Tuesday, 23 July 2024

ނައިބު ރައީސް ކަމުން ދުރުކުރުމުން، އެކަމުގެ ބަދަލު ހިފުމަށް ޖަމީލު ކުރި ހީތްލަތްތެރި ދަތުރު

2013 ވަނަ އަހަރު ޤައުމުގެ ރައީސްކަމާ ޙަވާލުވެވަޑައިގެންނެވި ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ނައިބަކަށް ޑރ. މުޙައްމަދު ޖަމީލް ވެވަޑައިގެންނެވިއެވެ. ވެރިކަމަށް ދޮޅު އަހަރު ވީ ތަނާ، ނައިބު ރައީސް ކަމުގެ މަޤާމުން ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވަކިކޮށް އެ މަޤާމަށް ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އަބްދުލް ޣަފޫރު އިސްކުރެއްވިއެވެ.

ރައީސް ޔާމީންގެ ވެރިކަން ނިންމަން ފޫގެޅުން

އެކަމާހެދި ޖަމީލުގެ ހިތުގައި ރައީސް ޔާމީނާމެދު އަނދަން ފެށި ހުޅުގަނޑު ދިޔައީ ބޮޑުވަމުންނެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަން ޖަމީލު ފޫގެޅުއްވިއެވެ. ރައީސް ނަޝީދާއެކު އެެއް ޕޯޑިއަމަށް އަރުއްވައި، ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ޖަމީލް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ވައްކަމާ ކޮރަޕްޝަނާއި ފަސާދަ ޢާންމުވެ ދައުލަތުގެ ކަރާމާތް ގެއްލިފައިވާ ކަމަށާއި، ރައީސް ޔާމީން ވަގުތުން ވަގުތަށް އަޒުލުކުރަންޖެހޭ ފަދަ މޭރުމަކުން ޖަމީލު ވާހަކަ ދެއްކެވިއެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމުމާއި، ރައީސް ޞާލިޙް ވެރިކަމުން ބާލަން ފޫގެޅުން

ދެން ކުރިމަތިވީ 2018 ގެ ރިޔާސީ އިންތިޚާބާއެވެ. ރައީސް ޞާލިޙްގެ ވެރިކަން ފެށުނީއެވެ. ޖަމީލުގެ ކޮއްކޮ މަލީހަށް ޓެކްނޮލޮޖީ މިނިސްޓަރުކަން ލިބިވަޑައިގެންނެވިއެވެ. ޖަމީލު ދެން ވާދަކުރެއްވީ، 2019 ވަނަ އަހަރު އޮތް މަޖިލިސް އިންތިޚާބުގައި ވިލިމާލޭ ދާއިރާއަށެވެ. ނަމަވެސް ހިތި ގޮތަކަށް ބަލިވީއެވެ. ރައީސް ޞާލިޙުގެ އަދި އެމްޑީޕީގެ ތާޢީދުވެސް ޖަމީލަށް ލިބިވަޑައި ނުގަތެވެ. އެއާއެކު، ޖަމީލަށް އެމްޑީޕީގެ ވެރިކަން ގޯސްވެއްޖެއެވެ. ރައީސް ޞާލިޙްވެސް ވަގުތުން ވަގުތަށް އަޒުލުކުރަން ވެއްޖެކަމުގައި ބުނަން ފަށައިފިއެވެ. ރައީސް ޞާލިޙަކީ ނުކިޔަވާ ހުރި މީހެއް ކަމަށާއި ތަންދޮރު ނުދަންނަ މީހެއް ކަމަށް ގޮވާ ނަގަން ފެށިއެވެ. ހަޖޫޖަހަން ފެށިއެވެ.

