ބައެއް މީހުންނަށް މަސްއޫލިއްޔަތުގެ މާނަ އޮޅިފައިވޭ؛ އެއީ ފަޚްރުވެރިކަމާއި ޝަރަފުވެރިކަން ކަމުގައި ބައެއް މީހުން ހީކުރޭ: ޚުތުބާ

ބައެއް މީހުންނަށް މަސްއޫލިއްޔަތުގެ މާނަ އޮޅިފައިވާކަމަށާއި އެއީ ފަޚްރުވެރިކަމާއި ޝަރަފުވެރިކަންކަމުގައި ބައެއް މީހުން ހީކުރާކަން ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

'އަމާނާތްތެރިކަމާއި މަސްއޫލިއްޔަތު' މި މަޢުޟޫޢުގެ މައްޗަށް ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި އިއްވި މިއަދުގެ ހުކުރު ޚުތުބާގައިވަނީ، ބައެއް މީހުންނަށް މަސްއޫލިއްޔަތުގެ މާނަ އޮޅިފައިވާކަމަށާއި އެއީ ފަޚްރުވެރިކަމާއި ޝަރަފުވެރިކަންކަމުގައި ބައެއް މީހުން ހީކުރާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެއީ ތިމާގެ ބާރު ދެއްކުމަށް ހުޅުވޭ ދޮރެއްކަމަށް ދެކި ފިނި ކޮޓަރީގައި ބޭޒު ދޮށުގައި އިނދެ ކަންކަމަށް އަމުރުކުރުމަކީ އެފަދަ މީހުންގެ އަމާޒުކަމަށެވެ. މަސްއޫލިއްޔަތާއި ބެހޭގޮތުން ގިޔާމަތްދުވަހު ސުވާލުކުރައްވާނޭ ކަން ތަކުރާރުކޮށް ޚުތުބާގައި ހަނދާން ކޮށްދިނެވެ.

ޚުތުބާގައި ވިދާޅުވީ، މީހުންގެ މައްޗަށް މަސްއޫލުވެރިއަކު ހުންނަންޖެހެނީ އެމީހުންގެ ކަންކަން އިސްލާހުކޮށް ބަލަހައްޓައި އެމީހުންގެ ކަންކަން އޮޅުންބޮޅުންވެ ފާލުންނެއްޓިގެން ދިޔަ ނުދިއުމަށްޓަކައިކަމަށެވެ. އަދި ކަންކަމާ ހަވާލުވެތިބޭ މަސްއޫލުވެރިން އެ މަސްއޫލިއްޔަތު އަދާނުކޮށް ޒާތީ މަސްލަހަތު އިސްކޮށް ނަހަމަގޮތުގައި އޭނާގެ މަގާމުގެ ބޭނުންކޮށްފިނަމަ އެ ވެވުނީ އަމާނާތަށް ހިޔާނާތްތެރިކަމަށް ހުތުބާގައި ވިދާޅުވެފައެވެ. އަދި ތިމާއާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ޤަޔާމަތްދުވަހު ސުވާލު ކުރެވޭނެ ކަމަށާއި އެހެންކަމުން މިއަދު އެ މަސްއޫލިއްޔަތުތަކަށް ފަރުވާތެރިވެ އަމާނާތްތެރިކަމާއެކު މަސްއޫލިއްޔަތުތައް އަދާކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައްވާފައިވެއެވެ.

"ދިހަ މީހެއްގެ ނުވަތަ އެއަށްވުރެ ގިނަ މީހުންގެ ވެރިއަކަށް އިސްވި މީހާ ﷲ ގެ ޙަޟްރަތަށް ގެނެވޭނީ ކަސްތަޅު އެޅިގެންވާ ހާލުގައެވެ. ނުވަތަ އޭނާގެ ކަސްތަޅު ނައްޓާދޭނީ އޭނާގެ ހެޔޮ އަމަލެވެ. ކަސްތޮޅުގައި އޭނާ ބަދެލާނީ ނުބައި އަމަލުތަކެވެ. އަދުލުވެރިނުވެވޭނަމަ ވެރިކަމުގައި އޮތީ މީސްތަކުންގެ މަލާމާތެވެ. މެދުތެރޭގައި އޮތީ އެކަމަށް ހިތާމަކުރުމެވެ. ގިޔާމަތްދުވަހު އޮތީ ދެރަކަމާއި ނިކަމެތިކަމެވެ". ހުތުބާ ހުތުބާގައި ވަނީ މަސްއޫލިއްޔަތަކީ ފަސޭހަކަމެއްކަމަށް ހީނުކުރުމަށް ގޮވާލައްވާފައެވެ.

ހުތުބާގައި ވިދާޅުވީ، ފަހު ޒަމާނުގައި މަސްއޫލިއްޔަތުތަކާއި ހަވާލުވާ ބައެއް މީހުންގެ ކިބައިގައި އެމީހުން ހަވާލުވާ މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލުކަން ނުހުންނާނެކަމަށް މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވާކަމަށެވެ.

"މީހަކު ނަބިއްޔާގެ އަރިހުގައި ދެންނެވި ގިޔާމަތްވާނީ ކޮންއިރަކުތޯއެވެ. ނަބިއްޔާ ހަދީސްކުރެއްވިއެވެ. އަމާނާތްތެރިކަން ނަގައިލެވިއްޖެނަމަ ގިޔާމަތްދުވަހަށް އިންތިޒާރުކުރާށެވެ. އޭނާ ދެެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އަމާނާތްތެރިކަން ނަގާލެވޭނީ ކިހިނަކުންތޯއެވެ؟ ހަދީސްކުރެއްވިއެވެ. އެކަމުގެ ގާބިލުކަމާއި އަހުލުވެރިކަން ނެތް މީހަކާއި ކަންކަން ހަވާލުކުރެވިއްޖެނަމަ ގިޔާމަތައް އިންތިޒާރުކުރާށެވެ."

ވެރިކަމަކީ، އަމުރުކުރުމާއި ބައެއްގެ މައްޗަށް ގަދަވެގަތުން ނޫންކަމަށާއި އެއީ ޒިންމާތަކެއް ކަން ވިދާޅުވެދެއްވިއެވެ.

އެހެންކަމުން ދީނާއި އަގީދާގެ މަސްއޫލިއްޔަތުތަކާއި ވަޒީފާގެ މަސްއޫލިއްޔަތުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހުތުބާގައި ގޮވާލެއްވިއެވެ. މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލުކަން ނެތްނަމަ އެފަދަ މަސްއޫލިއްޔަތުތަކާއި ހަވާލުނުވުމަށާއި މަސްއޫލިއްޔަތު އަދާނުކުރެވުނު މީހުންނަށް ގިޔާމަތްދުވަހު އެކަންވާނީ ހިތާމައަކަށްކަމަށް ހުތުބާގައި ވިދާޅުވެދެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު