތެވެ. ވެރިކަމުގެ މޫރިތިކަމުގައި ރައީސް ޔާމީންއާ އެކު ހުންނެވޭ ގޮތެއް ނުވެއެވެ. ރައީސް ޔާމީނަށްވުރެ ބޮޑަށް ފޮޓޯތަކަށް އަރަން ބޭނުންފުޅުވިއެވެ. ޝާހީ ގަނޑުވަރުގެ ލައްޒަތުގައި ޖެހި، ނައިޓް ފިޝިންގތައް ވަރުގަދަކޮށް، ވެރިކަމުގައި ހަވާލުވި ޒިންމާތަކަށްވުރެ ބޮޑަށް ވެރިކަމުގެ ޝެހެންޝާހުގެ އަވާގައި ޖެހިވަޑައިގަތެވެ. ރައީސް ޔާމީނަށް ޖަމީލުގެ ޢަމަލުފުޅުތައް ކަމަކު ނުދިޔައެވެ. ވެރިކަމަށް ދެއަހަރުވާން ދަނިކޮށް ޖަމީލުގެ އިތުބާރު ނެތް ކަމުގެ މައްސަަލައެއް މަޖިލީހަށް ވެއްދިއެވެ. ނައިބު ރައީސް ކަމުން ވަކި ކުރެއްވިއެވެ. އެއާއެކު ރާއްޖެއިން ބޭރަަށް ވަޑައިގެން އަމިއްލަފުޅަށް އަރުވާލެވުނެވެެ.
ރައީސް ޔާމީންގެ ވެރިން ނިމުމަކަށް ގެންނަން ޖަމީލު ފޫގެޅުއްވިއެވެ. ރައީސް ނަޝީދާއެކު އެެއް ޕޯޑިއަމަށް އަރުއްވައި، ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ޖަމީލް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ވައްކަމާ ކޮރަޕްޝަނާއި ފަސާދަ ޢާންމުވެ ދައުލަތުގެ ކަރާމާތް ގެއްލިފައިވާ ކަމަށާއި، ރައީސް ޔާމީން ވަގުތުން ވަގުތަށް އަޒުލުކުރަންޖެހޭ ފަދަ މޭރުމަކުން ޖަމީލު ވާހަކަ ދެއްކެވިއެވެ.
ދެން ކުރިމަތިވީ 2018 ގެ ރިޔާސީ އިންތިޚާބާއެވެ. ރައީސް ޞާލިޙްގެ ވެރިކަން ފެށުނީއެވެ. ޖަމީލުގެ ކޮއްކޮ މަލީހަށް ޓެކްނޮލޮޖީ މިނިސްޓަރުކަން ލިބިވަޑައިގެންނެވިއެވެ. ޖަމީލު ދެން ވާދަކުރެއްވީ، 2019 ވަނަ އަހަރު އޮތް މަޖިލިސް އިންތިޚާބުގައި ވިލިމާލޭ ދާއިރާއަށެވެ. ނަމަވެސް ހިތި ގޮތަކަށް ބަލިވީއެވެ. ރައީސް ޞާލިޙުގެ އަދި އެމްޑީޕީގެ ތާޢީދުވެސް ޖަމީލަށް ލިބިވަޑައި ނުގަތެވެ. އެއާއެކު، ޖަމީލަށް އެމްޑީޕީގެ ވެރިކަން ގޯސްވެއްޖެއެވެ. ރައީސް ޞާލިޙްވެސް ވަގުތުން ވަގުތަށް އަޒުލުކުރަން ވެއްޖެކަމުގައި ބުނަން ފަށައިފިއެވެ. ރައީސް ޞާލިޙަކީ ނުކިޔަވާ ހުރި މީހެއް ކަމަށާއި ތަންދޮރު ނުދަންނަ މީހެއް ކަމަށް ގޮވާ ނަގަން ފެށިއެވެ.