ރައީސް ޔާމީންގެ ވަކީލަކަށް ވެވަޑައިގަތުން

ދެން ފެނިގެން ދިޔައީ ޖަލު ޙުކުމާއެކު ޖަލުގައި ހޭދަކުރައްވަންޖެހިވަޑައިގަތް ރައީސް ޔާމީންގެ ޤާނޫނީ ޓީމުގެ އިސް ލީޑަރުކަން ކުރައްވާ މަންޒަރެވެ. ރައީސް ޔާމީނަށް ބޭވަފާތެރިވި ކުރީގެ ނައިބު ރައީސް ޖަމީލް ފެންނަން ފެށީ ޖަލުގައި އޮންނެވި ރައީސް ޔާމީނަށް ވަރަށް ވަފާތެރި ބޭފުޅެއްގެ ގޮތުގައެވެ. ރައީސް ޔާމީނަށް ޝަރީޢަތުގައި ކާމިޔާބެއް ނުލިބުނެވެ.

ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތުން

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޯމަތިވެގެން އައިއިރު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ޖަލުގައި އޮންނެވި ރައީސް ޔާމީންގެ ރަނިން މޭޓަކަށް ވެވަޑައިގަތުމުގެ ފުރުޞަތު ޖަމީލަށް ލިބިވަޑައިގަތެވެ. ލައްކަ ފޮނި އުއްމީދުތައް ކުރައްވާނެތާއެވެ. ރައީސް ޔާމީން މިނިވަން ވެގެން ނޫން ގޮތަކަށް އިންތިޚާބުގައި ވާދަކުރެއްވޭކަށް ނެތެވެ. ރައީސް ޔާމީން ސަލާމަތްކުރެވޭތޯ ޖަމީލް އިންތިހާއަށް މަސައްކަތްޕުޅު ކުރެއްވިއެވެ. ސުޕްރީމް ކޯޓުން ނިންމީ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެވެން ނެތް ކަމަށެވެ. އެހިނދުން ޖަމީލުގެ އުއްމީދުތައް ފުނޑުފުނޑުވިއެވެ. ދުނިޔޭގެ ލަދަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުއަށް ތާއީދުކުރައްވާކަން ދެއްކިއެވެ.

ޑރ. މުޢިއްޒު އިންތިޚާބު ކާމިޔާބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ޙަވާލުވެވަޑައިގަންނަވައިފިއެވެ.

ޑރ. މުޢިއްްޒުއާ ދެކޮޅު މޫވްމަންޓެއް އުފެއްދުން 

ރައީސް މުޢިއްޒު އިންތިޚާބުވެ ދެވަނައަށް އޮތް ރޭ ރައީސް ޔާމީން މިނިވަންކުރުމުގެ ނަމުގައި ޕީޕީއެމް އޮފީހުގެ ކުރިމަތީގައި، ޖަމީލުގެ ކޮށްކޮ، މަލީޙް ނެރެގެން އިހްތިޖާޖެއް ފެށިއެވެ. ރައީސް މުޢިއްޒު ނަސޭޙަތްތެރިވީ މަގުމަތީ ހަރާކާތްތައް އިހަށް މަޑުޖައްސާލާށެެވެ. ވެރިކަން ލިބިއްޖެއޭ ވިދާޅުވެ، ރައީސް ޔާމީން މިނިވަންވާނެ ކަމުގެ ޔަޤީންކަން މުޢިއްޒު ދެއްވަމުން ގެންްދެވިއެވެ. އެކަން ރައީސް ޔާމީނަކަށް ބަލައެއް ނުގަނެވުނެވެ. އަނެއްކާވެސް ރައީސް ޔާމީން ގޭ ދަށަށް މީހުންކޮޅެއް އެއްކޮށްގެން އިހްތިޖާޖް ފެށިއެވެ. ޚުދު ރައީސް ޔާމީންވެސް އަޑުއުފުއްލެވިއެވެ. މިކަމަށް ހިތްވަރު ދެއްވަމުން ގެންދެވީ ޑރ. ޖަމީލެވެ.

