ކޮންމެ މީހަކަށް ވުރެ މި ގައުމު މާ ބޮޑު ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު އަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މިހެން ވިދާޅުވެ، އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީޕީއެމް ޕީއެންސީއަކީ ޤައުމު އިސްކުރާ ދެ ޕާޓީ ކަމަށާއި، ކޮންމެ މީހަކަށް ވުރެ މި ގައުމު މާ ބޮޑު ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ ދިވެހި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ޑރ. މުއިއްޒުއާ އެކު ފިސާރި ސާބިތުވެ. މާތް الله ގެ ވާގިފުޅާ އެކު ރައީސް މުއިއްޒުގެ ސަރުކާރުގެ ވެގެންދާނީ ދިވެހި ގައުމީ ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދޭނެ ސަރުކާރަކަށް. ފަސްއެނބުރި ބެލުމެއް ނެތި އަޅުގަނޑުމެން ދާނީ ކުރިއަށް," އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވީ، ރައްޔިތުންނަށް ވެސް އެންމެ ރަނގަޅު ގޮތަކީ ރައީސް މުއިއްޒުގެ ސަރުކާރާ އެކު ސާބިތުވެ ތިބުން ކަމަށެވެ.
މިފަދައިން ވިދާޅުވެފައިވާއިރު ރޭގެ ވަގުތެއްގައި ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގަންނަވާފައެވެ. އަދި އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ރައީސް ޔާމީން ވަނީ ފައްޓަވާފައެވެ.
މިކަމުގައި އިސްކޮށް އުޅުއްވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ނައިބު ރައީސް ކަމުގެ މަޤާމު ފުރުއްވި، ޑރ. މުޙައްމަދު ޖަމީލް އަޙްމަދާއި، އަދި ވޭތުވެދިޔަ ޕީޕީއެމް ސަރުކާރާއި އެމްޑީޕީ ސަރުކާރުގައި ވަޒީރުކަން ކުރެއްވި، ޖަމީލުގެ ކޮއްކޯފުޅު މުޙައްމަދު މަލީޙް ޖަމާލެވެ.
ރައީސް މުޢިއްޒުއަށް ވެރިކަން ލިބުމަށް މެދުވެރިއަކަށްވި ޕީއެންސީގެ އޭރުގެ ރައީސް، އަބްދުއްރަހީމްއަކީ ރައީސް މުއިއްޒުއަށް ވެރިކަން ކާމިޔާބު ކޮށްދެއްވުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި އެއް ބޭފުޅާއެވެ. އަބްދުއްރަހީމް ވަނީ ކެމްޕޭނު ދުވަސްވަރު، ރައީސް މުއިއްޒު އާއެކު ހުރިހާ ރަށަކަށް ވަޑައިގެންފައެވެ.
އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ސަރުކާރު ބަދަލުވި މަރުހަލާގައި އިންތިގާލީ އޮފީހުގެ އެންމެ އިސްވެރިޔާގެ މަގާމު ވެސް ފުރުއްވީ އަބްދުއްރަހީމް އެވެ. އަބްދުއްރަހީމްއަކީ މިހާރު ރައީސް މުއިއްޒުއަށް ހާއްސަ ލަފާ އަރުވާ، ސްޕެޝަލް އެޑްވައިޒަރެވެ.