ކޮންމެއަކަސް ޕީޕީއެމްގެ ތެރެއިން އަނެއްކާވެެސް ނުބައި ރޫޙެއް އުފައްދަން ޖަމީލް މަސައްކަތް ފައްޓަވައިފިއެވެ. ރައީސް ޑރ. މުޢިއްޒުއާ ދެކޮޅަށް ހިންގޭ މޫވްމަންޓެއް ކަމަށް ބެލެވޭ ހިސާބަށް ކަންތައްތައް ގޮސްފިއެވެ.

ރައީސް ޔާމީންގެ ބެކިން ލިބިގެން ކަމަށް ސިފަވާ  ގޮތަށް ޕީޕީއެމްގެ ލީޑަރޝިޕްގެ އެއްވެސް ރުހުމެއް ނެތި، ޖަމީލު އަޑީގައި ހުންނަވައިގެން މަލީހު ޖައްސަވަން ފެށި ސަކަރާތް މީޑިޔާތަކަށް ތިލަވެއްޖެއެވެ. ކަމަކު ދާކަށް ނެތެވެ. ހަމަ މައްސަލައަކަށްވީ މަޤާމު ނުލިބުމެވެ. އެ ޕްރެސްއިން މަލީޙްއާއެކު ފެނިގެންދިޔަ ހައެއްކަ މޫނަކީވެސް ހަމަ މަޤާމެއް ނުލިބިފައި ތިބި މޫނު ތަކެކެވެ. އެކަން ކަށަވަރުވިއެވެ. ރައީސް މުޢިއްޒު މިހާތަނަށް ޢައްޔަން ކުރެއްވި ބޭފުޅުންގެ ތެރޭގައި އެއިން އެއްވެސް ބޭފުޅަކު ހިމެނިވަޑައި ނުގަންނަވައެވެ.

ކަންތައްތައް މިހާ ހިސާބަށް ދިއުމުން، ޖަމީލު އަޑީގައި ހުންނަވައިގެން އަނެއްކާވެސް ސަރުކާރާ ތޮޅެން ތައްޔާރުވާން ފަށައިފިކަން ހާމަވެއްޖެއެވެ.

ސްޓިއަރިން ކޮމިޓީއެއް

ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމީލް އިސްކޮށް ހުންނަވައި ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވި މައްސަލައިގައި ޕީޕީއެމް ޕީއެންސީގެ ސެނެޓް މެމްބަރުންތަކެއް ރުޅިގަދަވެ، އޭނާއާ ދެކޮޅަށް އަޑު އުފުއްލަވަން ފެއްޓެވުމުން ސެނެޓް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން މަލީހް ރޭ ބޭރުކޮށްފިއެވެ.

މިއާއެކު، ޕީޕީއެމް ހިންގުމަށް އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ނުލައި އަދި ސެނެޓްގެ ބަހެއް ނެތި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން ސްޓިއަރިން ކޮމިޓީއެއް އުފެއްދެވި މައްސަލަ ވަނީ ހޫނުވެފައެވެ. ސްޓިއަރިން ކޮމިޓީ އުފެއްދުމުގެ އިތުރުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ޠަލާލް އާއި ތަރުޖަމާނު ހީނާ ވަލީދަށް ނޭނގި މަލީހް އިސްކޮށް ހުންނަވައިގެން ސްޓިއަރިން ކޮމިޓީއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން އެ މައްސަލަ ވެސް ވަނީ ހޫނުވެފައެވެ.

ޕީޕީއެމް ޕީއެންސީގެ ސެނެޓް މެމްބަރުން ޤަބޫލު ކުރައްވާ ގޮތުގައި، ޕްރެސް ކޮންފަރެންސެއް ބާއްވާ ނަމަ، އަސާސީ ގަވައިދުގައިވާ ގޮތަށް ސެކްރެޓަރީ ޖެނެރަލް އާއި ތަރުޖަމާނަށް އެނގެން ޖެހެއެވެ. އެކަމަކު، ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން އެކަން ނާންގަވާ ކަމަށް މެމްބަރުން ވިދާޅުވިއެވެ.

ސެނެޓް މެންބަރުންގެ ކަންބޮޑުވުން

އެ މައްސަލައިގައި ޕީޕީއެމް ޕީއެންސީގެ ސެނެޓް މެމްބަރުން ކަންބޮޑުވުން ފާޅު ކުރައްވަން ފެއްޓެވުމާ ގުޅިގެން މަލީހް ވަނީ އެ ގްރޫޕުން ބޭރުކޮށްފައެވެ. އެކަން ކުރެއްވީ ޕީޕީއެމްގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ކަން އެނގިފައިވެއެވެ.

ޕީޕީއެމްގެ ކޮންގްރެސް އިން ފާސްކޮށް ޕާޓީ ހިންގުމުގެ ގަވައިދެއް އޮއްވައި ޔާމީން ނެންގެވި ކޮމިޓީގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ކުރީގެ ނައިބު ރައީސް  ޖިހާދެވެ. އިދާރީ ގޮތުން އެންމެ އިސްކޮށް އުޅުއްވަނީ ރައީސް ޔާމީންގެ ސަރުކާރުގެ ކުޅިވަރާއި ބެހޭ ވަޒީރުކަމާއި، ރައީސް ޞާލިޙްގެ ސަރުކާރުގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ކަން ވެސް ކުރެއްވި މަލީހެވެ.

އެކަމާ ގުޅިގެން ޕީޕީއެމް ޕީއެންސީ ސެނެޓް ގްރޫޕްގައި ހިޔާލު ފާޅު ކުރެއްވި އަޙްމަދު އަދުނާން (ސްޕައިކާ) ވިދާޅުވީ ވަކި ބައެއްގެ އަމިއްލަ އެދުން ހާސިލް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ނުކުޅެވޭނެ ކަމަށާއި ރައީސް މުއިއްޒަށް އެ ބޭފުޅުންގެ ފުރިހަމަ ތާއީދު ލިބޭނެ ކަމަށެވެ. ޕީއެންސީގެ ކައުންސިލް މެމްބަރު މުހައްމަދު ޝިފާޒް ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަން ދަމަހައްޓަން ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް ވެވަޑައިގަންނަވާނެ ކަމަށެވެ.

"މިއީ އަހަރުމެން އެންމެން ވެގެން ގެނައި ސަރުކާރެއް. މަލީހް މި ދެން ކާކުތަ؟" ޝިފާޒް ވިދާޅުވިއެވެ.

ސެނެޓް މެމްބަރު ފާތުމަތު ރުކްޝާނާ ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވައިދާ ހިންގާ ގަވައިދު ފުނޑާލައި ސެނެޓަރުން މިއީ ނެތް ބަޔަކަށް ނުހެދޭނެ ކަމަށާއި މިކަން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އަސާސީ ޤަވައިދާ ހިލާފަށް ކުރާ މަސައްކަތް ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ހަމައެހެންމެ، އެހެން ބައެއް ސެނެޓް މެމްބަރުން ވިދާޅުވީ ޕްރެސް ބޭއްވި ބޭފުޅުންނާ މެދުގައި ލީޑަޝިޕުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އަދި ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިނުގެންނެވޭ ގޮތަށް ސަސްޕެންޑް ކުރަން ޖެހޭނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވިއެވެ.

"ކޮބާހޭ ހައިސިއްޔަތު. ޕްރެސް އަށް އަރަން މަލީހް، ކަލޭ އަށް ވަޒީރުކަން ދޭކަށް ނުޖެހޭނެ. ވަޒީރުކަން ނުލިބުނަސް ތި ބޮޑު ވަރު. ތި ހާއިނެކޭ. ޣައްދާރެކޭ،" ޕީއެންސީގެ ސެނެޓްގައި ހިމެނިވަޑައިގަންނަވާ މެމްބަރު ޝިފާ އިތުރަށް ލިޔުއްވާފައިވެއެވެ.

މީގެއިތުުުުުުުރުން، ޕީޕީއެމްގެ ސެނެޓް މެމްބަރު މުހައްމަދު ޝަކީލް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ވަޒީރުކަމާ ސްޓޭޓް މިނިސްޓަރުކަމާއި ބާޒުތައް ބޭނުންވާ ކުންފުނިތަކުގެ އެމްޑީންގެ މަގާމު ނުލިބުމުން މަގުމަތިން ކުޑަކުދިން ކޮޅެއް ގޮވައިގެން ނުކުމެ މަލީހް ޖަހާ ސަކަރާތުން ރައީސް މުއިއްޒު މި ޤައުމު ބިނާ ކުރެއްވުމަށް ފެއްޓެވި މަސައްކަތަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށެވެ. އަދި ޕާޓީގެ އަސާސީ ޤަވައިދު ބޮލާލައި ޖަހަން ފުރުސަތު ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕީޕީއެމް ލީޑަޝިޕުން މިކަމަށް ފިޔަވަޅު އަޅައި ދެއްވުމަށް ދަންނަވަން. ޕީޕީއެމްއަކީ މަލީހް ދެއިރު ދެ ދަޅައަށް ބޯވައެއް ހެން ކުލަ ބަދަލުކޮށްގެން ވަންނަން އޮތް ހޮރެއް ނޫން، ޝަކީލް ވިދާޅުވިއެވެ.

މަލީހް އާ މެދުގައި ފިޔަވަޅު އަޅައި ދިނުމަށް ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީގެ ސެނެޓް މެމްބަރުން ގޮވާލައްވަން ފެއްޓެވުމުން މަލީހް ވަނީ އެ ގްރޫޕުން ބޭރުކޮށްލައިފައެވެ.

ޖަމީލުގެ ވަގު ނޯޓު

ރިޔާސީ އިންތިހާބުގެ ކާމިޔާބީއަށް ފަހު ޕީޕީއެމްގެ އެތެރޭގައި ލަމުން ދިޔަ ރެނދު ބޮޑުވަމުން ގޮސް، ދެފަޅި ވެގެން ގޮސްފައިވަނިކޮށް، ރައީސް ޔާމީންގެ ޖަލުގައި ހުންނެވި ދުވަސްވަރު އެ މަނިކުފާނުގެ މެސެޖު ކަމަށް ވިދާޅުވެ، ސައްހަ ނޫން ނޯޓުތަކެއް ޕީޕީއެމްގެ ލީޑަރޝިޕަށް ލިބިފައިވާ ކަމަށް ލީޑަރޝިޕުން ތުހުމަތުގެ ރަނގަބީލުގެ އަޑު މިއަދު ގަދަވެއްޖެއެވެ. ބައެއް ނޯޓުތަކާމެދު ޝައްކު އުފެދުނީ ޔާމީންގެ މިޒާޖާ ނުގުޅޭ ނޯޓުތަކަކަށް ވުމުންކަން އެނގިފައިވެއެވެ.

މާފުށީ ޖަލުގައި ޔާމީން ހުންނެވި ދުވަސްވަރު ޕާޓީގެ ލީޑަޝިޕަށް ދެއްވަން ބޭނުންވި މެސެޖުތައް ފޮނުއްވީ ގާނޫނީ ވަކީލުންގެ ޓީމު، ހާއްސަކޮށް އެ ޓީމުގައި އިސްކޮށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު މެދުވެރިކޮށެވެ.  ޔާމީންގެ ނަން ބޭނުންކޮށްގެން ވަރަށް ގިނަ ވާހަކަތަކެއް ފަތުރާފައި ހުރިއިރު، ޝައްކު ކުރެވޭ އެތައް ނޯޓެއް ލީޑަރޝިޕާ ޙިއްސާކުރެއްވި ކަމަށް މަޢުލޫމާތު ލިބެއެވެ.

ނިއުޅުނު އާ ޞަފްޙާ

އެ ކޮމިޓީއާމެދު ޕާޓީގެ ލީޑަޝިޕުން ބަޔަކު ހިތްހަމަ ނުޖެހިގެން ކޮމިޓީގައި އިސްކޮށް ހުންނެވި، މުހައްމަދު މަލީހް ޖަމާލުގެ ސްކޫލީ މައްސަލަ ބަލައި، އޭނާ ޕާޓީން މިއަދު ވަކިކުރިއެވެ. އެކަމާ ގުޅިގެން، ރައީސް ޔާމީން ޕީޕީއެމްއާ ދުރަށްޖެހިވަޑައިގަންނަވަން ޔާމީން ނިންމެވިކަން ޖަމީލު އިޢުލާން ކުރެއްވިއެވެ. ޔާމީންގެ ޕީޕީއެމް ދޫކޮށްލައްވައި، އާ ޕާޓީއެއް ވުޖޫދުކުރައްވާ ވާހަކަ އިއުލާނު ކުރެއްވީ މަލީހު ވަކިކުރަން ނިންމި ފަހުންނެވެ.

ޔާމީން އަދިވެސް ހުންނެވީ އެގާރަ އަހަރުގެ ޖަލު ހުކުމެއްގަ އެވެ. ހުކުމުގައި ހުންނެވި ނަމަވެސް ހުކުމް ތަންފީޒުކުރައްވަނީ ރަށު ބަންދެއްގައެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރިޔާސީ އިންތިހާބުން ނާކާމިޔާބުވި ފަހުން ޔާމީން ފުރަތަމަ ގޭބަންދަށް ބަދަލުކުރިއެވެ. އެއަށް ފަހު މާލޭ ސަރަހައްދުގެ ތަންތަނަށް ވަޑައިގަނެވޭ ގޮތަށް އިތުރު ލުއިތަކެއް ދިނެވެ. ޔާމީން މިނިވަން ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރައީސް މުޢިއްޒުގެ ސަރުކާރު އުފެދުނީ ގައުމީ ފަލްސަފާގައި ތިބި އެތައް ރައްޔިތުންގެ ބުރަ މަސައްކަތުންނެވެ. އެހެންކަމުން، ރައީސް މުއިއްޒުގެ ފަހަތުގައި ޕީޕީއެމްގެ އާންމު މެންބަރުން ތިބޭނެ ކަމާމެދު ޝައްކެތް ނުކުރަމެވެ.

ޖަމީލަށް ކާމިޔާބުވުން

ޖަމީލު ޤައުމުގެ ނައިބު ރައީސް ކަމުން ދުރުކުރުމުން، ރައީސް ޔާމީނާ މެދު އުފެދުނު ރުޅިވެރިކަމުގައި، ބަދަލު ހިފުމުގެ ރޫޙަށް މިރޭ ޖަމީލަށް ލިބުނީ ނަޞްރެވެ. ޖަމީލު މިސްރާބު ކުރި މަގަށް، ރައީސް ޔާމީން ޕީޕީއެމްއާ ވެސް ދުރުކުރެވިއްޖެއެވެ. 2018 ގެ އިންތިޚާބުންވެސް ބަލިކުރަން ޖަމީލު ނުކުތެވެ. ޔާމީން ބަލިވީއެވެ. 2023 ގެ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަވެސް ނުކުރެއްވުނެވެ. އެކަމަކު އެންމެ މޮޅު ވަކީލެއްގެ ގޮތުގައި ހުންނެވީވެސް ޖަމީލެވެ. އެންމެ ފަހުން ޕީޕީއެމްގެ ރައީސް ކަންވެސް ޔާމީނަށް ގެއްލިގެން ދިޔައީއެވެ. ޖަމީލުގެ ނަސޭޙަތާއި ވަސްވަސްތަކާ ހެދިއެވެ.

ކޮންމެ އަކަސް އެތައް މަގަމުން ހިންގަވައި، ރައީސް ޔާމީންގެ ދުވަސް ދުއްވާލަން ޖަމީލު ރޭއްވެވި ޙީލަތްތެރި ރޭވުން ކާމިޔާބުކުރައްވައިފިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު